Roadha Mihaaru
ސިޓީ އިން ބެޔާން އުނދަގޫ ހާލަތަކަށް ވައްޓާލައިފި

ސިޓީ އިން ބެޔާން އުނދަގޫ ހާލަތަކަށް ވައްޓާލައިފި

12 އެޕްރީލް 2023

މެންޗެސްޓާ (އޭޕްރީލް 12) - ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީ އިން 3-0 އިން ބެޔާން މިއުނިކް ބަލިކޮށްފި އެވެ.

މެންޗެސްޓާ (އޭޕްރީލް 12) - ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ސިޓީ އިން 3-0 އިން ބެޔާން މިއުނިކް ބަލިކޮށްފި އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މިޑްފީލްޑަރު ރޮޑްރީ ރީތި ލަނޑެއް ޖަހައިދީ ސިޓީއަށް ލީޑު ނަގައިދީފައި ވަނިކޮށް، ބެނާޑޯ ސިލްވާ ދެވަނަ ލަނޑު ޖަހައިދިނީ 70 ވަނަ މިނިޓުގަ އެވެ. އަދި ހަ މިނިޓު ފަހުން ތިންވަނަ ލަނޑު ޖަހައިދިނީ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ ޑިމާންޑް ބޮޑު މެޗެއް ކަމަށާއި، ބެޔާނާ ދެކޮޅަށް ނުކުންނަން އޭނާއަށް ފަސޭހައެއް ނޫން ކަމަށެވެ. އަދި މި މެޗުން މޮޅުވި ނަމަވެސް މިއުނިކުގައި ރަނގަޅަށް ޕާފޯމް ނުކުރެވިއްޖެ ނަމަ ނަތީޖާ އެނބުރިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"މިއީ އާދަޔާ ހިލާފު ނަތީޖާއެއް، އެކަމަކު މިއުނިކުގައި ވެދާނެ ގޮތެއް ލަފާކުރަން އަހަރެންނަށް އެނގޭ. [ބެޔާންގެ ދަނޑުގައި] ވަރަށް ރަނގަޅަށް އަހަރެމެންނަށް ނުކުޅެވިއްޖެ ނަމަ އެމީހުންނަށް ޖެހިދާނެ ތިން ގޯލުވެސް. އަހަރެންނަށް އެކަން އެނގޭ، ކުޅުންތެރިންނަށް އެކަން އެނގޭ،" މީގެ ކުރިން ބެޔާނަށް ކޯޗު ކޮށްދިން ގާޑިއޯލާ ބުންޏެވެ.

"ތަފާތު ނަތީޖާއެއް މިއީ. އެކަމަކު [ޖެހިގެން އަންނަ މެޗުގައި ވެސް] އަހަރެމެންގެ ރޯލު އެންމެ ފުރިހަމައަށް އަދާ ކުރަން ޖެހޭނެ. އެހެން ނޫން ނަމަ ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ. މިކަހަލަ ޓީމުތައް ބަލިކުރަން [ކްލަބުގައި] އެންމެ ޓީމެއް އޮވެގެން ނުވާނެ. ވަރުގަދަ ދެ ޓީމު ބޭނުންވޭ."

މެޗަށް ފަހު ގާޑިއޯލާ (ކ) އާއި ޓުޗެލް (ވ).-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ގާޑިއޯލާ (ކ) އާއި ޓުޗެލް (ވ).-- ފޮޓޯ: އޭއެފްޕީ

ބެޔާނުން ވަނީ ހޫލިއަން ނާގެލްސްމަން ވަކިކޮށް ތޯމަސް ޓުޗެލް އާ ޓީމުގެ ކޯޗުކަން ހަވާލު ކޮށްފަ އެވެ. ޓުޗެލް އާއެކު މިހާތަނަށް ހަތަރު މެޗު ކުޅެފައި ވާއިރު މޮޅުވީ ޖަރުމަން ލީގުގައި ކުޅުނު ދެ މެޗުންނެވެ. ޖަރުމަން ކަޕްގެ ކުއާޓާ ފައިނަލުން ބަލިވެ، މުބާރާތުން ކަޓާފައި ވާއިރު، މިއީ މި ސީޒަން ގައި ޗެމްޕިއަންސް ލީގުގައި ވެސް ބަލިވި ފުރަތަމަ މެޗެވެ.

މެޗަށް ފަހު ޓުޗެލް ބުނީ ނަތީޖާއިން މުޅި މެޗުގެ ހާލަތު ބަޔާންކޮށެއް ނުދެވޭނެ ކަމަށާއި، މެޗުން ލިބުނު ނަތީޖާއަށް ފޯކަސް ނުކުރަން ޓީމުގެ ކުޅުންތެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.

ސިޓީގެ މި މޮޅާ އެކު އެޓީމަށް ވަނީ ޗެމްޕިއަންސް ލީގުގައި ރެކޯޑެއް ވެސް ގާއިމް ކުރެވިފަ އެވެ. އެޓީމު ވަނީ ޗެމްޕިއަންސް ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ 25 މެޗު ހަމަކޮށްފަ އެވެ. މިއީ މީގެ ކުރިން އިނގިރޭސި އެހެން ކްލަބަކަށް ހާސިލް ކުރެވިފައިވާ ރެކޯޑެއް ނޫނެވެ.

ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ސިޓީ ބަލިވީ 2018/2019 ސީޒަންގެ ފުރަތަމަ މެޗުގައި ފްރާންސްގެ ލިޔޯން އަތުންނެވެ. އޭގެ ފަހުން ސިޓީ ވަނީ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު 25 މެޗުގެ ތެރެއިން 23 މެޗުން މޮޅުވެ ދެ މެޗު އެއްވަރު ކޮށްފަ އެވެ.

ސިޓީގެ ފޯވާޑް ހާލަންޑް ޖަހައިދިން ގޯލަކީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި 11 ވަނަ ގޯލެވެ. ޗެމްޕިއަންސް ލީގު ސީޒަނެއްގައި އިނގިރޭސި ކްލަބަކަށް މިހާތަނަށް އެންމެ ގިނަ ގޯލު ޖަހައިދީފައި ވަނީ މީގެ 20 އަހަރު ކުރިން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރޫޑް ވެން ނިސްޓެލްރޫއީ އެވެ. އޭނާ ވަނީ 2002/2003 ސީޒަންގެ މުބާރާތުގައި 12 ގޯލު ކާމިޔާބު ކޮށްފަ އެވެ.

ހާލަންޑްގެ ގޯލާ އެކު އޭނާ މި ސީޒަން ގައި ޖެހި ގޯލުގެ އަދަދު ވަނީ 45 އަކަށް އަރައިފަ އެވެ. މިއީ 1992/1993 ގައި އިނގިރޭސި ޕްރިމިއާ ލީގު ތައާރަފްވި ފަހުން، ޕްރިމިއާ ލީގު ކްލަބެއްގެ ކުޅުންތެރިއަކަށް އެއް ސީޒަނެއްގައި މިހާ ގިނަ ގޯލު ޖެހި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ 2002/2003 ސީޒަންގައި 44 ގޯލު ޖެހި ނިސްޓެލްރޫއީ އާއި 2017/2018 ސީޒަންގައި ލިވަޕޫލަށް 44 ގޯލު ޖަހައިދިން މުހައްމަދު ސަލާހު އަތުގަ އެވެ.

ކުއާޓާ ފައިނަލްގައި ރޭ އިޓަލީގެ އިންޓަ މިލާން ވެސް ވަނީ ކުޅެފަ އެވެ. ފުރަތަމަ ލެގުގައި އިންޓަ ވަނީ ރަށުން ބޭރުގައި 2-0 އިން ޕޯޗުގަލްގެ ބެންފީކާ ބަލިކޮށްފަ އެވެ.

އިންޓަ ގެ ދެ ގޯލު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ނިކޯލޯ ބަރެއްލާ ޖަހައިދިން އިރު ދެވަނަ ލަނޑު ޕެނަލްޓީއަކުން ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ.