Roadha Mihaaru
ސެކިއުރިޓީ ބްރީޗްވި ގޮތާބެހޭ ރިޕޯޓެއް ލިބިއްޖެ: ރައީސް

ސެކިއުރިޓީ ބްރީޗްވި ގޮތާ ބެހޭ ފުލުހުންގެ ރިޕޯޓެއް ލިބިއްޖެ، ވީގޮތް ބަލާނަން: ރައީސް

21 މާޗް 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ރޭ ބަޔަކު ހުރަސް އަޅައި ސެކިއުރިޓީ ބްރީޗްވި ގޮތާ ބެހޭ ގޮތުން ފުލުހުންގެ ރިޕޯޓެއް ލިބިފައިވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ރޭ ބަޔަކު ހުރަސް އަޅައި ސެކިއުރިޓީ ބްރީޗްވި ގޮތާ ބެހޭ ގޮތުން ފުލުހުންގެ ރިޕޯޓެއް ލިބިފައިވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި އޮތް ޖަލްސާއަކަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ މޮޓޯކޭޑްގައި ވަޑައިގެންނެވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މުޒާހަރާ އޮތް ސަރަހައްދުންނެވެ. އެ ވަގުތު އިދިކޮޅުގެ ސަޕޯޓަރުން ރައީސްގެ ކާރުކޮޅަށް ހުއްޓުވައި އެމަނިކުފާނު އެއްގޮތަކަށް ވެސް ކުރިޔަށް ވަޑައިގަތުމަށް ފުރުސަތެއް ނުދިނެވެ. އެންމެ ފަހުން މޮޓޯކޭޑު ފަހަތަށް އަނބުރާލައި، އެހެން މަގަކަށް އެޅި އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ފުލުހުން މިއަދު އެމަނިކުފާނަށް އަރުވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓަވާ ޑިފެންސް މިނިސްޓްރީން ވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް މާދަމާ [އެމްއެންޑީއެފް] އެ ބޭފުޅުންގެ ރިޕޯޓެއް އަރުވާނެ،" ރައީސް ވިދާޅުވި އެވެ.

އެ ހާދިސާ ހިނގި ގޮތް ބައްލަވާނެ ކަމަށާއި ވަކި އެއްޗެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ އެކަންވީ ގޮތެއް ބައްލަވާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އަންނަނީ ބަލަމުންނެވެ. އެކަމާ ގުޅިގެން ފުލުހުންނާއި ސިފައިން މަޖިލީހަށް ހާޒިރު ކުރަން އެ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި ރައީސްގެ ސަލާމަތީ ކަންކަމާ ގުޅޭ ސިފައިންގެ އިސްވެރިޔާ ކާނަލް އަބްދުﷲ އިބްރާހިމް މިއަދު ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އަދި އެ މައްސަލަ ބެލުމަށް ޑިފެންސުން ވަނީ ވަކި ކޮމިޓީއެއް އެކުލަވާލައި ތަހުގީގެއް ކުރަމުންނެވެ.