Roadha Mihaaru
ނިއު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ

އެމްއެސްއެމް އަށް ފުރަތަމަ މޮޅު، ނިއު ދެ ވަނަ މެޗު ވެސް އެއްވަރު

09 އެޕްރީލް 2023

އެފްއޭއެމް ވެޓެރަންސް ލީގުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން 3-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރިއިރު، ނިއު ރޭޑިއަންޓް ކުޅުނު ދެ ވަނަ މެޗުން ދިވެހި ސިފައިންގެ ކްލަބާ 0-0 އިން އެއްވަރުވެއްޖެ އެވެ.

އެފްއޭއެމް ވެޓެރަންސް ލީގުގައި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން 3-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކުރިއިރު، ނިއު ރޭޑިއަންޓް ކުޅުނު ދެ ވަނަ މެޗުން ދިވެހި ސިފައިންގެ ކްލަބާ 0-0 އިން އެއްވަރުވެއްޖެ އެވެ.

ފުރަތަމަ މެޗުގައި ވެސް ނިއު ވަނީ އެއްވަރު ވެފަ އެވެ. އެ މެޗު އެއްވަރުވީ ސްޓެލްކޯއާ އެވެ. ނިއު ހިމެނޭ ގުރޫޕް ބީގެ ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ. ދެ މެޗު ކުޅެގެން މިދިޔަ އަހަރުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ހަތަރު ޕޮއިންޓް ހޯދާފައި ވާއިރު، ނިއު އާއި ސިފައިންގެ ކްލަބަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ސްޓެލްކޯ އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

މިދިޔަ އަހަރުގެ ރަނަރަޕް އެމްއެސްއެމް، ހުކުރު ދުވަހު ގްރީން ސްޓްރީޓްސް ބަލި ކޮށް ވަނީ މި މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. ފުރަތަމަ މެޗުގައި ވަނީ ހުއްރިއްޔާ ސްޕޯޓްސް ކްލަބް އަތުން ލަނޑެއް ނުޖެހި އެއްވަރު ވެފަ އެވެ.

އެމްއެސްއެމްގެ ފުރަތަމަ ދެ ގޯލު ޖަހައިދިން ރޮނާ ބޯޅަ ހިފައިގެން ކުރިއަށް ދަނީ. -- ފޮޓޯ: އެފްއޭއެމް

އެމްއެސްއެމްގެ ފުރަތަމަ ދެ ގޯލު ޖަހައިދިން ރޮނާ ބޯޅަ ހިފައިގެން ކުރިއަށް ދަނީ. -- ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) މެޗުގެ ފުރަތަމަ ހާފުގައި އެމްއެސްއެމްގެ ގޯލު ބެލެހެއްޓިއިރު ދެވަނަ ހާފުގައި ގޯލެ ބެލެހެއްޓީ ކުރީގެ ކީޕަރު މުހައްމަދު ޝިނާން (ނާނި) އެވެ. އިންމަ ފަހު ހާފުގައި ކުޅެން އެރީ ފޯވާޑަކަށެވެ.

އިންމަ ކުޅުނު ދުވަސްވަރު ވަނީ ވީބީ ސްޕޯޓްސް ކްލަބްގެ ގޯލުގައި ހުރެ ފަހުވަގުތު ފޯވާޑް ކުޅުންތެރިއެއްގެ ގޮތުގައި މެޗެއްގައި ކުޅެ، ގޯލު ވެސް ޖަހައިފަ އެވެ.

އެމްއެސްއެމްގެ ތިން ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ. ފުރަތަމަ ލަނޑު އާދަމް ލަރީފް (ރޮނާ) ހިލޭޖެހުމަކުން ޖެހިއިރު، ދެ ވަނަ ލަނޑު ރޮނާ ޖެހީ ޕެނަލްޓީއަކުންނެވެ. ތިންވަނަ ލަނޑު ޖެހީ އަހުމަދު މުހައްމަދު (އަންމަޑޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ރޮނާ އެވެ.

ގުރޫޕް ސީގެ އެއްވަނައިގައި އެމްއެސްއެމް އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ޕޮލިސް ކްލަބް އެއް މެޗު ކުޅެގެން ތިން ޕޮއިންޓް ހޯދާފައި ވާއިރު ހުއްރިއްޔާ އަށް ވެސް ލިބިފައި ވަނީ ޕޮއިންޓެކެވެ. ގްރީން ސްޓްރީޓްސް ވަނީ ދެ މެޗުން ވެސް ބަލި ވެފަ އެވެ.

މިއަދުގެ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކްލަބާއި ހުއްރިއްޔާ އެވެ.