އުމުރުން ދުވަސްވެ ގައިގެ ވަރު ދޫވަނީ އެވެ. އެކަމަކު، ލަތީފާ އަހުމަދު ދޫނުކުރި އެއް ކަމެއް އެބައޮތެވެ. ގުރުއާން ކިޔަވައިދިނުމެވެ. ޒުވާން ދުވަސްވަރުން ފެށިގެން ގޭގައި ގުރުއާން ކިޔަވައިދޭން ފެށި ގޮތަށް، ހުއްޓުމެއް އަދި މަޑުޖެހުމެއް ނެތި އެ ސްޕީޑުގައި އޭނާ އަންނަނީ ކުދިންނަށް ކިޔަވައިދެމުންނެެވެ.
13 އެޕްރީލް 2023
އުމުރުން ދުވަސްވެ ގައިގެ ވަރު ދޫވަނީ އެވެ. އެކަމަކު، ލަތީފާ އަހުމަދު ދޫނުކުރި އެއް ކަމެއް އެބައޮތެވެ. ގުރުއާން ކިޔަވައިދިނުމެވެ. ޒުވާން ދުވަސްވަރުން ފެށިގެން ގޭގައި ގުރުއާން ކިޔަވައިދޭން ފެށި ގޮތަށް، ހުއްޓުމެއް އަދި މަޑުޖެހުމެއް ނެތި އެ ސްޕީޑުގައި އޭނާ އަންނަނީ ކުދިންނަށް ކިޔަވައިދެމުންނެެވެ.
ފ. ބިލެތްދު އަށް އުފަން ލަތީފާ، 73، ބުނީ އޭނާ އަށް ގުރުއާން ކިޔަވައިދިނުމުގެ ތެރެއަށް ވަދެވުނީ ދޮން މަންމަގެ ފަރާތުން ކަމަށެވެ. ކުޑައިރު މަންމަ އާއި ބައްޕަ ނިޔާވުމުން ލަތީފާ އުޅެ ބޮޑުވީ، މީހުންނަށް ގުރުއާން ކިޔަވައިދީގެން ދިރިއުޅެމުން އައި ދޮން މަންމަގެ ކައިރީގަ އެވެ.
ނަމަވެސް، އުމުރުން 15 ވަރަކަށް އަހަރުގައި ދޮން މަންމަ ވެސް ނިޔާވެއްޖެ އެވެ. އެ ހިސާބުން، ދޮން މަންމަގެ މަސައްކަތް ކުރިއަށް ގެންދިޔައީ ލަތީފާ އެވެ.
އެ އަޒުމުގައި، އެ ހިތްވަރުގައި މި ރަށުގައި ގުރުއާން ކިޔަވައިދޭތާ 58 އަހަރުވެއްޖެ އެވެ. ރަށުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އެދުރުވީ އޭނާގެ ކައިރިންނެވެ. ކައުންސިލަރުންނާއި ރަށުގެ އެކި މަގާމުތަކުގައި ތިއްބެވީ ވެސް ލަތީފާ ކައިރިން ގުރުއާން ކިޔަވަން ދަސްކުރެއްވި ބޭފުޅުންނެވެ. އެ ބޭފުޅުންނަށް ކުދިން ލިބި، އެ ކުދިންނަށް ވެސް ކިޔަވައިދެމުން އަންނަނީ ލަތީފާ އެވެ.
މިއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް އަދި އުފަލެއް ވެސް ނެތެވެ.
ކުދިންނަށް ގުރުއާން ކިޔަވައިދިނުމަށް ލަތީފާ ގެންގުޅޭ ބައެއް ހަތިމުތައް.
ލަތީފާގެ އެންމެ ބޮޑު ތަފާތަކީ އެއްވެސް އަގެއް ނުކިޔައި، ހިލޭ ސާބަހަށް ރަށުގެ ގިނަ ބަޔަކަށް ގުރުއާން ކިޔަވައިދިނުމެވެ. މީހަކު އެއްޗެއް ދޭން ބޭނުންވާ ނަމަ ދޭންވީ އެވެ. އެހެނެއް ކަމަކު، އަގު ދީގެން ކިޔަވައިދޭ ކުއްޖަކާއި ހިލޭ ކިޔަވައިދޭ ކުއްޖަކާ މެދު އޭނާގެ އެއްވެސް ތަފާތު ކުރުމެއް ނެތެވެ.
"މީހަކު އެއްޗެއް ދިނިއްޔާ ދިނީ. ނުދެންޏާ ނުދޭންވީ. އެއްވެސް އަގެއް ނުކިޔާ، ހިލޭ މި ކިޔަވައިދެނީ." ދެ ދަރިންނާ އެކު އުޅެމުން އަންނަ ލަތީފާ ބުންޏެވެ.
އޭނާ ކައިރިން މިހާރު ވެސް 60 އެއްހާ ކުދިން ކިޔަވަ އެވެ.
ލަތީފާ، ގޭގައި ކުދިންނަށް ކިޔަވައިދެނީ.
އަޑުފޮށި ހަލާކުވަމުން ދިއުމާއި އުމުރުން ދުވަސްވާތީ ގުރުއާން ކިޔަވައިދޭން ހުއްޓާލަން ވެސް ލަތީފާ ބޭނުންވި އެވެ. އެކަމަކު، މި ރަށުގެ ގިނަ ބައެއްގެ އެދުމުގެ މަތިން ގުރުއާން ކިޔަވައިދިނުން ހުއްޓާނުލައި ގެންދަނީ އެވެ.
"މިހާރު އުނދަގޫ ކިޔަވައިދޭން ވެސް. ފަރިތަކޮށް ކިޔަވާ ކުދިންނަށް ފަސޭހައިން ކިޔަވައިދިނަސް ދަތި ހާލުގައި ކިޔަވާ ކުދިންނަށް ކިޔަވައިދޭން އުނދަގޫވޭ. އުމުރުން ދުވަސްވުމުން ނުވާނެ ކަމަށް ބުންޏަސް މީހުން ބުނާތީ ކިޔަވައިދެނީ. ކޮންމެ މީހަކު ވެސް ބޭނުންވަނީ އަހަރެން ލައްވާ ކިޔަވައިދޭން." ލަތީފާ ބުންޏެވެ.
މަހުރަޖާއި އެކި ރާގު ރާގަށް ކިޔަވައިދިނުމުގެ ބަދަލުގައި ލަތީފާ އިސްކަންދެނީ ގުރުއާންގެ އަކުރުތައް ދަސްކޮށްދީ، ކުށްނުޖެހި ކިޔަވަން ދަސްކޮށްދޭށެވެ. އެއަށްވުރެ ރަނގަޅަށް ކިޔަވަން ބޭނުންވާ ނަމަ ރަށުގެ އެހެން މީހުން ކައިރިން ދަސްކުރުމަށް އޭނާ އަބަދު ވެސް އެދެ އެވެ.
ލަތީފާ، އޭނާ ގުރުއާން ކިޔަވައިދޭ ތަނުގައި މަޑުކޮށްލައިގެން.
އެ ހުރިހާ ކުދިންނަށް ކިޔަވައިދެނީ އެކަމަށް ހާއްސަކޮށްގެން މި ގޭގައި ހަދާފައިވާ ކުޑަ ސިޓިން ރޫމެއް ކަހަލަ ތަނުގަ އެވެ. ހެނދުނު 8:00 ގައި ފަށާ ގޮތަށް މެންދުރު ނަމާދަށް ނަގާ ހުސްވަގުތަށް ފަހު 3:00 އާ ހަމައަށް ލަތީފާ އުޅޭނީ ކިޔަވައިދިނުމުގަ އެވެ.
އެކި ކްލާސްތަކަށް ބަހާލައިގެން ކިޔަވައިދޭއިރު، ކޮންމެ ކްލާހެއްގައި 12 ވަރަކަށް ކުދިން އުޅެ އެވެ.
ވޮށުފިލާގައި ކިޔަވައިދޭން ފެށި ދަތުރު ބަދަލުވެ، މިހާރު އެންމެ ކުޑަކުދިންނަށް ކިޔަވައިދެނީ ބޯޑުގައި އަކުރު އަޅައިގެންނެވެ. ރަނގަޅަށް ކިޔަވަން ދަސްވުމުން ހަތިމަށެވެ.
ލަތީފާ ބުނީ އޭނާގެ ގުރުއާން ކްލާސްތަކަށް އޮންނަ ތަރުހީބުން، މާލެއަށް ގޮސްގެން ވެސް ކުދިންނަށް ކިޔަވައިދޭން ވަރަށް ފުރުސަތު ލިބުނު ކަމަށެވެ. އެކަމަކު، އޭނާ ބޭނުން ވަނީ މި ރަށުގައި، އަމިއްލަ ގޭގައި ހިތްހަމަޖެހިލައިގެން ގުރުއާން ކިޔަވައިދޭށެވެ.
"މަ ހިތަށް ލިބޭ އުފަލަކީ މިއީ. ވަރަށް ހިތްހަމަޖެހިގެން މިކަން ކުރަނީ. އާހިރަތަށްޓަކައި ކުރާ ކަމެއް މިއީ." އޭނާ ބުންޏެވެ.
މުހައްމަދު: އެންމެ އަލިގަދަ ތަރިއަކީ މިއީ!
އެތައް ކުއްޖަކަށް "އަގުބޮޑު" މަންމަން ކޯޗު
މުސްކުޅިވީ ދުވަހު ހަތަރު ކުދިންގެ "މަންމަ"އަކަށް!
ޝިޔާމްގެ "އާ ޖީލު": މާ ދުރު ވިސްނުމެއް!
"ޑެއިޒީ" ފަރިކުރި ތިން ބެއިން!
ބަށީގެ ރާނީ: "އެ ފޯރި އާއި ދިރުން ގެއްލުވާލައިފި"!
ސުޖުއާން: ޑިސްކަވަރީ ތެރެއަށް ގެއްލި ބޭރުގެ ރާޑަރަށް
ހިޔާލުތަކާ ދުރަށް ދަނީ މި ދޯނިތަކުގައި
ސަތޭކައިގެ ދަރިވަރު: އޭނާގެ ދިރިއުޅުން ބަދަލުވެއްޖެ
ވަޑިއިއްބެގެ ހިޔާލީ ކުރެހުން އަދި ހަގީގަތް!