Roadha Mihaaru

ލިވަޕޫލް ބަލިވިއިރު ރޫނީ ޔުނައިޓެޑް ސަލާމަތްކޮށްދީފި

ލިވަޕޫލް (ޖެނުއަރީ 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސްވަންސީ ސިޓީ އަތުން އަމިއްލަ ދަނޑުގައި 3-2 އިން ލިވަޕޫލް ބަލިވިއިރު، ވޭން ރޫނީގެ ރެކޯޑް ލަނޑާ އެކު ސްޓޯކް ސިޓީ އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ލިވަޕޫލް ބަލިވިއިރު ރޫނީ ޔުނައިޓެޑް ސަލާމަތްކޮށްދީފި
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

22 ޖެނުއަރީ 2017

ލިވަޕޫލް (ޖެނުއަރީ 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސްވަންސީ ސިޓީ އަތުން އަމިއްލަ ދަނޑުގައި 3-2 އިން ލިވަޕޫލް ބަލިވިއިރު، ވޭން ރޫނީގެ ރެކޯޑް ލަނޑާ އެކު ސްޓޯކް ސިޓީ އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ސްޓޯކް ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ. މި މެޗުގައި ޖެހި ލަނޑާ އެކު ރޫނީ ވެފައިވަނީ ޔުނައިޓެޑް ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. ރޫނީ ރެކޯޑް ހެދީ 250 ލަނޑު ހަމަކޮށްގެންނެވެ.

މިރޭގެ ނަތީޖާއާ އެކު ލިވަޕޫލް ލީގުގެ ތިން ވަނައިގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 45 ޕޮއިންޓާ އެކު އެވެ. އެހެން ނަމަވެސް މާދަމާރޭ އާސެނަލް ކުޅޭ މެޗުން މޮޅުވެއްޖެނަމަ ލިވަޕޫލް ހަތަރަކަށް ވެއްޓޭނެ އެވެ. ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތީ 22 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ.

ލިވަޕޫލް އަތުން ޕްރިމިއާ ލީގުގެ ތާރީހުގައި ހޯދި ފުރަތަމަ މޮޅާ އެކު ސްވަންސީ ވަނީ ރެލިގޭޝަން ޒޯނުން ބޭރަށް ޖެހިލައިފަ އެވެ. މިއީ ސްވަންސީގެ އާ ކޯޗު ޕައުލް ކްލެމެންޓްގެ ކޯޗުކަމުގައި އެ ޓީމު ލީގުގައި ހޯދި ފުރަތަމަ މޮޅެވެ. ސްވަންސީ ލީގުގެ 17 ވަނައިގައި އޮތީ 22 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.

ސްވަންސީން ދެ ވަަނަ ހާފް ފެށިގެން ދެ ލަނޑުގެ ލީޑެއް ނެގިއިރު އެ ޓީމަށް ދެ ލަނޑު ވެސް ޖަހައިދިނީ ސްޕެއިނުގެ ފޯވާޑް ފެނާންޑޯ ލޮރެންޓޭ އެވެ. ލިވަޕޫލުން ފަހަތުން އަރައި އެއްވަރުކުރިއިރު، އެ ޓީމުގެ ދެ ގޯލު ވެސް ޖެހީ ރޮބާޓޯ ފިރްމީނޯ އެވެ.

ސްވަންސީ މޮޅުކޮށްދިން ލަނޑު ކާމިޔާބުކުރީ އައިސްލެންޑްގެ މިޑްފީލްޑަރު ގިލްފީ ސިގަޑްސަން އެވެ. މިއީ އަހަރަކަށް ފަހު ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ. އަދި މި ސީޒަނުގައި ލީގުގައި ބަލިވި ތިން ވަނަ މެޗެވެ.

މިރޭ ޔުނައިޓެޑް ކުޅުނު މެޗުގައި އެ ޓީމު ކޮޅަށް ވަން ލަނޑަކީ އެ ޓީމަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު ހުއަން މަޓާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކުރަން މަޓާ އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަަތިންނެވެ.

ދެ ވަނަ ހާފް ފެށިގެން ލީޑުފުޅާކުރަން ސްޓޯކްގެ ސްވިޒަލެންޑް މިޑްފީލްޑަރު ޒެރްޑަން ޝަގީރީ އާއި މާކޯ އާނައުޓޮވިޗަށް ލިބުނު ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ.

ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ފޮނުވާލި ބޯޅަތައް ގޯލާ ސީދާނުވެ ދިޔައިރު، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ޖެސޭ ލިންގާޑް ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ.

ޔުނައިޓެޑަށް އެއްވަރުކޮށްދިން ލަނޑު މެޗުގެ އިތުރު ވަގުތުގައި ރޫނީ ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ. ސްޓޯކް އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ރޫނީ ފޮނުވާލުމުން އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބޯންމައުތާއި ވަޓްފޯޑް ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، ވެސްޓް ހޭމް ވަނީ 3-1 އިން ރަށުންބޭރުގައި މިޑްލްސްބަރާ ބަލިކޮށްފަ އެވެ. އެވަޓަން 1-0 އިން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރިހޯދިއިރު، ވެސްޓް ބްރޮމް ވަނީ 2-0 އިން ސަންޑަލެންޑް ބަލިކޮށްފަ އެވެ.