އަހަރުތަކެއް ކުރިން އެންމެ އަވަހަށް މައްސަލަ ނިންމި ސިވިލް ކޯޓު މިހާރު އޮތީ އެއް އަހަރު ވަންދެން ބަންދު ދުވަސްތަކުގައި މަސައްކަތް ކުރިޔަސް މައްސަލަތައް ނުނިންމޭ ހިސާބަށް ގޮސް، އެތައް އަހަރެއް ފަހަތަށް ވެއްޓިފަ އެވެ. ކޮންމެ ފަނޑިޔާރެއްގެ އަތުގައި މިހާރު 300 އަށް ވުރެ ގިނަ މައްސަލަ އެބައޮތެވެ.
22 މާޗް 2023
އަހަރުތަކެއް ކުރިން އެންމެ އަވަހަށް މައްސަލަ ނިންމި ސިވިލް ކޯޓު މިހާރު އޮތީ އެއް އަހަރު ވަންދެން ބަންދު ދުވަސްތަކުގައި މަސައްކަތް ކުރިޔަސް މައްސަލަތައް ނުނިންމޭ ހިސާބަށް ގޮސް، އެތައް އަހަރެއް ފަހަތަށް ވެއްޓިފަ އެވެ. ކޮންމެ ފަނޑިޔާރެއްގެ އަތުގައި މިހާރު 300 އަށް ވުރެ ގިނަ މައްސަލަ އެބައޮތެވެ.
މިދިޔަ އަހަރު އަމަލުކުރަން ފެށި މަދަނީ އިޖްރައާތުގެ ގާނޫނަކީ މުޅި މަދަނީ އަދުލުގެ ނިޒާމު އެކީއެކަށް ބަދަލުކޮށްލި ބިޔަ ގާނޫނެކެވެ. މައްސަލަ ހުށަހަޅާ ފޯމު ފަދަ އާދައިގެ ކަންކަން ވެސް ބަދަލުވި އެވެ. އެއް އުސޫލަކުން އަމަލުކުރާނެ އިޖްރައާތެއް އެ ގާނޫނުން ތައާރަފް ކުރިޔަސް، ނިޒާމު ގާތްގަނޑަކަށް ހުއްޓިއްޖެ އެވެ.
އެންމެ ބޮޑު ހުއްޓުމެއް އައީ ކުރިން އެންމެ ބާރަށް ކުރިއަށް ގެންދިޔަ ތަންފީޒު މަރުހަލާ އެވެ. ކުރިން ހުކުމް ތަންފީޒު މަރުހަލާގައި ޕާސްޕޯޓް ހިފެހެއްޓުމާއި ހުކުމަށް އަމަލު ނުކުރާނަމަ ޖޫރިމަނާ އާއި ގޭ ބަންދުކުރުން ފަދަ ފިޔަވަޅުތައް އެޅުނަސް، އާ ގާނޫނު އޮތްގޮތުން މިހާރު ކުރެވޭ ހަމައެކަނި ކަމަކީ މުދާ ހިފެހެއްޓުމެވެ.
"މި ތިބެނީ ހުކުމް ތަންފީޒު ނުކުރެވި"
މަދަނީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލު ވިދާޅުވި ގޮތުގައި މުދަލާއި ފައިސާތަކަކީ ކޮބައިކަން ހޯދައިގެން ހުކުމް ތަންފީޒު ކުރެވޭނެ ފަދަ ނިޒާމެއް ކޯޓުތަކުގައި ނެތެވެ. އެކަމާ ހެދި އެތައް ހުކުމެއް ތަންފީޒު ނުވެ އަދި އެތައް ބަޔަކަށް ލިބެންޖެހޭ ފައިސާތައް ނުލިބި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުގައި އޮންނަނީ ފައިސާ ދައްކަންޖެހޭ މީހާ ބަހައްޓާފައި އޭނާގެ މުދާ ފަހަތުން ދާން. އެ މީހާގެ މުދަލަކީ ކޮބައިތޯ ކޯޓުން ބަލަން ޖެހޭނެ ކަމަށް ގާނޫނުގައި އޮންނަނީ. އެކަން ބަލާށޭ ކިޔާފައި އަޅުގަނޑުމެން ކޯޓަށް ދިޔައިމަ ކޯޓުން ބުނަނީ ތި ހުރިހާ ކަމެއް ކުރާނެ މުވައްޒަފުންނެއް ނެތޭ." އޭނާ ވިދާޅުވި އެވެ.
"ކްލަޔަންޓުންނަށް މިކަންކަމެއް ނޭނގޭ. އެ މީހުން ބުނާނީ ކީއްވެގެންހޭ ހުކުމް ތަންފީޒު ނުވާންވީ. އެކަމަކު އަޅުގަނޑުމެންނަށް އިނގޭ ގާނޫނުގައި މިހެން އޮތަސް، ވަސީލަތްތަކެއް ކޯޓުތަކުގައި ނެތިއްޔާ މިކަމެއް ނުކުރެވޭނެކަން." ނަން ނުޖަހަން އެދި ވާހަކަ ދެއްކެވި އެ ވަކީލު ވިދާޅުވި އެވެ.
ސިވިލް ކޯޓު --- ފޮޓޯ/މިހާރު
އެހެންވެ، އޭނާ ވިދާޅުވި ގޮތުގައި ދަރަނިވެރިން ވެސް މިހާރު ފައިސާ ގެންގުޅެނީ ކޯޓަށް އަތުނުލެވޭނެ ގޮތަށެވެ.
"ދަރަނިވެރިޔާގެ އެކައުންޓަކު ފައިސާއެއް ނުހުރޭ. އެކަމަކު މާލޭގައި އުޅެނީ ކުއްޔަށް. އޭނާ ބުނަނީ ފައިސާއެއް ނުވަތަ މުދަލެއް ނެތޭ. ކިހިނެތްތޯ ގަބޫލު ކުރާނީ އެއްވެސް ފައިސާއެއް ނެތް މީހަކު މާލޭގައި ކުއްޔަށް އުޅޭނެ ކަމަކަށް. ދެން މި ތިބެނީ ހުކުމް ތަންފީޒު ނުކުރެވި." އޭނާ ވިދާޅުވި އެވެ.
ގާނޫނަށް އަމަލުކުރަން ފެށުމުން، ކުރިން ސިވިލް ކޯޓުގައި އޮތް ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ އޮތްއިރު ގިނަ މައްސަލަތަކުގައި ޝަރީއަތް ކުރަން ނުޖެހި ދެ ފަރާތް ކޯޓުގައި ވަކި ގޮތަކަށް އެއްބަސްވުމުން ގިނަ ވަގުތުތަކެއް ސަލާމަތްވެ، މައްސަލަ ނިންމާ ސްޕީޑް ވަރަށް ބޮޑަށް އަވަސްވި އެވެ.
އެހެން ނަމަވެސް ގާނޫނަށް އަމަލުކުރަން ފެށުމުން ކުރިން އެންމެ ދުވަހަކުން ނިންމާލެވޭ މައްސަލަތައް އެތައް މަހަކަށް ދެމިގެން ހިނގައްޖެ އެވެ. މިސާލަކަށް ކްރެޑިޓް ކާޑަށް ފައިސާ ނުދެއްކުން ފަދަ ކުދި މައްސަލަތައް ވެސް، ހުރިހާ ކަމެއް ލިޔެކިޔުމުން ކުރަން ޖެހޭތީ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ނަގަ އެވެ.
"ދައުވާލިބޭ މީހާ ފައިސާ ދައްކަން އެއްބަސްވާ ކަމަށް ބުނެ ފޯމް ހުށަހެޅީމަ ފައިސާ ދައްކަންވީ މުއްދަތަށް ދައުވާކުރާ ފަރާތުން އެއްބަހެއް ނުވޭ. ދެން ދައުވާކުރާ މީހާ އަނެއްކާ ހުށަހަޅަންވީ ފޯމަކުން އޭނާ ބޭނުންވާ ގޮތް. އަނެއްކާ އެ ގޮތް ނުވެދާނެ ދައުވާލިބޭ މީހާ ބޭނުންވާ ގޮތަކަށް. މިއީ ކުރިން ދެ ފަރާތުން އެއް ހާޒިރެއްގައި ތިބެގެން އަވަހަށް ހައްލެއް ހޯދޭ ކަންކަން." މިކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
"ކުރީގައި ލިޔަން ކިޔަން އެނގޭ މީހަކަށް ވިއްޔާ ދައުވާ ފޯމެއް ފުރާލެވޭނެ. މިހާރު އާންމު މީހަކަށް ނޭނގޭނެ ކޮން ކަމަކަށް ކޮން ފޯމެއްކަން ފުރަން ޖެހެނީކީއެއް."
ޖަވާބުދާރީވާން ދައުވާލިބޭ މީހާއަށް ކޯޓުން އަންގާއިރު ގިނަ އަދަދެއްގެ ލިޔުންތައް ގާނޫނު އޮތްގޮތުން ހަވާލު ކުރަންޖެހެ އެވެ. އޮންލައިންކޮށް ލިޔުން ހަވާލު ކުރުމުގެ ފުރުސަތު އޮތަސް، ގިނަ މީހުން އެއްބާރުލުން ނުދޭތީ ގިނަ މައްސަލަތަކުގައި ޖެހެނީ ކޯޓަށް ހާޒިރުކޮށްގެން ފޯމްތައް ހަވާލު ކުރާށެވެ.
ލިޔުންތައް ހަވާލު ނުކުރެވޭހޭ ހިނދަކު މައްސަލަ ކުރިއަށް ގެންދެވޭކަށް ނޯވެ އެވެ. އެތައް މައްސަލައެއް މިކަމާ ހެދި ވެސް ކުރިއަށް ނުގޮސް މަޑުޖެހިފައި އެބަހުއްޓެވެ. އިންސާފު ހޯދަން ކޯޓަށް ދާ މީހުންނާއި އެ މީހުންގެ ވަކީލުން މައްސަލަ ލަސްވެގެން ކިތަންމެ ޝަކުވާއެއް ކުރިޔަސް، އެ ނޫން ގޮތެއް މިވަގުތު ނެތެވެ.
"ކޯޓަށް ދިޔައިމަ ލިބޭ ޖަވާބަކީ އަދިވެސް ދައުވާލިބޭ މީހާއާ ފޯމްތައް ހަވާލެއް ނުކުރެވެއޭ. ހަވާލު ކުރެވޭނެ ދުވަހެއް ވެސް ނޭނގޭއޭ. ދެން މި މަރުހަލާ ނިމި އަޑުއެހުމާ ހިސާބަށް ދެވޭނެ އިރެއް ނޭނގޭ." އޭނާ ވިދާޅުވި އެވެ.
މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން 180 އަށް ވުރެ ގިނަ ކޯޓުން ވަކިވަކިން ގަވާއިދު ހަދަން ޖެހުމުން އެއްވެސް އުސޫލެއް އަދި ހަމައެއް ނެތެވެ. ގަވާއިދުގެ ދަށުން ކޯޓުތަކުން ހެދި ފޯމްތަކުގައި އެތައް މައްސަލަ އެކެވެ. ބައެއް ކޯޓުތަކުން އަދިވެސް ގަވާއިދު ނުހަދަ އެވެ.
"ނިޒާމު ހުއްޓިފައި މި އޮތީ. ގާތްގަނޑަކަށް ޑެޑްލޮކެއްގައި އޮތީ."
ހުށަހަޅަން ޖެހެނީ ކޮން ފޯމެއްކަން ގިނަ ފަހަރު ވަކީލުންނަށް ވެސް އޮންނަނީ އޮޅިފަ އެވެ.
ޝަރީއަތް ހިންގާ މާލަމެއް --- ފޮޓޯ/މިހާރު
"ކުރީގައި ލިޔަން ކިޔަން އެނގޭ މީހަކަށް ވިއްޔާ ދައުވާ ފޯމެއް ފުރާލެވޭނެ. މިހާރު އާންމު މީހަކަށް ނޭނގޭނެ ކޮން ކަމަކަށް ކޮން ފޯމެއްކަން ފުރަން ޖެހެނީކީއެއް. ގިނަ ރަށްރަށުގައި ވަކީލުން ނުތިބޭތީ އާންމު މީހުން އެބަދޭ ކޯޓަށް ދައުވާ ފޯމް ފުރައިދޭށޭ ކިޔާފައި." ކުރިން ވާހަކަ ދެއްކެވި ވަކީލު ވިދާޅުވި އެވެ.
ދައުވާލިބޭ މީހާ ޖަވާބު ފޯމް ހުށަނާޅައިފިނަމަ ގާނޫނު އޮތްގޮތުން ޣައިރު ހާޒިރުގައި މައްސަލަ ނިންމުމުގެ ފުރުސަތު މިހާރު އޮވެ އެވެ. އެކަމަކު ކުރީގެ ނިޒާމާ މުޅިން ތަފާތު މި އުސޫލަކަށް ގިނަ މީހުންގެ ހޭލުންތެރިކަމެއް ނެތެވެ. ނަތީޖާއަކީ ޖަވާބުދާރީވުމުގެ މުއްދަތު ހަމަވެގެން ޣައިރު ހާޒިރުގައި ހުކުމެއް އައުމެވެ.
އެ ވަކީލު ވިދާޅުވި ގޮތުގައި މަދަނީ އިޖްރައާތުގެ ގާނޫނުގައި ރަނގަޅު ކަންތައްތަކެއް ހުއްޓަސް، މުޅި ގާނޫނަކީ އަވަސް އަރުވާލައިގެން ހެދި ގާނޫނެކެވެ. އިބާރާތް ކުރުމުގައި ވެސް، ދެ މާނަ ނެގޭ ގޮތަށް އަދި މަފްހޫމް ސާފުނުވާ އެތައް ކަމެއް ހުރުމުން ކޯޓުތަކުން ވެސް އަމަލު ކުރަނީ އެކިގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިވިލް ކޯޓުގެ އެކި ސެކްޝަންތަކުން ވެސް އަމަލު ކުރަނީ އެކިގޮތަށް." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަދަނީ އިޖްރައާތުގެ ގާނޫނު ފާސްކުރީ ފެށި ހެދީ އެކަށީގެންވާ މިންވަރަށް ހިޔާލު ހޯދުމެއް ނެތި އެވެ. އޭގެ ސަބަބުން ގާނޫނުގެ ބޮޑު ބައި އޮތީ ރާއްޖޭގެ ނިޒާމާ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި އޭގެ ސަބަބުން މުޅި ނިޒާމު ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަދަނީ އަދުލުގެ ނިޒާމު ހުއްޓިފައި މިއޮތީ. ގާތްގަނޑަކަށް ޑެޑްލޮކެއްގައި މި އޮތީ." އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް މިކަމުގައި ހިޔާލު ތަފާތުވާ އެހެން ބައެއް ވަކީލުން ވިދާޅުވި ގޮތުގައި ގާނޫނުގައި މާ ބޮޑު މައްސަލައެއް ނެތެވެ. އަސްލު މައްސަލައަކީ ކޯޓުތަކާއި ވަކީލުން އެކަމަށް ރަނގަޅަށް ތައްޔާރު ނުވެވެނީސް އަމަލުކުރަން ފެށުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިވިލް ކޯޓުގެ ބައެއް ސެކްޝަންތަކުން އެބަ ގަބޫލުކުރޭ ޣައިރު ހާޒިރުގައި ހުކުމް ކުރުމަކީ ބޭ އިންސާފު ކަމެކޭ. އެކަމަކު ގާނޫނުގައި އޮތްގޮތް އެއީ ޖަވާބުދާރީ ނުވެ މުއްދަތު ހަމަވީމަ ޣައިރު ހާޒިރުގައި ނިންމޭނެކަން. ހޭލުންތެރިނުވުން އެއީ އަސްލު މައްސަލައަކީ." އެ ވަކީލު ވިދާޅުވި އެވެ.
ރައްޔިތުންގެ މުދަލާއި ފައިސާ އާއި ވިޔަފާރީގެ ބޮޑެތި މަސްލަހަތު ހިމެނޭ އެތައް މައްސަލައެއް ބަލަމުންދާ މަދަނީ އަދުލުގެ ނިޒާމަށް އާ ގާނޫނުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތަކަށް ވަރަށް ބޮޑެވެ. އެތައް ބަޔަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބުމުގެ ކުރިން މިކަމަށް އަވަސް ހައްލެއް ހޯދަން ޖެހެ އެވެ.
މުދަލެއް ނެތް، ފައިސާއެއް ނެތް:ކުރެވޭނެ ކަމެއް ނެތް؟
އަރަނިވެރިން މަގުމަތިވެ، ދަރަނިވެރިން މިނިވަންކަމުގައި!
އަހަރު ނިމުނުއިރު 4،700 މައްސަލަ ކޯޓުގައި ނުނިމި
ޖޫރިމަނާ ބޮޑެތި އަދަދުތަކުން، މިވަނީ ކިހިނެއް؟
މައްސަލަ ނާކާމިޔާބުވެ ހަންބޯގެ ވަކީލުންނަށް 10000ރ
ޑިސްޕިއުޓް އުވާލުމުން ނިންމި މައްސަލަތައް މަދުވެއްޖެ
ތަހުވީލުކޮށްފިނަމަ އިސްތިއުނާފް ނިމެންދެން މަޑުޖައްސަނީ
ބޮޑު ބަދަލެއް:މަދަނީ އިޖުރާއަތަށް އަމަލުކުރަން ފަށައިފި
މަދަނީ އިޖްރައާތާއެކު އިންވެސްޓަރުންގެ އިތުބާރު ލިބޭނެ
މަދަނީ އިޖްރައާތު: ކޮންމެ ރަށަކަށް ވަކި ގަވާއިދެއް!