Roadha Mihaaru
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!

"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!

02 މެއި 2023

ވެރިކަމުގެ ހުވަފެނުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބު ކާމިޔާބުވާން މިއަށް ވުރެން ފަހި ފުރުސަތެއް ނާދެ އެވެ;

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަމުގެ ހުވަފެނުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރިޔާސީ އިންތިހާބު ކާމިޔާބުވާން މިއަށް ވުރެން ފަހި ފުރުސަތެއް ނާދެ އެވެ;

މި ޔަގީންކަމުގައި, އިންތިހާބާ ގާތްކޮށް ވަރުގަދަވި ޕާޓީގެ ކައުންސިލް މެމްބަރުންގެ ރޫހު ވަރުގަދަ އެވެ. އެކަމަކު ރިޔާސީ އިންތިހާބަށް ނުކުންނެވިކަން ކުއްލި ގޮތަކަށް އިއުލާންކުރެއްވުމަށް ފަހު ގާސިމް ފެންނަނީ އެހެން އިންތިހާބުތަކާ އަޅާބަލާއިރު "ހިމޭންކޮށް" ހުންނެވި ތަނެވެ. މިއީ، ރާއްޖޭގެ ރައީސްކަން ފިޔަވައި އެހެން ހުރިހާ ކާމިޔާބީއެއް ހޯއްދެވި، ގާސިމް ވެރިކަމަށް ކުރިމަތިލައްވާ ހަތަރު ވަނަ ފަހަރެވެ.

ޖޭޕީގެ ބާރުގަދަ ކައުންސިލްގެ "ވަރުގަދަ ނިންމުމާ" ދެކޮޅު ހެދެން ނެތް ކަމަށް ވިދާޅުވުން ފިޔަވައި އިންތިހާބާ ގުޅޭ މާގިނަ ވާހަކައެއް ގާސިމް މިހާތަނަށް ނުދައްކަވަ އެވެ.

ސިޔާސީ ފިކުރާއި ސިޔާސަތުތަކާއި ގަބޫލުކުރުންތަކުގައި ވެސް ދެބަސްވުން އުފެދިފައިވާ ބައެއް ބޭފުޅުންނާ އެކު ގާސިމް ގުޅުން ބަދަހިކުރައްވާ މަންޒަރުގެ ފޮޓޯއެއް ދޭތެރެއަކުން ޖޭޕީން އާއްމުކުރެ އެވެ. އިންތިހާބު އިއުލާންކުރައްވައި މަހެއްހާ ދުވަސްވިއިރު ގާސިމްގެ މަޑުން ހުންނެވުމުގެ ފަހަތުގައި އޮތީ އިންތިހާބާ ގުޅޭ ދެވަނަ ވިސްނުމެއް ހެއްޔެވެ؟ ގާސިމާ އެކު ކޯލިޝަނަކަށް އުއްމީދުކުރާ އެމްޑީޕީގެ އިސް ބޭފުޅުން އަދިވެސް މުޅިއަކުން އުއްމީދު ގެއްލުވައެއް ނުލަ އެވެ. އެކަމަކު އެ ހާލަތެއް ދެން ނާންނާނެ އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް އެ ޕާޓީގެ ލީޑަރު ގާސިމް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް އެ ޕާޓީގެ ލީޑަރު ގާސިމް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ޖޭޕީ

"ސަތޭކަ ޕަސެންޓް ޔަގީން ކަމެއް, އޮނަރަބްލް ގާސިމް އިބްރާހިމް ވާދަކުރައްވާނެ. އެ ނޫން ވިސްނުމެއް ނެތް," ޖޭޕީން ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރެއިން ގާސިމާ އަރިސް ބޭފުޅަކު ޔަގީންކަން ދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އިންތިހާބުގެ ފުރުސަތު ގާސިމް ދޫކޮށެއް ނުލައްވާނެ އެވެ. ރާއްޖޭގެ ހާލަތު އޮތް ގޮތުން، ކާމިޔާބީގެ މުޖައްރިބު ފޯމިއުލާއެއް އެބައޮތެވެ.

އެހެންވެ އެ ޕާޓީ ތެރޭގައި ހިނގަނީ އިންތިހާބަށް ތަރުތީބު އަތުރާލުމެވެ. ސްޓްރެޓެޖީ ރާވާލުމެވެ. މެނިފެސްޓޯ އެކުލަވާލުމާއި ކޯލިޝަންގެ މަޝްވަރާތަކާއި ރަށްރަށަށް ދަތުރުފެށުމުގެ ތައްޔާރީތަކެވެ. ލަސްތަކެއް ނުވެ އެއްފަހަރާ ބައިވަރު މަސައްކަތްތަކެއް ކުރާނެ ތަން ފެންނާނެ އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ ޖޭޕީން މިހާރު ފެންނަނީ ކެމްޕޭނަށް ވަރުގަދަކޮށް ނުކުތުމުގެ ކުރިއަށް އޮތް ހިމޭން ކަމެކެވެ.

ޕީޕީއެމާއި އެމްޑީޕީ ވައްޓާލައި ގާސިމް, ދެ ވަނަ ބުރަކަށް ދާނެ؟

އިންތިހާބުގެ މޫސުމުގައި ސިޔާސީ ހަތުރުން މިތުރުންނަށްވެ މަސްރަހު ތަރުތީބުވެ ނިމޭއިރު ވެސް ބަދަލުނުވާ ހަގީގަތްތަކެއް ހުރެ އެވެ.

އެއް ކަމަކަށް ފުރަތަމަ ބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ވަރުގެ ލީޑަރަކު ނެތެވެ. ހުންނެވި ނަމަ ކޮންމެ ރިޔާސީ އިންތިހާބެއްގައި ރައްޔިތުންނާ ހަމައަށް އެތުރޭ ލީޑަރުންގެ ސަފުން އެވަރުގެ ބޭފުޅެއް މިހާތަނަށް ފެނުނީހެވެ.

މި ވެރިކަން އުފައްދަން ހެދި ކޯލިޝަންގައި އިސްކޮށް ތިއްބެވި ލީޑަރުން: ކޯލިޝަނުން ވަކިނުވިޔަސް މި ވެރިކަމަށް ޖޭޕީގެ ތާއީދެއް ނެތް.

މި ވެރިކަން އުފައްދަން ހެދި ކޯލިޝަންގައި އިސްކޮށް ތިއްބެވި ލީޑަރުން: ކޯލިޝަނުން ވަކިނުވިޔަސް މި ވެރިކަމަށް ޖޭޕީގެ ތާއީދެއް ނެތް.

ސިޔާސީ ޕާޓީތަކުގެ ނިޒާމު އައި ފަހުން، ޕީޕީއެމާއި އެމްޑީޕީ ފަހަތަށް ޖައްސާލައި ސިޔާސީ ގޮތުން ރާއްޖޭގައި ކުރިއެރުނު އެހެން ފިކުރެއް އަދި ނެތެވެ. މީގެތެރެއިން ކޮންމެވެސް އެއް ޕާޓީއެއްގެ ފަހަތަށް އެންމެން އަރައި ފިކުރުތައް މައްސުނިކޮށް ބައި އަޅަން މަޖުބޫރުވުން ފިޔަވައި މޮޅުވެވޭނެ އެހެން ފޯމިއުލާއެއް ނެތީ މި ދެފިކުރަށް ބޯލަނބާ މީހުން ގިނަކަމުންނެވެ. ވޯޓުލާ އާބާދީގައި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ މީހުން ގިނަޔަސް މި ނޫން ނަތީޖާއެއް މިހާތަނަށް ނުނެރެވެ އެވެ.

ވަކިން ވާދަކުރެއްވި ކެންޑިޑޭޓަކަށް ނުވަތަ އަލަށް އުފަންވެ ވާދަކުރި ޕާޓީއަކަށް، ދެ ފިކުރު ބަލިކޮށް ވެރިކަމުގެ ނަސީބެއް އަދި ނުލިބެ އެވެ.

މި ހަގީގަތް އޮތަސް ޖޭޕީގެ ގަބޫލުކުރުމަކީ މި އެވެ.

ގާސިމަށް ދެ ވަނަ ބުރު ކަށަވަރެވެ. އެމްޑީޕީގެ އިސް ލީޑަރުގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރުގަދަކޮށް ފެނުނަސް ފުރަތަމަ ބުރުން ވެސް ގާސިމަށް ކާމިޔާބު ނުވާންވީ ސަބަބެއް ސިޔާސީ ކަންކަމުގައި އުފެދިފައި އޮތް ނުތަނަވަސްކަމަށް ބަލާއިރު ނެތެވެ.

ގާސިމަށް މި އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ އެންމެ ވަރުގަދަ ހެއްކަކާ ގުޅުވަނީ 2013 ގެ ރިޔާސީ އިންތިހާބުގައި ލިބިވަޑައިގަތް 50,000 ވޯޓެވެ.

2013 އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު 95,224 (45.45 ޕަސެންޓް)

ކުރީގެ ރައީސް އަބްދުﷲ ޔާމީން 53,099 (25.35 ޕަސެންޓް)

ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމް 50,422 (24.07 ޕަސެންޓް)

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު 10,750 (5 ޕަސެންޓް)

މި އިންތިހާބުގައި ގާސިމަށް ދެވަނަ ބުރު ގެއްލުނީ ޔާމީނާ ދެމެދު 2,677 ވޯޓުގެ ފަރަގުންނެވެ.

"ވާދަވެރި ތިން ބޭފުޅަކު ވާދަކޮށްފިއްޔާ ޕޮއިންޓް ޓޭބަލްގައި ރަނގަޅު ނަތީޖާއަކާ އެކު ގާސިމް އިބްރާހިމް ފައިނަލް މެޗް ކުޅޭނެ," އޭނާ ވިދާޅުވި އެވެ.

ވާދަވެރި ތިން ބޭފުޅުން ކަމަށް އޭނާ އިޝާރާތްކުރެއްވީ ގާސިމްގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށެވެ. އިދިކޮޅު ބޮޑު ޕާޓީގެ ކެންޑިޑޭޓަކީ ޔާމީން ކަމަށް ވިޔަސް ޖަލު ހުކުމާ މެދު އެމަނިކުފާނަށް ވާދަކުރެއްވިދާނެ ކަމެއް މުޅިން ކަށަވަރެއް ނޫނެވެ.

އެ އަދަދަށް އިންތިހާބުގައި ވޯޓު ކުރިން ލިބިވަޑައިގަތް ގާސިމަށް ފަހި ފުރުސަތެއް އޮތް އެއް ސަބަބަކީ ޖޭޕީން ގަބޫލުކުރާ ގޮތުގައި ރައްޔިތުން މިހާތަނަށް ވެރިއެއްގެ ގޮތުގައި ތަޖުރިބާ ނުކުރާ ހަމައެކަނި ލީޑަރަކަށް އޭނާ ހުންނެވުމެވެ. ރޭހުގައި މިހާތަނަށް ފެންނަން ދެން ތިއްބެވީ ރައްޔިތުންނަށް ވައުދުވެ މާޔޫސްކަން ގެނުވި ލީޑަރުންތަކެކެވެ. ރާއްޖޭގެ ހާލަތު އޮތް ގޮތުން ސިޔާސީ ތަޖުރިބާ ނެތް ލީޑަރަކު ޕީޕީއެމުން ވިޔަސް ކުރިއަށް ނެރެގެން ލޮޅުންތަކެއްގެ ތެރެއަށް ގައުމު ވައްޓާލަން ރައްޔިތުން ބޭނުން ނުވާނެ ކަމީ ގާސިމަށް އޮތް ޔަގީންކަމެއްގެ ގޮތުގައި، މި ރިޕޯޓަށް ވާހަކަ ދެއްކެވި ޖޭޕީގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ގާސިމާއި ޔާމީންއާ ދެމެދު 2013 ގައި ވޯޓުގެ ފަރަގު އެހާ ކުޑަވީ ޕީޕީއެމް އެންމެ ވަރުގަދަކޮށް އޮތް އިރެވެ. ދިގު ވެރިކަމެއް ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފިކުރު، ޑީއާރުޕީ ދެފަޅިވެ އިންތިހާބަށް ޕީޕީއެމް އުފައްދައި ނުކުތީ ސިޔާސީ ގޮތުން ބާރާއި ނުފޫޒުގަދަ ބޭފުޅުންނާ އެކުގަ އެވެ. އޭގެތެރޭގައި މައުމޫނާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ނުފޫޒު ގަދަ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ޔާމީނާއި ގާސިމް ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ

ރައީސް ޔާމީނާއި ގާސިމް ސަލާމް ކުރައްވަނީ.---މިހާރު ފޮޓޯ

"މުޅި ރާއްޖޭގައި އޭރު އޮތީ އަލަށް އުފެއްދި ޕީޕީއެމްގެ ފޯރި. ކެމްޕޭން ދަތުރުތަކުގައި ކުރުނބާ ވެސް ގެންނާނީ ކުލަ ޖައްސައިގެން. ރައްޔިތުންގެ މަޖިލީހުގެ 28 މެމްބަރުންނާއި ހުރިހާ ބާރަކާ އެކު ޕީޕީއެމް އެއް ރޫހެއްގައި ތިބީ. މިބޮޑު ފޯސްއާ އެކު އެ ޕާޓީ އޮއްވައި ވެސް އަޅުގަނޑުމެންނާ [ޖުމްހޫރީ ޕާޓީއާ] އެ ބޭފުޅުންނާ ތަފާތަކީ 2,000 ވޯޓު. އެ ފަރަގު ކިޔާނީ 1,300 ވޯޓުންނޭ ގާސިމް އިބްރާހީމް ބަލިވީ." އެއް ބޭފުޅަކު ވިދާޅުވި އެވެ.

"މިއަދު ތަފާތަކީ ޕީޕީއެމްގައި އެ ބާރުވެރިކަމެއް ނެތް. ކުރީގެ އަދަދަކަށް މަޖިލިސް މެމްބަރުންނެއް ނެތް. 30 އަހަރުގެ ވެރިޔާ ރައީސް މައުމޫނެއް ނެތް. ފުރަތަމަ ބުރުގައި އެ ޕާޓީއާ އެކު ކޯލިޝަން ހަދާނެ ބަޔަކު ވެސް ސިޔާސީ މަސްރަހުގައި ނެތް."

އޭނާ ވިދާޅުވި ގޮތުގައި ޖޭޕީގައި މިހާރު އޮތް ލީޑަޝިޕާ ޕީޕީއެމަށް ވާދައެއް ނުކުރެވޭނެ އެވެ. ފޯސް ވަރުގަދަވެފައި އެކި ޕާޓީތަކުން ގުޅިވަޑައިގަންނަވާނެ ލީޑަރުންނަކީ ވެސް ސިޔާސީ ގޮތުން ޖޭޕީއަށް ވަރަށް ބޮޑު ބާރަކަށް ވާނެ ކަަމަށެވެ.

އެމްޑީޕީގެ ސިޔާސީ ހަޔާތުގައި، އިންތިހާބަކާ ގާތްވިއިރު ޕާޓީ ދެބައިވެ މިހާ ބަލިކަށި ނުވެ އެވެ. ސިޔާސީ ވަރުގަދަ ލަޝްކަރެއް އަބަދުވެސް ކެމްޕޭންގައި ދައްކާ އެ ޕާޓީ މިފަހަރު އޮތް ހާލަތަކީ ވެސް ޖޭޕީގެ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޖޭޕީއަށް އެޑްވާންޓޭޖެކެވެ.

ރިޔާސީ އިންތިހާބަށް އެކުގައި މަޝްވަރާކުރަމުން އަންނަ އެމްޑީޕީގެ ރައީސް ނަޝީދުގެ ޓީމާއި ޖޭޕީގެ ކައުންސިލް މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން.

ރިޔާސީ އިންތިހާބަށް އެކުގައި މަޝްވަރާކުރަމުން އަންނަ އެމްޑީޕީގެ ރައީސް ނަޝީދުގެ ޓީމާއި ޖޭޕީގެ ކައުންސިލް މެމްބަރުން ފޮޓޯއަކަށް ހުއްޓިގެން.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކަށް އަދި އެ ޕާޓީ އިންތިހާބު ކާމިޔާބުކުރާކަށް ވެސް ނެތެވެ. އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ޓީމު އޮތީ ޖޭޕީއަށް ވެރިކަން ހޯދައިދޭން ވަށާލައިފަ އެވެ.

ބަރުލަމާނީގެ ނިޒާމަށް ބަދަލުވާން ޖެހޭނެ ކަމުގެ ޝަރުތު ހިފައިގެން ގާސިމް އަރިހުގައި ތިއްބެވި ނަޝީދުގެ ޓީމުން އެދޭ ގޮތަށް ޖުމްހޫރީ ވެރިކަން ފުރޮޅާލައި ރަމްޒީ ރައީސެއްގެ ގޮތުގައި ހުންނަވަން ގާސިމް އެއްބަސް ނުވިޔަސް އެމްޑީޕީއަށް ގެއްލޭނެ ވޯޓުތަކެއް ޕާޓީތެރޭގައި ވެ އެވެ.

އަނެއް ކަމަކަށް ދައްކަނީ ސިޔާސީ މަސްރަހުގައި އަބަދުވެސް ބަދަލަކަށް އޮންނަ ރޫހެވެ.

އޭރެއްގައި ހުންނަވާ ވެރިޔަކު ބަދަލުކުރަން އެންމެން އެއްގަލަކަށް އަރައި ކުރާ މަސައްކަތެވެ. އާ ގާނޫނުއަސާސީއަށް ފަހު ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް ދެ ދައުރު އެއްވެސް ވެރިޔަކަށް ވެރިކަން ނުކުރެއްވުނީ ކޮންމެ ގޮތަކުން ނަމަވެސް ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކޮންމެ އިންތިހާބެއްގައި ހިނގާތީ އެވެ. މީގެ ފަހަތުގައި އޮތީ ވެރިކަމަށް އަރާ ޕާޓީތަކުން ކަންކުރަމުން އަންނަ ގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކު މާޔޫސްވުމާއި ސިޔާސީ ޕާޓީތަކުން ބާރުވެރިކަން ހޯދަން އަމިއްލަ އެދުން ކުރިއަށް ނެރުމެވެ.

ރިޔާސީ އިންތިހާބު ޖުލައި މެދުތެރޭގައި އިއުލާންކޮށް ވޯޓުލުމާ މެދު ހޭދަވާ މުއްދަތުގައި ކޮންމެ ސަރުކާރެއްގެ ވެސް ބަލިކަށިކަން ދައްކާނެ ބައިވަރު ގޮތްތައް ސިޔާސީ ޕާޓީތަކުން ހޯދަ އެވެ.

"މި ހާލަތަށް ބަލާއިރު ޕީޕީއެމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ޖޭޕީއަށް ކުރި ނުހޯދޭނެ ސަބަބެއް ނެތް." ޖޭޕީގެ އިސް ބޭފުޅާ ވިދާޅުވި އެވެ.

"ބައިވަރު ސަބަބުތައް މިހެން ހުރީމަ ތާރީހުން އެކަކު ދެވަނަ ފަހަރަށް ވެރިކަން ކުރާ މަންޒަރު ނުފެންނަނީ. ރައީސް މައުމޫންގެ ވެރިކަން ނިމުމާ ހަމައިން ކޮންމެ އިންތިހާބެއްގައި ވެސް ބަދަލަކަށް މި ވޯޓުލަމުން އަންނަނީ."

"ފަހަތަށް އަރާނެ ބަޔަކު ނެތުމަކީ ނާކާމިޔާބީއެއް ނޫން"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނިންމެވުމަކީ ކޯލިޝަނަކުން އިންތިހާބު ކާމިޔާބު ކުރެއްވުމެވެ. އެމްޑީޕީން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކު އިއްތިހާދުވެއްޖެ އެވެ.

ހަމައެގޮތަށް ފަސޭހައިން އިންތިހާބުގެ ކާމިޔާބުވާން އޮތީ ކޯލިޝަނަކުން ކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ލީޑަރުންގެ ތެރެއިން ގާސިމަށެވެ. އެއީ، ކޮންމެ އިންތިހާބެއްގައި ސިޔާސީ ލީޑަރުންނަށް އޭނާ މުހިއްމުވާ ސަބަބެވެ. ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ، ޖޭޕީގެ ހިއްސާއާ ނުލައި މިހާތަނަށް އެއްވެސް ވެރިކަމެއް ނާދެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހުގެ އިދާރާގައި ވާހަކަ ދައްކަވަނީ.. --- ފޮޓޯ: މަޖިލިސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހުގެ އިދާރާގައި ވާހަކަ ދައްކަވަނީ.. --- ފޮޓޯ: މަޖިލިސް

އިއްތިހާދުގެ ދައުވަތު ޕީޕީއެމާއި އެމްއެންޕީ އާއި އެމްއާރުއެމްގެ އިތުރުން ވަކިން ވާދަކުރައްވާނެ ކަން އިއުލާންކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވެސް ގާސިމް ދެއްވި އެވެ. އެކަމަކު އެމްއާރުއެމް ފިޔަވައި އެހެން އެއްވެސް ބަޔަކު ފުރަތަމަ ބުރުގައި ގާސިމްގެ ފަހަތަށް އަރަން ބޭނުމެއް ނުވެ އެވެ.

މިއީ ވެސް އިންތިހާބު ކާމިޔާބުކުރަން އޮތް ހުރަހެއްގެ ގޮތުގައި ޖޭޕީން ނުދެކެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހެދި ދެ ޕާޓީ އެއްކޮށްލިޔަސް މާބޮޑު ބުރަދަނެއް ހުރި ބައެއްގެ ގޮތުގައި ޖޭޕީއަކަށް ގަބޫލެއް ނުކުރެ އެވެ. ކޮންމެ ޕާޓީއެއްގައި 10,000 އަށް ވުރެން ގިނަ މެމްބަރުން ތިއްބަސް ދެ ޕާޓީ އެއްކޮށްލުމުން ލިބޭ ވޯޓުގެ އަދަދު 10,000 ވޯޓަށް އަރާފާނެ ކަމަކަށް ލަފާނުކުރެއްވޭ ކަމަށް "މިހާރު"އަށް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

ގާނޫނު ބުނާ އަދަދަށް މެމްބަރުން ކިރިޔާ ހަމަވާ އެމްއާރުއެމްގެ މަޝްވަރާތަކަށް ފަހު ރައީސް ސޯލިހްގެ ފަހަތަށް އަރަން ނިންމައިފި ނަމަ ވެސް އެކަމުން ޖޭޕީގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ. ފުރަތަމަ ބުރުގެ ކާމިޔާބީއަށް ޖޭޕީން ހިސާބު ޖަހާ ނިންމާފައި އޮތީ އިއްތިހާދަކާ ނުލަ އެވެ.

ދެން އޮތީ އެއް ޕާޓީއަކުން މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާނެ ޕީޕީއެމުން ގާސިމް ރައީސަކަށް ގެންނަން ބައިއަތު ހިފައިފާނެތޯ އުފައްދާ ސުވާލެވެ. އެފަދަ އެއްވެސް ހާލަތެއް ނާންނާނެ ކަމަށް ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން ޔަގީންކަން ދެ އެވެ. މިކަން ކަށަވަރުވާނީ ކުރިއަށް އޮތް ދެ މަސް ތެރޭގަ އެވެ.

"ބާރާއި ނުފޫޒާއި ލާރި އާއި ޝާނާ، ޝައުކަތު ފެނުނު ވެރިކަމެއް ރައީސް ޔާމީންގެ ވެރިކަމަކީ. އެމަނިކުފާނަށް ވެސް އެކަމެއް [ދެވަނަ ދައުރެއްގައި ވެރިކަން] ނުކުރެއްވުނު. އަމުދުން ޑިސިޝަން ނަންގަވަން ކެރިވަޑައިނުގަންނަވާ, އެންމެ ކުޑަމިނުން ޖޭޕީ ސަރުކާރުން ވަކިކުރަން ވެސް ކެރިވަޑައިނުގެންނެވި ވެރިއަކު މި އިންތިހާބު ވިންކުރާ މަންޒަރެއް ނުފެނޭ." އޭނާ ވިދާޅުވި އެވެ.

ސިޔާސީ މަސްރަހުގެ މަންޒަރު، ގާސިމް އަރިހުގައި ތިއްބެވި ބޭފުޅުން ދައްކަވަނީ މި ގޮތަށެވެ. ހިސާބު ޖައްސަވަނީ ކަންކަން ނިއުޅިދާނެ ގޮތެއްގެ މައްޗަށް ލަފާކުރައްވަ އެވެ. ގާސިމްގެ މައްޗަށް ނުފޫޒު ގަދަ، ޖޭޕީގެ ކައުންސިލަށް މި ޔަގީންކަން އޮތަސް ސިޔާސީ ކަންކަން ކޮންމެ ގޮތަކަށް ވެސް ބަދަލުވެދާނެ ކަން އާ ގާނޫނުއަސާސީއަށް ފަހު ބޭއްވި ރިޔާސީ އިންތިހާބުތަކުން ފެންނަން އެބައޮތެވެ.

ދެ ވަނަ ބުރު ކަށަވަރުވެއްޖެ ކަމަށް ނިންމަން އަދި އަވަހެވެ. އެކަން ނިންމޭނީ އިދިކޮޅު ލީޑަރު، ޔާމީނަށް ވާދަކުރެއްވޭނެތޯ ނުވަތަ އެހެން ކެންޑިޑޭޓަކު ޕީޕީއެމުން ނެރުން ނޫން ގޮތެއް ނެތްކަން ސާފުވެ ވޯޓުލާން ތިބި އާއްމުންނަށް ޔަގީންކަން ލިބޭ ހިސާބުންނެވެ. ވޯޓުލާ ބޮޑު އާބާދީގެ ނިންމުން، ނިންމާނީ އެ ހިސާބުންނެވެ. އޭގެ ކުރިން ކޮންމެ ފޯމިއުލާއެއް ނެރެ، ކޮންމެ ޕާޓީއަކަށް ވެސް ޔަގީންކަމުގައި ތިބެވިދާނެ އެވެ.

ގާސިމާއި ޖޭޕީގެ ކައުންސިލަށް ވެސް އޮތް ޔަގީންކަމަކީ އެ އެވެ.