Roadha Mihaaru
ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަން ދަމަހައްޓައިފި

ނިއު އާއި ވިކްޓަރީގެ ސަސްޕެންޝަން ދަމަހައްޓައިފި؛ ސިފައިންގެ ކްލަބަށް އެފްއޭއެމްގެ މެންބަރުކަން

30 މެއި 2021

ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ، ފުޓްބޯޅައިގެ ކުރީގެ ގަދަ ދެ ބާރު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ސަސްޕެންޝަން ދަމަހައްޓަން އެފްއޭއެމްގެ ކޮންގްރެސްގައި މިއަދު އަނެއްކާވެސް ފާސްކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ، ފުޓްބޯޅައިގެ ކުރީގެ ގަދަ ދެ ބާރު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ސަސްޕެންޝަން ދަމަހައްޓަން އެފްއޭއެމްގެ ކޮންގްރެސްގައި މިއަދު އަނެއްކާވެސް ފާސްކޮށްފި އެވެ.

މިއީ ދިވެހި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ޓީމު، ނިއުގެ ސަސްޕެންޝަން ދަމަހައްޓަން އެފްއޭއެމްގެ ކޮންގްރެސްގައި ފާސްކުރި ތިން ވަނަ ފަހަރެވެ. އަދި ވިކްޓަރީގެ ސަސްޕެންޝަން ދެމެހެއްޓުމަށް ނިންމި ދެ ވަނަ ފަހަރެވެ.

ނިއު، ސަސްޕެންޑް ކުރުމަށް އެފްއޭއެމުން ނިންމީ ޖެނުއަރީ 2019 ގަ އެވެ. އޭރު އެގޮތަށް ނިންމީ އެކްސްކޯއިންނެވެ. އެ އަހަރުގެ ކޮންގްރެސްގައި ކްލަބުތަކުން ވަނީ ނިއު ސަސްޕެންޑް ކުރުމަށް ފާސްކޮށްފަ އެވެ. އެ ވޯޓްގައި ދެކޮޅަށް ވޯޓް ދިނީ ވިކްޓަރީ އާއި މަހިނބަދޫ ސްޕޯޓްސް ކުލަބެވެ.

ނިއު ސަސްޕެންޑްކުރީ އެ ޓީމުގެ ކޯޗުންނަށާއި ލޯކަލް އަދި ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދީފައި ނުވާތީ އެވެ. އެފްއޭއެމުން ތަކުރާރުކޮށް އެ ކްލަބަށް ދިން މުހުލަތުތަކުގައި ވެސް ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ދީފައެއް ނުވެ އެވެ. އޭގެ ފަހުން ފީފާގެ ޓްރާންސްފާ ބޭން އެއް ވެސް އެ ޓީމަށް ކުރިމަތި ވި އެވެ.

ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ދީފައި ނުވުމުން ވިކްޓަރީ ސަސްޕެންޑް ކުރީ ޑިސެމްބަރު 2019 ގަ އެވެ. އެ ޓީމަށް ކުރިން ކޯޗް ކޮށްދިން ހަންގޭރީގޭ ލާޒްލޯ ކިސްއަށް މުސާރައިގެ ގޮތުގައި ދޮޅު ލައްކައެއް ހާ ރުފިޔާ ދޭން ޖެހިފައި އެބައޮތެވެ. އެ ފައިސާ އަދިވެސް ނުދައްކަ އެވެ.

ކޮންގްރެސްގައި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އެ ދެ ކްލަބާ ގުޅޭ މައްސަލަތައް ހައްލުކުރަން މަސައްކަތް ކޮށްފައި ނުވުމުން ހިތާމަކުރައްވާ ކަމަށެވެ.

އެ ދެ ކްލަބުގެ ސަސްޕެންޝަން އެ ގޮތުގައި ދަމަހައްޓަން ފާސްވީ، ކޮންގްރެސްގައި ބައިވެރިވި އެއްވެސް މެންބަރަކު ސަސްޕެންޝަން އުވާލަން ހުށަހަޅައިފައި ނުވާތީ އެވެ.

މިއަދު ކޮންގްރެސްގައި ވަނީ، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އަށް އެފްއޭއެމްގެ މެންބަރުކަން ދިނުމަށް ފާސް ކޮށްފަ އެވެ. ޑީއެސްސީއަށް މެންބަރުކަން ދޭން 19 މެންބަރުން ވޯޓް ދީފައިވެ އެވެ. އެ ކްލަބަށް މެންބަރުކަން ދޭން ނުފެންނަ ކަމަށް ދިނީ ދެ ވޯޓެވެ.

ބައްސާމް ވިދާޅުވީ، ޑީއެސްސީއަށް މެންބަރުކަން ދިނުމާ މެދު ގޮތެއް ނިންމަން ކޮންގްރެސްގައި އެޖެންޑާ ކުރީ އެފްއޭއެމްގެ މެންބަރުކަމުގެ ޝަރުތު ހަމަވެ، މެންބަރަކަށް ވުމަށް އެ ކްލަބުން އެދިފައި ވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ޑީއެސްސީ އަކީ އެފްއޭއެމްގެ މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވަމުން އަންނަ ކްލަބެއް ކަމަށެވެ. ޑީއެސްސީ އަކީ ދެ ވަނަ ޑިވިޝަންގެ ކްލަބެކެވެ.

ޑީއެސްސީއަށް މެންބަރުކަން ލިބުމުން، އެފްއޭއެމްގެ އިންތިހާބުތަކުގައި ވޯޓް ދިނުމާއި ކޮންގްރެސްގައި ތަމްސީލު ކުރުމުގެ ފުރުސަތު އެ ކްލަބަަށް ލިބޭނެ އެވެ.