Roadha Mihaaru
މޮޓޯކޭޑް ހުއްޓުވުން: ހުރިހާ ބައްދަލުވުމެއް ސިއްރު

މޮޓޯކޭޑް ހުއްޓުވި މައްސަލާގައި 241 ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ސިއްރު ކުރަން ނިންމައިފި

29 މާޗް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރު ކުރެއްވި މޮޓޯކޭޑް ހުއްޓުވި މައްސަލައިގައި ސަލާމަތީ ހިދުމަތްތަކުގެ އިހުމާލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބާއްވާ ބައްދަލުވުންތައް ސިއްރު ކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދަތުރު ކުރެއްވި މޮޓޯކޭޑް ހުއްޓުވި މައްސަލައިގައި ސަލާމަތީ ހިދުމަތްތަކުގެ އިހުމާލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބާއްވާ ބައްދަލުވުންތައް ސިއްރު ކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

މި މަހު 20 ވަނަ ދުވަހުގެ ރޭ މާލޭގައި އިދިކޮޅު ފަރާތްތަކުން ބޮޑުތަކުރުފާނު މަގުގައި މުޒާހަރާ ކުރަމުން ދިޔަ ވަގުތު ރައީސްގެ މޮޓޯކޭޑް އެ ސަރަހައްދު ހުރަސްކޮށް ދާން އުޅެނިކޮށް މުޒާހަރާގެ ބައިވެރިން ވަނީ މޮޓޯކޭޑް ހުއްޓުވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު 241 ކޮމިޓީން 11 ޖެހިއިރު ބޭއްވި ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ފުލުހުންގެ އެހެން ބައެއް އިސްވެރިން ވަނީ އެ ހާދިސާއާ ގުޅޭ ގޮތުން ކޮމިޓީ އަށް މައުލޫމާތު ދެއްވައިފަ އެވެ.

އެހެން ނަމަވެސް އެ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސްގެ ސެކިއުރިޓީ އާ ގުޅޭ މައްސަލައަކަށް ވާތީ އެކަމާ ގުޅޭ ގޮތުން ބާއްވާ ހުރިހާ ބައްދަލުވުމެއް ސިއްރު ކުރަން ނިންމާފައިވާ ކަމަށެވެ.

މިއަދުގެ 1:00 ގައި އެމްއެންޑީއެފްގެ އިސްވެރިން ވެސް މަޖިލީހަށް ހާޒިރުވެ އެކަމާ ގުޅޭ ގޮތުން ކޮމިޓީ އަށް މައުލޫމާތު ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން އެ ތަނުން ދުރަށް ނުދިއުމުން ސިފައިންގެ ސްޕެޝަލް ސެކިއުރިޓީ ފޯސް އިން ހަތިޔާރާއެކު ވެހިކަލްތަކުން ފައިބައި ދުރަށް ދިއުމަށް އަންގަ އެވެ. ނަމަވެސް އެ މީހުން ދުރަށް ނުދިއުމުން ރައީސްގެ ބޮޑީގާޑުންނަށް މަޖުބޫރުވީ، އެ މަނިކުފާނުގެ ކާރުކޮޅު އަނބުރާލައި އެހެން މަގަކުން ދާށެވެ.

މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ރާއްޖޭގައި އެންމެ މަތީ ވެރިއެއްގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް މިހާ ބޮޑަށް ސެކިއުރިޓީ ފެއިލް ވި ފުރަތަމަ ފަހަރެވެ.