Roadha Mihaaru
ހިތަދޫ ފިހާރައެއްގައި ރޯވެ އަނދައި ހުލިވެއްޖެ

ހިތަދޫ ފިހާރައެއްގައި ރޯވެ އަނދައި ހުލިވެއްޖެ

09 ސެޕްޓެމްބަރ 2018

އައްޑޫ ހިތަދޫ ފިހާރައެއްގައި ރޭ ފަތިހުގެ ވަގުތެއްގައި ރޯވެ، އަނދައިލި ހުލިވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫ ހިތަދޫ ފިހާރައެއްގައި ރޭ ފަތިހުގެ ވަގުތެއްގައި ރޯވެ، އަނދައިލި ހުލިވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިތަދޫ ބްރާންޗް ހުންނަ ސަރަހައްދުގައި ހުންނަ "ކައްޓި ހިތްވަރު" ފިހާރައިގައި ރޯވެ، އެތަނުގެ 90 ޕަސަންޓް އަނދައިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ އިން ބުނީ ފިހާރައިގައި ރޯވި ކަމުގެ މައުލޫމާތު ލިބުނީ ފަތިހު ފަހެއް ޖަހަން އުޅެނިކޮށް ކަމަށާއި ވަގުތުން ހިތަދޫގެ ފަޔާ އެންޑް ރެސްކިއުގެ ފަޔާމަނުން އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަލިފާންގަނޑު ނިއްވައިލީ އާންމުންގެ ވެސް އެހީތެރިކަމާ އެކު އެވެ.

ނަމަވެސް، ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނު އިރު، އެތަނުގެ ބޮޑު ބައެއް ބިމާ ހަމެވެ، ތަނުގައި ހުރި ހުރިހާ މުދަލެއް ވަނީ އަނދައި އަޅިއަށް ވެފަ އެވެ.

އެކަމަކު، އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ސާފު ނުވާ ކަމަށާއި މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ރޯވި ހިތަދޫ "ކައްޓި ހިތްވަރު" ފިހާރަ ކައިރީގައި ފުލުހަކު ހަރަކާތްތެރި ވަނީ. ފޮޓޯ/ ސިޓީ އޮފް އައްޑޫ

ރޯވި ހިތަދޫ "ކައްޓި ހިތްވަރު" ފިހާރަ ކައިރީގައި ފުލުހަކު ހަރަކާތްތެރި ވަނީ. ފޮޓޯ/ ސިޓީ އޮފް އައްޑޫ

ހިތަދޫގައި ހިންގާ އިދިކޮޅު އެމްޑީޕީގެ މައި ހަރުގެ ކުރިން ހިންގި އިމާރާތާ އިން ވެގެން ހުންނަ "ކައްޓި ހިތްވަރު" ގައި 2014 ގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެއީ، އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ މުދާ ވިއްކަމުން އަންނަ ފިހާރައެކެވެ. އެތަނުން ބުނި ގޮތުގައި ރޭގެ ހާދިސާއާ ގުޅިގެން ލިބުނު ގެއްލުން އެތައް ލައްކަ ރުފިޔާއަކަށް އަރާނެ އެވެ.