Roadha Mihaaru
މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލާލައިފި

މާޒިޔާ އިން ޗެރިޓީ ޝީލްޑް އުފުލާލައިފި

04 އެޕްރީލް 2023

މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކްލަބް އީގަލްސް 2-1 އިން ބަލިކޮށް މާޒިޔާ ކާމިޔާބުކޮށްފި އެވެ.

މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ކްލަބް އީގަލްސް 2-1 އިން ބަލިކޮށް މާޒިޔާ ކާމިޔާބުކޮށްފި އެވެ.

މިރޭގެ މެޗަކީ، ހަތް މަސް ދުވަހަށް ފަހު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ. އެކި ސަބަބުތަކާ ހުރެ، ސީޒަން ފެށުން ދިގުލައި ގޮސް، ގިނަ ޓީމުތައް އޮތީ ޕްރެކްޓިސް ވެސް ނުފަށަ އެވެ.

އާ ސީޒަނަށް އެންމެ ބޮޑަށް ތައްޔާރުވި ދެ ޓީމުގެ ކުރިމަތިލުމުގެ ފުރަތަމަ ގޯލް ވައްދާލީ މާޒިޔާ އިންނެވެ. މި ގޯލް 15 ވަނަ މިނެޓުގައި ޖެހީ އީގަލްސް ދޫކޮށް މި ސީޒަނުގައި މާޒިޔާ އަށް ބަދަލުވި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. އޭގެ ދެ މިނެޓު ފަހުން މާޒިޔާގެ ސްޓެފަން މިހަލޮވިޗް، އެ ޓީމުގެ ލީޑު ފުޅާކޮށްދިނެވެ.

އީގަލްސް އިން 73 ވަނަ މިނެޓުގައި އަސްކަރްބެކް ސަލިއޭފްގެ ގޯލުން މާޒިޔާ ހާސްކޮށްލި އެވެ. އެކަމަކު އެ ޓީމަށް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވެ، މާޒިޔާ އިން މެޗު ކާމިޔާބުކުރި އެވެ.

ޗެރިޓީ ޝީލްޑް ވެގެން ދިޔައީ މާޒިޔާގެ ކެޕްޓަންގެ ގޮތުން ސަމޫހު އަލީ (ސަމުއްޓެ) އުފުލާލި ފުރަތަމަ އައްޑަނަ އަށެވެ. މިދިޔަ ނުވަ އަހަރު މާޒިޔާގެ ކެޕްޓަންކަން ކުރި އަސަދުﷲ އަބްދުﷲ (އަސަކޮ) ޓީމު ދޫކޮށް ދިއުމުން، ސަމުއްޓެ އާ ބޭންޑް ހަވާލުކުރީ އިއްޔެ އެވެ.

ޗެރިޓީ އަށް ފައިސާ ހަދިޔާކުރުމުގެ މަގުސަދުއާ އެކު، ސީޒަން ހުޅުވަން ކުޅުނު މި މެޗުން، ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އާކް އާއި ލޯފަން މީހުންގެ ޖަމިއްޔާ އަށް، ދެ ކްލަބް މެދުވެރިކޮށް އެފްއޭއެމުން 50،000ރ. ހަދިޔާ ކުރި އެވެ.

މިރޭގެ މެޗުން ސީޒަން ފެށި ނަމަވެސް ދެން އޮތީ ކޮން މުބާރާތެއް ކަމަށް އެފްއޭއެމުން އަދި އިއުލާންނުކުރެ އެވެ. ޕްރިމިއާ ލީގުގެ ކުރިން ޕްރެޒިޑެންޓްސް ކަޕް ބާއްވަފާނެ ކަމަށް ވެސް ވާހަކަތައް ދެކެވެ އެވެ. އަނެއްކޮޅުން ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީމަށް ވަގުތު ދޭން އަންނަ މަހު ސީޒަން މެދުކަނޑާލަން ވެސް ޖެހޭނެ އެވެ.

މާޒިޔާ އާއި އީގަލްސްގެ އިތުރުން އާ ސީޒަނަށް ތައްޔާރުވާން ފެށީ ބުރު ސްޕޯޓްސް އިން އެކަންޏެވެ.