Roadha Mihaaru
އައްޑޫގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

އައްޑޫގައި ރޯވި އަލިފާންގަނޑު 21 ގަޑިއިރު ފަހުން ކޮންޓްރޯލްކޮށްފި

11 އެޕްރީލް 2023

އައްޑޫގެ ކުނިކޮށީގައި ރޯވިތާ 21 ގަޑިއިރު ފަހުން އަލިފާންގަނޑު މިއަދު ކޮންޓްރޯލްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގެ ކުނިކޮށީގައި ރޯވިތާ 21 ގަޑިއިރު ފަހުން އަލިފާންގަނޑު މިއަދު ކޮންޓްރޯލްކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނީ، ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ކައިރީގައި އޮންނަ ކުނިކޮށީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރިޔަސް، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ދުމުގެ އަސަރު އަދިވެސް ވަރަށް ބޮޑަށް އެބަހުރި ކަމަށެވެ. އެހެންވެ، މުހިންމު ބޭނުމެއްގައި ނޫން ގޮތަކަށް އައްޑޫ ލިންކްރޯޑުން ދަތުރު ނުކުރުމަށް ސިޓީ ކައުންސިލުން އެދުނެވެ.

"... ސައިކަލުން ދަތުރު ކުރައްވާ ބޭފުޅުން އިތުރަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައި ދަތުރު ކުރައްވާއިރު މާސްކް އަޅުއްވައިގެން ދަތުރުކޮށް، ކުޑަކުދިން ގޮވައިގެން އެއްގޮތަކަށް ވެސް ދަތުރު ނުކުރެއްވުމަށް އިލްތިމާސް ކުރަން،" ސިޓީ ކައުންސިލުން ބުންޏެވެ.

އައްޑޫ ކުނި ކޮށީގައި ރޯވީ އިއްޔެ ހަވީރު ފަހެއް ޖަހާކަން ހާއިރެވެ. ފުލުހުންނަށް އެ މައްސަލަ ރިޕޯޓްކުރީ ރޭ ހަތެއް ޖެހިއިރެވެ. އޭގެ ފަހުން ފުލުހުންނާއި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޑިޕާޓްމަންޓާއި ވެމްކޯ އަދި އައްޑޫގެ މަގު ހެދުމުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގުޅިގެން އަލިފާންގަނޑު ނިއްވާލަން އައީ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެތަނުގައި ރޯވާ މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

އައްޑޫގެ މޭޔަރު އަލީ ނިޒާރު ރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ކުނިކޮށިން ކުނި މަދު ނުކުރެވި 6-7 އަހަރު ވަނީ ވެފަ އެވެ. އަދި މި ދުވަސްވަރު ގަދަ ހޫނުގެ ސަބަބުން ކުނިތައް އޮންނަނީ އެއްކޮށް ހިކިފަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ނުވެ ބޮޑަށް ފެތުރިގެން ދިޔައީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޮޑަށް ލަފާ ކުރެވެނީ ހޫނުވެގެން ރޯވި ކަމަށް، ހޫނުގެ ސަބަބުން ސްޕްރޭ ފުޅިއެއް އެއްޗެއް ގޮވަން ވެސް ގޮވާފާނެ. އެތަން ކުނި މަދު ނުކުރާތާ އެތައް ދުވަހެއް،" މޭޔަރު ވިދާޅުވި އެވެ.