Roadha Mihaaru
ޕޯޗުގަލް ޓީމަށް ރޮނާލްޑޯ ވަރަށް މުހިއްމު: އާ ކޯޗު

ޕޯޗުގަލް ޓީމަށް ރޮނާލްޑޯ ވަރަށް މުހިއްމު: އާ ކޯޗު

27 މާޗް 2023

ޔޫރޯ ކޮލިފައިންގައި ރޭ ލަގްޒަމްބާގް ކޮޅަށް ދެ ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޕޯޗުގަލް ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެެއް ކަމަށް އެ ޓީމުގެ އާ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔޫރޯ ކޮލިފައިންގައި ރޭ ލަގްޒަމްބާގް ކޮޅަށް ދެ ލަނޑު ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޕޯޗުގަލް ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެެއް ކަމަށް އެ ޓީމުގެ އާ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިި އެވެ.

މިދިޔަ އަހަރުގެ ވޯލްޑް ކަޕުގައި، އޭރުގެ ކޯޗު ފެނާންޑޯ ސަންޓޯސް އެކަށީގެންވާ ފުރުސަތެއް ނުދިން، ރޮނާލްޑޯ އަށް މާޓިނޭޒް އަންނަނީ ގަވާއިދުން ފުރުސަތު ދެމުންނެވެ. އޭރު މެންޗެސްޓާ ޔުނައިޓެޑުން ވެސް އެދެވޭ ފުރުސަތެއް ނުލިބި ހުރި ރޮނާލްޑޯ، ސައޫދީ އަރަބިއްޔާގެ އައް ނަސްރު އަށް ބަދަލުވެ މިހާރު އަންނަނީ ގަވާއިދުން ކުޅެ ގޯލް ޖަހަމުންނެވެ.

ރޮނާލްޑޯ ވަނީ، ކޮލިފައިންގައި މިިދިޔަ ހަފުތާގައި ލީޗެސްޓެއިން އަތުން ޕޯޗުގަލް 4-0 އިން މޮޅުވި މެޗުގައި ވެސް ދެ ގޯލް ޖަހައި، ކްލަބް ފޯމް ދަމަހައްޓައިފަ އެވެ. އެ ގޯލްތަކާ އެކު އޭނާ ވަނީ، ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ފިރިހެން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.

މާޓިނޭޒް ބުނީ ރޮނާލްޑޯ އަކީ އެހެން ކުޅުންތެރިންގެ ނެތް ވަރަށް ގިނަ ކަންކަން ހުރި ކުޅުންތެރިއެއް ކަމަށާއި، އޭނާގެ ތަޖުރިބާގެ ފައިދާ އެހެން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ.

"ކޮންމެ ކުޅުންތެރިއެއްގެ ވެސް އޮވޭ މުހިއްމު ދައުރެއް. ޒުވާން ކުޅުންތެރިންގެ ކެރުމާއި ރޮނާލްޑޯ އާއި ރުއި ޕެޓްރީސިއޯ އާއި ބެނާޑޯ ސިލްވާ ފަދަ ކުޅުންތެރިންގެ ތަޖުރިބާ މިއީ މުހިއްމު އެއްޗެއް. ހުރިހާ ކަމެއް އެކުލެވޭ ޓީމެއް އޮތުމަކީ ފައިދާއެއް،" ބެލްޖިއަމްގެ ކުރީގެ ކޯޗު ބުންޏެވެ.

"ޗޭންޖިން ރޫމަށް ރޮނާލްޑޯގެ ތަޖުރިބާ ވަރަށް މުހިއްމު."

ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ޖޫން މަހު ޖަރުމަނުގައި ފަށާ ޔޫރޯގައި ރޮނާލްޑޯ ބޭނުންކުރުމުގެ ވިސްނުން މާޓިނޭޒް ގެންގުޅެ އެވެ. އުމުރުން 38 އހަަރުގެ ރޮނާލްޑޯގެ މުހިއްމު ކަމާ ބެހޭގޮތުން ރޭ ދެއްކި ވާހަކަތަކަކީ އޭގެ އިޝާރާތެއް ކަމަށް މީޑިއާތަކުން ބުނެ އެވެ. ވޯލްޑް ކަޕުން މާބޮޑު ފުރުސަތެއް ނުލިބުމުން އޭރު ބެލެވިފައި އޮތީ ރޮނާލްޑޯ ގައުމީ ޓީމާ ދުރަށް ދާނެ ކަމަށެވެ.

ރޭގެ މެޗުގައި ޕޯޗުގަލްގެ އަނެއް ހަތަރު ލަނޑު ޖެހީ ޖޮއާ ފެލިކްސް އާއި ބެނާޑޯ ސިލްވާ އާއި އޮޓާވިއޯ އަދި ރަފައެލް ލިއާއޯ އެވެ.

ދެ މެޗުން މޮޅުވެ ޕޯޗުގަލް އޮތީ ހަ ޕޮއިންޓް ހަމަކޮށް ކޮލިފައިން ގްރޫޕް ޖޭ ގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ، ރޭ ބޮސްނިއާ އަތުން 2-0 އިން މޮޅުވި ސްލޮވާކިއާ އެވެ.