Roadha Mihaaru
ޔޫރޭނިއަމް އުންޑަ ދީފިއްޔާ ރައްދު ދޭން މަޖުބޫރުވާނެ

ޔޫރޭނިއަމް އުންޑަ ދީފިއްޔާ ރައްދު ދޭން މަޖުބޫރުވާނެ: ޕުޓިން

22 މާޗް 2023

ޔޫރޭނިއަމް އަޅައިގެން އުފައްދާފައި ހުންނަ އުންޑަ، އިނގިރޭސި ވިލާތުން ޔޫކްރޭނަށް ފޮނުވައިފި ނަމަ އެކަމަށް ރައްދު ދިނުން ރަޝިޔާ އަށް މަޖުބޫރުވާނެ ކަމަށް، ރަޝިޔާގެ ރައިސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ޔޫރޭނިއަމް އަޅައިގެން އުފައްދާފައި ހުންނަ އުންޑަ، އިނގިރޭސި ވިލާތުން ޔޫކްރޭނަށް ފޮނުވައިފި ނަމަ އެކަމަށް ރައްދު ދިނުން ރަޝިޔާ އަށް މަޖުބޫރުވާނެ ކަމަށް، ރަޝިޔާގެ ރައިސް ލަޑިމިއާ ޕުޓިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސް ޕުޓިން މި މޭރުމުން އިނގިރޭސި ވިލާތަށް އިންޒާރު ކުރެއްވީ، އިނގިރޭސި ވިލާތުން ޔޫކްރޭނަށް ފޮނުވާ ޗެލެންޖާ ދޭއް މަރުކާގެ ޓޭންކުތަކާ އެކު، އެ ޓޭންކުތަކުގައި ބޭނުންކުރުމަށް އުފައްދާފައި ހުންނަ، ބާރު ދަށްކޮށްފައިވާ ޔޫރޭނިއަމް އަޅާފައި ހުންނަ އުންޑަ ވެސް ފޮނުވާނެ ކަމަށް އިނގިރޭސި ވިލާތުން ބުނުމާ ގުޅިގެންނެވެ.

އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަނަބެލް ގޯލްޑީ ވިދާޅުވި ގޮތުގައި އެ ގައުމުން ޔޫކްރޭނަށް ފޮނުވަން ނިންމި ޗެލެންޖަ ދޭއް މަރުކާގެ ޓޭންކުތައް ފޮނުވުމަށް ހަދާފައިވާ އެއްބަސްވުމުގައި، އެ ޓޭންކުތަކުގައި ބޭނުންކުރާ އެފަދަ އުންޑަ ވެސް ހިމެނެ އެވެ.

"އިނގިރޭސި ވިލާތުން ޔޫކްރޭނަށް ފޮނުވުމަށް އިއުލާންކޮށްފައި އެވަނީ ހަމައެކަނި ޓޭންކެއް ނޫން. ބާރު ދަށްކޮށްފައިވާ ޔޫރޭނިއަމް އަޅާފައި ހުންނަ އުންޑަ ވެސް ފޮނުވަން އެއޮތީ ނިންމާފައި. އެގޮތަށް އެކަން ކޮށްފިއްޔާ، އެކަމަށް ރައްދު ދޭން ރަޝިޔާ އަށް މަޖުބޫރު ވާނެ،" ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ އެކު މޮސްކޯގައި މަޝްވަރާ ކުރެއްވުމަށް ފަހު، ރައީސް ޕުޓިން އިއްޔެ ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް މިހެން ވެއްޖެއްޔާ، އެކަމާ އެންމެ އެކަށޭނަ ގޮތަކަށް ރަޝިޔާ އިން ރައްދު ދޭންޖެހޭނެ. (އިނގިރޭސި ވިލާތުގެ އެ ނިންމުމުން) އެނގެނީ ނިއުކްލިއާ ބައިތައް އެކުލެވޭ ހަތިޔާރުތައް ބޭނުންކުރަން ފަށަން ހުޅަނގުން މިހާރު ތައްޔާރުވެފައިވާ ކަން."

ނަމަވެސް އިނގިރޭސި ވިލާތުން ބުނި ގޮތުގައި ބާރު ދަށް ޔޫރޭނިއަމް އެކުލެވޭ އުންޑައަކީ ނިއުކްލިއާ ހަތިޔާރުގެ ގޮތުގައި ގިންތިކުރެވޭ ހަތިޔާރެއް ނޫނެވެ. އަދި އެއީ ނިއުކްލިއާ ނުވަތަ އެޓޮމިކް ހަތިޔާރުން އިންސާނުންނަށް ލިބޭ ފަދަ އެއްވެސް ގެއްލުމެއް ލިބޭނެ ހަތިޔާރެއް ނޫން ކަމަށާއި، ރަޝިޔާ އިން ކަމުގެ ހަގީގަތް އޮޅުވައިލަނީ ހަގީގަތް އެނގި ތިބެ ގަސްދުގައި ކަމަށް ވެސް އިނގިރޭސި ވިލާތުން ބުނެ އެވެ.

އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަނަބެލް ގޯލްޑީ ވިދާޅުވި ގޮތުގައި އެ ގައުމުން ޔޫކްރޭނަށް ފޮނުވަން ނިންމާފައިވާ، ބާރު ދަށް ޔޫރޭނިއަމް އެކުލެވޭ އުންޑައަކީ، ޒަމާނީ އަސްކަރީ ޓޭންކުތަކާއި ހަތިޔާރުއެޅި އެއްގަމު އުޅަނދުތައް ހަލާކުކޮށްލުމުގައި ވަރަށް އިތުބާރު ހުރި ހަތިޔާރެކެވެ.