Roadha Mihaaru
ތިން ތަށި ކާމިޔާބު ކުރެވޭނެ ކަމަށް ގާޑިއޯލާ ގަބޫލުކުރޭ

ސިޓީ އަށް ތިން ތަށި ކާމިޔާބު ކުރެވޭނެ ކަމަށް ގާޑިއޯލާ ގަބޫލު ކުރޭ

03 މެއި 2023

މެންޗެސްޓާ (މެއި 3) - ސީޒަންގެ ފަހުކޮޅު އުނދަގޫ ޝެޑިއުލެއްގައި ކުޅެން ޖެހުނަސް ތިން ތަށި ކާމިޔާބު ކުރެވޭނެ ފެންވަރު މެންޗެސްޓާ ސިޓީގެ އެބަހުރި ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މެންޗެސްޓާ (މެއި 3) - ސީޒަންގެ ފަހުކޮޅު އުނދަގޫ ޝެޑިއުލެއްގައި ކުޅެން ޖެހުނަސް ތިން ތަށި ކާމިޔާބު ކުރެވޭނެ ފެންވަރު މެންޗެސްޓާ ސިޓީގެ އެބަހުރި ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިދިޔަ ސީޒަންގެ ވެސް ލީގު ޗެމްޕިއަން ސިޓީ މިވަގުތު ލީގުގެ ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް އާސެނަލް އަށް ވުރެ ދެ މެޗު މަދުން ކުޅެގެން ދެ ޕޮއިންޓް ފަހަތުގަ އެވެ. ނަމަވެސް މިރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އެއް މެޗު މަދުން ކުޅެފައި އޮތަސް ސިޓީއަށް އެއްވަނައަށް ޖެހިލެވޭނެ އެވެ.

އަންނަ މަހު ކުޅެން އޮތް އެފްއޭ ކަޕްގެ ފައިނަލަށް ސިޓީ ހޮވިފައި ވާއިރު، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ލެގު މި މަހު ސިޓީ ކުޅޭނެ އެވެ.

ކުރިއަށް އޮތް އެއް މަސް ދުވަސް ތެރޭ ސިޓީ އަށް ވަނީ ނުވަ މެޗު ކުޅެން ތައްޔާރުވާން ޖެހިފަ އެވެ. އެކަމަކު ކޯޗު ގާޑިއޯލާ ބުނީ މިއީ ސީޒަންގެ ފަހިކޮޅު ބިޒީ ޝެޑިއުލެއްގައި ސިޓީއަށް މެޗުތައް ކުޅެން ޖެހުނު ފުރަތަމަ ފަހަރު ނޫން ކަމަށެވެ.

"ކުޅުންތެރިންނަށް [ތިން ތައްޓަށް ވާދަކުރަން] އެއް މަހާއި ހަފްތާއެއް އެބަ އޮތް. ފާއިތުވި 6 ނޫނީ ހަތް އަހަރު ވެސް މި ހާލަތުގައި ކުޅުނީ،" ވެސްޓް ހޭމާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ.

"މިއީ ފުރަތަމަ ފަހަރެއް ނޫން، ވަރަށް ގިނައިން ކުލެފިން މިހެން. އަހަރެމެންގެ ހުރިހާ ކަމެއް އެބަހުރި، މެންޓަލް ސްޓްރެންތު ވެސް. މިއީ އަހަރެމެންގެ އެންމެ ރަގަޅު ވަގުތުކޮޅު. އަހަރެމެން ވަރުބައްޔެއް ނުވޭ."

ސިޓީ ވަނީ ހޮނިހިރު ދުވަހުގެ ރޭ ފުލަމް ބަލިކޮށް ދެ މަސް ފަހުން އަލުން ލީގު އެއްވަނައަށް ޖެހިލައިފަ އެވެ. ނަމަވެސް ރޭ ޗެލްސީ އަތުން އާސެނަލް މޮޅުވުމުން މިވަގުތު ވަގުތީގޮތުން އެއްވަނައިގައި އޮތީ އާސެނަލް އެވެ.

ފުލަމް ބަލިކުރި މެޗުގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑް ވަނީ މި ސީޒަންގައި ސިޓީއަށް 50 ގޯލު ހަމަކޮށްފަ އެވެ. އިނގިރޭސި ސީޒަނެއްގައި 63 ގޯލު ޖަހައިގެން ޑިކްސީ ޑީން ހަދާފައިވާ ރެކޯޑް، ހާލަންޑް މި ސީޒަނުގައި މުގުރާލާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

"ހުރިހާ ރެކޯޑެއް ވެސް ކޮންމެވެސް ދުވަހަކުން މުގުރާލާނެ. އަހަރެންނަށް ޔަގީން ސީޒަން ނިމުމުގެ ކުރިން އޭނާ [ހާލަންޑް] ލީގުގައި އިތުރު ގޯލުތަކެއް ޖަހާނެ،" ގާޑިއޯލާ ބުންޏެވެ.

"އަހަރެންނަކަށް ނޭނގޭ ވާނެ ގޮތެއް ބުނާކަށް. އެއީ އަހަރެމެންނަށް ވެސް ސަޕްރައިޒަކަށް ވާނީ، އެކަމަކު ފަހަރުގައި އޭނާއަށް [ހާލަންޑަށް] ސަޕްރައިޒަކަށް ނުވެދާނެ. މިހާރު ވެސް އޭނާ ވަނީ އުނދަގޫ ލީގެއްގައި ކުޅޭ ފުރަތަމަ ސީޒަންގައި އެތައް ރެކޯޑެއް މުގުރާލައިފައި."