Roadha Mihaaru
މަގުމަތިކޮށްލި އާއިލާއަށް ލިބުނު އެހީން ވަގުތީ ހިޔާއެއް

މަގުމަތިކޮށްލި އާއިލާއަށް ލިބުނު އެހީން ވަގުތީ ބޯހިޔާވަހިކަމެއް ހޯދަނީ

10 އެޕްރީލް 2023

ބައްޕައަކު އަމިއްލަ ދެ ދަރިން ގެއިން ނެރެ މަގުމަތިކޮށްލުމުން ހާލުގައި ޖެހުނު އެ ކުދިންނާއި މަންމައަށް އެހީތެރިކަން ފޯރުކޮށްދޭން ހުޅުވާލުމުން ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖެއްސޭވަރަށް ތިން ގަޑިއިރު ތެރޭގައި އެހީ ލިބިފައިވާ ކަމަށް "މަމްސް އެއިޑް" ޖަމިއްޔާއިން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބައްޕައަކު އަމިއްލަ ދެ ދަރިން ގެއިން ނެރެ މަގުމަތިކޮށްލުމުން ހާލުގައި ޖެހުނު އެ ކުދިންނާއި މަންމައަށް އެހީތެރިކަން ފޯރުކޮށްދޭން ހުޅުވާލުމުން ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖެއްސޭވަރަށް ތިން ގަޑިއިރު ތެރޭގައި އެހީ ލިބިފައިވާ ކަމަށް "މަމްސް އެއިޑް" ޖަމިއްޔާއިން ބުނެފި އެވެ.

އެ ޖަމިއްޔާ އިން އިއްޔެ ހުޅުވާލީ ނިކަމެތިވި އެ އާއިލާ އުޅޭނެ ތަނެއް ކުއްޔަށް ހިފައި އެޑްވާންސް ދެއްކުމަށާއި ފަރުނީޗަރާއި ކާބޯތަކެތި ގަތުމަށް އެހީއަށެވެ.

"ތަނެއް ކުއްޔަށް ނަގައި އެޑްވާންސް ދެއްކޭ ވަރަށް ތިން ގަޑިއިރު ތެރޭ އެހީ ލިބިފައި ވަނީ. އަޅުގަނޑުމެން މިހާރު މަސައްކަތް މި ކުރަނީ އެ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަމެއް ދޭން ތަނެއް ހޯދުމުގެ މަސައްކަތް. ތަނެއް ލިބޭހާ އަވަހަކަށް އެތަނަށް އެ އާއިލާ ބަދަލުކުރާނަން،" އެ ޖަމިއްޔާއިން މިއަދު ބުންޏެވެ.

ދަރިންނާ އެކު އަންހެން މީހާ ގެއިން ނެރެލީ ކުރީގެ ފިރިމީހާ އެވެ. ވަރިކުރުމުން ދެ ދަރިންނާ އެކު އެ ކުދިންގެ ބައްޕަ އެގޭގައި އޭނާ ދިރިއުޅުނީ އިތުރު ގޮތެއް ނެތިގެން ކަމަށާއި ޖިސްމާނީ އަނިޔާ އާއި ނަފްސާނީ އަނިޔާކުރާތީ މައްސަލަ ޖެންޑާ މިނިސްޓްރީ އާއި ޕޮލިހަށް ހުށަހެޅި ކަމަށް އޭނާ މަމްސް ޖަމިއްޔާއަށް ބުނެފައިވެ އެވެ.

އޭނާ މަގުމަތިވީ ދިރިއުޅުނު ކޮޓަރީގެ ތަޅު ބަދަލުކޮށް، ގެންގުޅުނު ތަކެތި އެ ގެއިން ބޭރުކޮށްލުމުންނެވެ. ކުލީ ކޮޓަރިއެއްގައި މިހާރު ދިރިއުޅެނީ ދުވަލަކަށް 500ރ. ދައްކައިގެންނެވެ. އެ ފައިސާ ހޯދަނީ ކޮޓަރި ތެރޭގައި ކަރަންޓް އުނދުނެއް ބަހައްޓައި ރޮށި ފިހެގެން ވިއްކައިގެން ލިބޭ ފައިސާއިންނެވެ.

އަންހެން މީހާއާ ހަވާލާދީ މަމްސް ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި ޖެންޑާ މިނިސްޓްރީއަށާއި ޕޮލިހަށް މައްސަލަ ހުށަހަޅާފައިވާތާ އެތައް ދުވަހެއް ވި އިރު ވެސް ހައްލެއް ނުލިބުނެވެ.

މިކަން މީޑިއާ އިން ސަމާލުކަމަށް އައުމުން ޖެންޑާ މިނިސްޓްރީން އިއްޔެ އެ އާއިލާއާ ބައްދަލުކުރި އެވެ. އެ މިނިސްޓްރީން ބުނީ ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.