Roadha Mihaaru
މަަގުމަތިވި އާއިލާ ޖެންޑާގެ ބެލުމުގެ ދަށަށް!

މަަގުމަތިވި އާއިލާ ޖެންޑާގެ ބެލުމުގެ ދަށަށް!

14 އެޕްރީލް 2023

ދެ ދަރިންނާ އެކު މަގުމަތިވި މަންމަ، އެ ދެ ކުދިންނާ އެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދެ ދަރިންނާ އެކު މަގުމަތިވި މަންމަ، އެ ދެ ކުދިންނާ އެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެ އަންހެން މީހާ ދެ ދަރިންނާއެކު އުޅެމުންދިޔަ، ކުރީގެ ފިރިހާގެ ގެއިން ނެރެލާ ހިފާ ގެެންގުޅޭ ސާމާނުތައް މަގުމައްޗަށް އުކާލި ކަމަށް ބުނެ މިދިޔަ އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ފޮޓޯއެއް ހިއްސާ ކުރި އެވެ.

ދުވަހު ކުލީ ކޮޓަރިއެއްގައި އުޅެމުންދިޔަ އެ އަންހެން މީހާއަށް އެހީވީ މަންމައިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ "މަމްސް އެއިޑް" އިންނެވެ.

ޖެންޑާއިން އޭރު ބުނީ އެމީހުންގެ ހާލަތު ބަލައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

"މަމްސް އެއިޑް" އިން މިއަދު ބުނީ އެ ޖަމިއްޔާއިން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް އެ އާއިލާ މިއަދު ޖެންޑާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެކި މީހުންގެ އެހިތެރިކަމާއެކު އެ އާއިލާއަށް 164،730ރ ލިބިފައިވާ ކަމަށާއި ފައިސާއިން އެ އާއިލާގެ ކަންކަން ބަލަހައްޓަމުން ދަނިކޮށް ޖެންޑާއަށް ނެގި ނަމަވެސް އާއިލާގެ ހުރިހާ ހަރަދެއް އެ ޖަމިއްޔާއިން ކުރާނެ ކަމަށް ބުންޏެވެ.

އެ އާއިލާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ އެންމެ ބޮޑު ބޭނުމަކީ ޖެންޑާއިން ކުރިއަށް ގެންދާ ވަގުތީ ރައްކާތެރިކަން ފޯޯރުކޮށްދޭ ޕްރޮގްރާމުގައި ބައިވެރިކުރުމަށް ކަމަށާއި އެ ޕްރޮގްރާމުގެ މުއްދަތު ކަނޑައެޅާނީ އެސެސްމެންޓްތަކަށް ފަހު ކަމުން އެ އައިލާ ޖެންޑާއިން ދޫކޮށްލާނެ ދުވަހެއް ނޭނގޭ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ޖެންޑާއިން އެ އާއިލާ އަނބުރާ މުޖުތަމައުއަށް ދޫކޮށްލުމުން ދިރިއުޅޭނެ ތަނަކާއި ސްކޫލު ހަރަދާއި ކާބޯތަކެއްޗާއި ކައުންސިލިން އަދި ދިރިއުޅުމަށް އާމްދަނީ ހޯދާނެ ގޮތެއް ހަމަޖެއްސުމަށް އެ ޖަމިއްޔާއިން ހޯދާފައިވާ ފަންޑު ދޭނެ ކަމަށް ވެސް ބުންޏެވެ.

ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "މިހާރު" އަށް ވިދާޅުވީ އެ އާއިލާ ޖެެންޑާގެ ބެލުމުގެ ދަށަށް ގެނައީ އެއީ ގެވެށި އަނިޔާއާ ގުޅޭ މައްސަލައަކަށް ވުމުން ކަމަށެވެ.

"ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ ފަރާތަށް ލިބިދޭ ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ހޯދަން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން. އަދި އެފަރާތަށް ބޭނުންވާ ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުން،" މިނިސްޓްރީން ބުންޏެވެ.

އަންހެން މީހާ ގެއިން ނެރެލީ ކަމަށް ބުނާ ނަމަވެސް އޭނާގެ ކުރީގެ ފިރިމީހާ އެކަމަށް އިންކާރު ކުރެ އެވެ. "މިހާރު" ނޫހުގެ ނޫސްވެރިން އެ އާއިލާ ދިރިއުޅެމުންދިޔަ ކުލީ ކޮޓަރިއަށް ގޮސް އަންހެން މީހާއާ ވާހަކަ ދައްކައި އޭނަގެ ކުރީގެ ފިރިމީހާއާ ވެސް ވަނީ ވާހަކަ ދެއްކި އެވެ.

ދެ މީހުން އެކަކު އަނެކަކަށް އެތައް ތުހުމަތެއް ކުރާއިރު ކުދިންނަށް އަޅާނުލާ ކަން އެނގެ އެވެ.