Roadha Mihaaru
ރައީސްގެ މަންދޫބަކު އަނެއްކާވެސް ގާސިމްގެ އަރިހަށް!

ރައީސްގެ މަންދޫބަކު އަނެއްކާވެސް ގާސިމްގެ އަރިހަށް!

27 މާޗް 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބަކު މިރޭ އަނެއްކާވެސް ސަން އައިލެންޑް ރިސޯޓްގައި ބައްދަލުވުމެއް ބާއްވައިފި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަންދޫބަކު މިރޭ އަނެއްކާވެސް ސަން އައިލެންޑް ރިސޯޓްގައި ބައްދަލުވުމެއް ބާއްވައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ފަހަރު ގާސިމާ ބައްދަލުކުރައްވަން ވަޑައިގަތީ ރައީސްގެ ޅިޔަނު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. އެ ބައްދަލުވުމުގައި ގާސިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހުމަދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ވެ އެވެ.

އެ ބައްދަލުވުމާ ގުޅޭ ތަފުސީލެއް އަދި ނޭނގެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ގާސިމާއި ޖޭޕީގެ ބައިވެރިވުން ލިބޭތޯ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކި ގޮތްގޮތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ނަމަވެސް ޖޭޕީން ނިންމާފައި ވަނީ އެ އިންތިހާބުގައި ވަކިން ވާދަކުރަން ނުވަތަ ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެކަން ކުރުމަށެވެ. ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެ މަޝްވަރާ ކުރުމުގެ ބާރު ޖޭޕީގެ ކައުންސިލުން ގާސިމަށް ދީފައިވާތީ އޭނާ ވަނީ އެ މަޝްވަރާ ބައެއް ފަރާތްތަކާއެކު ކުރައްވައިފަ އެވެ.

ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކުރައްވައި ޖޭޕީން މި ފަހަރުގެ އިންތިހާބަށް ނުކުތުމަށްޓަކައި ކެމްޕެއިންގެ ތައްޔާރީތައް ވެސް މިހާރު ފައްޓަވައިފަ އެވެ. ކެމްޕެއިނާ ގުޅޭ ކަންކަން ހަވާލު ކުރެއްވީ އަމީން އިބްރާހިމާ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ އެމްޑީޕީއާއެކު ކޯލިޝަން ހަދަން މިހާތަނަށް އެއްބަސްވީ އަދާލަތު ޕާޓީ އާއި އެމްޑީއޭ އެވެ. އަދާލަތަކީ މިހާރު ވެސް މި ސަރުކާރުގެ ކޯލިޝަންގެ ޕާޓްނަރެކެވެ.