Roadha Mihaaru
ހުޅަނގާއި ޔޫކްރޭން ސުލްހައަށް ތައްޔާރެއް ނޫން: ޕުޓިން

ހުޅަނގާއި ޔޫކްރޭން ސުލްހައަށް ތައްޔާރެއް ނޫން: ޕުޓިން

22 މާޗް 2023

މިހާރު ޔޫކްރޭންގައި ކުރަމުން ދާ ހަނގުރާމަ ހުއްޓުމަކަށް ގެނެވިދާނެ ވަސީލަތެއްގެ ގޮތުގައި، ޗައިނާ އިން ހުށަހަޅާފައިވާ ސުލްހައިގެ އެޖެންޑާ ބޭނުންކުރެވިދާނެ ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ޔޫކްރޭންގައި ކުރަމުން ދާ ހަނގުރާމަ ހުއްޓުމަކަށް ގެނެވިދާނެ ވަސީލަތެއްގެ ގޮތުގައި، ޗައިނާ އިން ހުށަހަޅާފައިވާ ސުލްހައިގެ އެޖެންޑާ ބޭނުންކުރެވިދާނެ ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޕުޓިން ވިދާޅުވީ ޗައިނާގެ ހުށަހެޅުމަށް އަމަލުކޮށް ހަނގުރާމަ ހުއްޓުމަކަށް ގެނެވިދާނެ ކަމަށެވެ. ނަމަވެސް އެ ހުށަހެޅުމަށް އަމަލު ކުރެވޭނީ ޔޫކްރޭނާއި ހުޅަނގުގެ ގައުމުތަކުން އެކަމަށް ތައްޔާރުވުމުން ކަމަށާއި، އެ ގައުމުތައް މިހާރު އޮތީ އެކަމަށް ތައްޔާރުވެގެން ނޫން ކަމަށް ވެސް ޕުޓިން ވިދާޅުވި އެވެ.

ރައީސް ޕުޓިން މި މޭރުމުން ވާހަކަ ދެއްކެވީ، މިދިޔަ ހޯމަ ދުވަހު އެ ގައުމަށް ވަޑައިގެން ހުންނެވި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ އެކު މަޝްވަރާތަކެއް ކުރެއްވުމަށް ފަހު އެވެ. ތިން ދުވަހުގެ މުއްދަތަކަށް ދެ ބޭފުޅުން މަޝްވަރާތައް ކުރެއްވި އިރު، މައިގަނޑު ގޮތެއްގައި ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރެއްވީ، ޔޫކްރޭން ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން، 12 ނުކުތާގެ މައްޗަށް އެކުލަވާލައި ޗައިނާގެ ރައީސް ޝީ ހުށަހެޅުއްވި ސުލްހައިގެ ކަރުދާހާ ބެހޭ ގޮތުންނެވެ.

އޭގެ އިތުރުން ޗައިނާ އާއި ރަޝިޔާއާ ދެމެދު އިގްތިސާދީ ދާއިރާއިންނާއި ވިޔަފާރި އާއި ސިއްހީ ދާއިރާ އިން ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ޗައިނާގެ ރައީސް ހުށަހެޅުއްވި ސުލްހައިގެ 12 ނުކުތާގެ ތެރޭގައި، ރަޝިޔާ އާއި ޔޫކްރޭނުން ވެސް އެއް ގައުމުން އަނެއް ގައުމުގެ އިމުގެ ސަރަހައްދަށް ހުރުމަތްތެރިކޮށް ހިތުމަށް ބުނެފައިވެ އެވެ. ނަމަވެސް، މިހާރު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ސިފައިން ހިފާފައި ބިންތައް ދޫކޮށްލައި، އެ ބިންތަކުން ރަޝިޔާ ސިފައިން ފައިބަންޖެހޭނެ ކަމަށް ބުނެފައެއް ނެތެވެ.

ޔޫކްރޭނުން ބުނާ ގޮތުގައި ރަޝިޔާއާ އެކުގައި ސުލްހައިގެ އެއްވެސް ވާހަކައެއް ދައްކާނީ، އަދި އެއްވެސް ބަޔަކު ހުށަހަޅާ ސުލްހައިގެ ރޭވުމެއް ބަލައިގަންނާނީ، އެ ގައުމުގެ ބިންތަކުން ރަޝިޔާ ސިފައިން ފޭބުމަށް ފަހު އެވެ.

ރައީސް ޕުޓިން ވިދާޅުވި ގޮތުގައި ޗައިނާ އިން ހުށަހަޅާފައިވާ ސުލްހައިގެ ކަރުދާހުގައި ހުރި ގިނަ ނުކުތާތަކަކީ، ޔޫކްރޭން މައްސަލަ ހައްލުކުރުމުގައި ބޭނުން ހިފިދާނެ ނުކުތާތަކެކެވެ. އެހެން ނަމަވެސް އެ ހުށަހެޅުމާ އެއްގޮތަށް އަމަލުކުރެވޭނީ، ޔޫކްރޭނާއި ހުޅަނގުން އެކަމަށް ތައްޔާރުވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.