Roadha Mihaaru
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ

ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ

08 ސެޕްޓެމްބަރ 2022

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް، މިއަންނަ ހަފުތާގައި ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް، މިއަންނަ ހަފުތާގައި ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެ އެވެ.

ރަޝިޔާ އިން ބުނި ގޮތުގައި ދެ ބޭފުޅުން ބައްދަލުކުރައްވާނީ، މި މަހުގެ 15، 16 ގައި އުޒުބަކިސްތާނުގައި އޮންނަ، ޝަންހާނީ ކޯޕަރޭޝަން ސަމިޓްގެ ހަވާސާގަ އެވެ. ދެ ރައީސުން މި ބައްދަލުކުރައްވަނީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެއްގަ އެވެ.

އެމެރިކާ އާއި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާއެކު، ރަޝިޔާ އާއި ޗައިނާ އިން ވަނީ ދެ ގައުމުގެ ދެމެދުގައި ގުޅުންތައް ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ. ވަކިން ޚާއްސަކޮށް ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން ދެ ގައުމުގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަދަހިކޮށްފަ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް ކުރެއްވި ދަތުރުގައި، ޖޫން 5، 2019 ގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން (ކ) އާ އެކު.

ޗައިނާގެ ރައީސް ޝީ ޖިންޕިންގް ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް ކުރެއްވި ދަތުރުގައި، ޖޫން 5، 2019 ގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން (ކ) އާ އެކު.

ރައީސް ޕުޓިން އާއި ރައީސް ޝީގެ ބައްދަލުކުރެއްވުމެއް ތާވަލުކުރި އިރު، ރަޝިޔާ އިން ވަނީ ވިލާތުގެ ގައުމުތަކާ އެކު ކުރަމުން އައި ގޭހުގެ ވިޔަފާރި މެދުކަނޑާލައި، ޗައިނާއާ އެކު ކުރަމުން އައި ގޭހުގެ ވިޔަފާރި ފުޅާކޮށްފަ އެވެ. ރަޝިޔާގެ ހުޅަނގު ފަރާތު އައްސޭރިން ފަށައިގެން ބޯލްޓިކް ކަނޑުގެ އަޑިން ޖަރުމަން ވިލާތުގެ އިރުއުތުރު އައްސޭރި އަށް އަޅާފައިވާ ގޭސް ހޮޅި، ނޯޑް ސްޓްރީން 1 ން ގޭސް ފޮނުވުން ރަޝިޔާ އިން ހުއްޓައިލީ މިދިޔަ ހުކުރު ދުވަހު އެވެ.

އޭގެ ބަދަލުގައި، ރަޝިޔާ އިން ޗައިނާ އަށް ވިއްކާ ގޭހަށް، އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ފައިސާ ޔުއާން އާއި ރަޝިޔާގެ ފައިސާ ރުބެލް އިން އަގު އަދާކުރުމާ ބެހޭ އެއްބަސްވުމެއްގައި ދެ ގައުމުން މިހާރު ވަނީ ސޮއިކޮށްފަ އެވެ. ރަޝިޔާ އިން މި ފިޔަވަޅު އެޅީ، އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އެމެރިކާގެ ފައިސާ ބޭނުންކޮށްގެން އެމެރިކާގެ މާލީ ނިޒާމުގެ ތެރެއިން ބައިނަލްއަގުވާމީ ވިޔަފާރިތައް ހިންގުމަށް ހުރަސް އެޅިފައިވާތީ އެވެ.

ދެ ރައީސުންގެ މި ބައްދަލުކުރެއްވުމަކީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ދެ ބޭފުޅުން އެއް ތަނަކުން ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. އަދި ރައީސް ޝީ ކަޒަކިސްތާނަށް މި ކުރައްވާ ދަތުރަކީ، 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން، ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

އޭޝިޔާ ސަރަހައްދުގެ ބައެއް މީޑިއާތައް ބުނާ ގޮތުން، ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ މެދުގައި ފެށުމަށް ހަމަޖެހިފައިވާ އިގްތިސާދީ މަޝްރޫއުތަކެއް އިއުލާންކުރައްވާނެ ކަމަށް ބެލެވެ އެވެ. ވަކިން ޚާއްސަކޮށް ދެ ގައުމުގެ މެދުގައި ތެލުގެ ބާވަތްތަކާއި ގޭހުގެ ވިޔަފާރި ކުރުމަށް، އެއް ގައުމުން އަނެއް ގައުމަށް ހޮޅި އެޅުމުގެ މަޝްރޫއެއް އިއުލާން ކުރައްވާނެ ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން ރަޝިޔާގައި ޗައިނާގެ ބޮޑެތި ކުންފުނިތަކުން އަލަށް ފެށުމަށް ހަމަޖެހިފައިވާ އިންވެސްޓްމެންޓްތައް ވެސް، ދެ ބޭފުޅުންގެ މި ބައްދަލުކުރެއްވުމުގައި އިއުލާން ކުރުމުގެ ފުރުސަތު އެބަ އޮތެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ރަޝިޔާ އިން ބައިނަލްއަގުވާމީ ބާޒާރުގައި ކުރަމުން އައި ވިޔަފާރީގެ މުއާމަލާތްތަކަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ އެވެ. ނަތީޖާއެއްގެ ގޮތުން، ރަޝިޔާގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެ، މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ޖީޑީޕީ ވަނީ 4 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ޗައިނާގައި ފެތުރެމުން ދިޔަ ކޮވިޑް ވަބާ އިން ރައްކާތެރިވުމަށް ގައުމުގެ ފުރަބަންދުކޮށްގެން ގިނަދުވަސްތަކެއް ވުމުގެ ސަބަބުން، އެ ގައުމުގެ އިގްތިސާދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފަ އެވެ.