Roadha Mihaaru
މުސްކުޅިވީ ދުވަހު ހަތަރު ކުދިންގެ "މަންމަ"އަކަށް!

އަރާމެއް ނެތް: މުސްކުޅިވީ ދުވަހު ޖެހުނީ ހަތަރު ކުދިންގެ "މަންމަ" އަކަށް

15 އެޕްރީލް 2023

އުޅެ ބޮޑުވީ ލޯޯފަން ބައްޕައެއް ކައިރީގައި، ނިކަމެތި ހާލުގަ އެވެ. ލޮލަށް ރަނގަޅަށް ނުފެނުނަސް އެހެން މީހުންނަށް މަސައްކަތް ކޮށްދީގެން ބައްޕަ ހޯދި އާމްދަނީން ގިނަ ފަހަރަށް ދެކޮޅެއް ނުޖެހެ އެވެ. އެހެންވެ، ނަސީމާ އިބްރާހިމަށް އެހީތެރިވާން އޭނާ މާލެ ގެނެސް، ތިމާގެ މީހެއް ކައިރީގައި ބެހެއްޓިއަސް އެ ހިމާޔަތެއް ވެސް ނުލިބުނެވެ.

އާސިމާ ނިޒާރު ފ. ބިލެތްދޫން އާސިމާ ނިޒާރު

އުޅެ ބޮޑުވީ ލޯޯފަން ބައްޕައެއް ކައިރީގައި، ނިކަމެތި ހާލުގަ އެވެ. ލޮލަށް ރަނގަޅަށް ނުފެނުނަސް އެހެން މީހުންނަށް މަސައްކަތް ކޮށްދީގެން ބައްޕަ ހޯދި އާމްދަނީން ގިނަ ފަހަރަށް ދެކޮޅެއް ނުޖެހެ އެވެ. އެހެންވެ، ނަސީމާ އިބްރާހިމަށް އެހީތެރިވާން އޭނާ މާލެ ގެނެސް، ތިމާގެ މީހެއް ކައިރީގައި ބެހެއްޓިއަސް އެ ހިމާޔަތެއް ވެސް ނުލިބުނެވެ.

އެކަމުން ސަލާމަތްވާން އޭނާ އިނީ މީހަކާ އެވެ.

ނަމަވެސް، އެ ކައިވެނިތަކަކީ އޭނާއަށް ލިބުނު އުފަލެއް ނޫނެވެ. އަނިޔާތަކާ އެކު މި ރަށް، ފ. ބިލެތްދޫ ނަސީމާ، 64، ވަރިވީ އެވެ. އެކަމަކު، ދަރިން އިތުރަށް ނިކަމެތިވެގެންދާތީ އަދި ފިރިމީހާ އިސްލާހު ވެދާނެ ކަމަށް ވިސްނައި އޭނައާ ހަ ފަހަރަށް އިނެވެ.

"އެކަނިވެރި ހާލުގައި ދަރިންތަކެއް ގޮވައިގެން، އެކަނި މަސައްކަތްކޮށްގެން ފައިސާ ހޯދައިގެން އަޅުގަނޑު އުޅުނީ ކަންތައްތައް ފުއްދުނު ގޮތަކަށް ފުއްދައިގެން." ނަސީމާ ބުންޏެވެ.

އަލަތު ކައިވެނި ކުރި އުމުރެއް ހަނދާން ނެތަސް، 2007 ގައި ވަރިވިއިރު ހަތަރު ކައިވެންޏެއް އޭނާ ކޮށްފި އެވެ. އެ ކައިވެނިތަކަށް ހަތް ދަރިން ލިބި، ވަރިވެގެން ގެއަށް ދިޔައިރު އުޅެން ޖެހުނީ ފަން ޖިފުޓިގަނޑެއްގަ އެވެ. އެ ހުރިހާ ދަރިން ގެންގުޅުނީ ކުޑަކުޑަ ކޮޓަރިއެއް ތެރޭގަ އެވެ. ދަރިން ލެއްވީ އެހެން މީހުން ލާ ބާ ވެފައި ހުރި ހެދުމެވެ.

ދަރިން ބޮޑުވެގެން މީހުންނާ އިނަސް، މި ކޮޅުގައި ދަރިންގެ ހުރިހާ ކަމެއް ބަލަހައްޓަނީ ނަސީމާ ކަމަށް އޭނާ ބުންޏެވެ.

ރޯދަ އަށް ނަސީމާ އާއި އޭނާގެ ރަހުމަތްތެރިއަކު ހަވާދު ހަދަނީ -- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު

ރޯދަ އަށް ނަސީމާ އާއި އޭނާގެ ރަހުމަތްތެރިއަކު ހަވާދު ހަދަނީ -- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު

ހަތަރު ކުދިންގެ ބެލެނިވެރިކަން ނަސީމާ އަށް

ހަތް ދަރިން ލިބުނުއިރު، އޭގެ ތެރެއިން ތިން ދަރިން އުޅެނީ މި ރަށުގަ އެވެ. އޭގެ ތެރެއިން އެއް ދަރި، އެއްމާބަނޑު ދެ ކުދިންނަށް ބަނޑުބޮޑުވެ، އެ ތަނުން އެއް ކުއްޖަކު ވިހެއި ފަހުން 2017 ގައި މަރުވީ އެވެ. އެހެންވެ، އެ ތުއްތު ކުއްޖާގެ އިތުރުން، އޭރު ހުރި ދެ ކުދިންނާ އެކު އެ ކުދިންގެ ބެލެނިވެރިކަން ކޯޓު މެދުވެރިކޮށް ބައްޕަ ދިނީ ނަސީމާއަށެވެ.

ދެން ހުރި އެހެން ދަރިއެއްގެ ދަރިއެއް ވެސް ކޯޓު މެދުވެރިކޮށް ވަނީ ނަސީމާއާ ހަވާލުކޮށްފަ އެވެ. އެއީ 8-14 އަހަރާ ދެމެދުގެ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.

ގޭގައި ހުރި ބަދިގެ އާއި ކާގެ -- ފޮޓޯ: މިހާރު

ގޭގައި ހުރި ބަދިގެ އާއި ކާގެ -- ފޮޓޯ: މިހާރު

ނަސީމާ ބުނީ އެ ކުދިން ބަލާތީ އެކަނިވެރި މައިންގެ އިނާޔަތް ވެސް އޭނާ ލިބެން ފެށީ ދެ އަހަރު ފަހުން ކަމަށެވެ. ގާނޫނީ ބެލެނިވެރިން އޮންނަ ހަތަރު ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބޭ އިނާޔަތުގެ ގޮތުގައި 2000ރ. ލިބެ އެވެ. ބާކީ ތިބި ތިން ކުދިންގެ ތެރެއިން ކޮންމެ ކުއްޖަކަށް 1000ރ. އާއެކު، މަހަކު 5000ރ. އެވެ.

އެހެންވެ، މިހާރު ކުރިއަށް ވުރެ ހާލަތު ރަނގަޅަސް، އެ ކުދިންގެ ތެރެއިން އޯޓިސްޓިކް ކުއްޖަކު ޑޮކްޓަރަށް ދެއްކުމަށް ވަރަށް ބޮޑު ހަރަދެއް ކުރަންޖެހެ އެވެ. ދަތުރުފަތުރު ކަންކަމާއެކު އުފުލަންޖެހޭ ތަކުލީފް ބޮޑުވުމަކީ އޭނާގެ ކަންބޮޑުވުމެވެ.

ނަސީމާ، އޭނާ އުޅޭ ގެ ދައްކާލަނީ -- ފޮޓޯ: މިހާރު

ނަސީމާ، އޭނާ އުޅޭ ގެ ދައްކާލަނީ -- ފޮޓޯ: މިހާރު

އެ ކުއްޖާގެ ފަރުވާއަށް ވަރަށް ގިނައިން މާލެ ދާން ޖެހޭއިރު، މަހަކު 2000ރ. އިން ނުފުދޭ ކަމަށް ނަސީމާ ބުނެ އެވެ. އެންސްޕާގެ އެހީ ވެސް ދާއިމީ ނުވެ އެވެ. ކޮންމެ ފަހަރަކު ޑޮކްޓަރަށް ދެއްކުމަށް ހުރިހާ ލިޔުމެއް ޖެހެނީ ފޮނުވާށެވެ. ނަސީމާ ބުނި ގޮތުގައި 500ރ. އިން މެމޯ ހައްދައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަމަށް 3،500ރ. އަދި ތެރަޕީ ސެޝަނަކަށް 1،800ރ. ހަރަދުކުރަންޖެހެ އެވެ.

މިއީ، ކިރިޔާ ދެކޮޅު ނުޖެހޭ އާއިލާއަކަށް ކުރަން ބޮޑު ހޭދައެކެވެ.

"އަޅުގަނޑު ކިހިނެއްތޯ އެއިން ހަމަޖައްސާނީ؟ މިހެން އުޅެމުން ވެސް ހަފުތާއެއްގެ މައްޗަށް ފަން ބޮނޑިއެއް ވިދެވެނީ. އެ ނިމުނީ." ނަސީމާ ބުންޏެވެ.

ނަސީމާ އެ ހުރިހާ ކުދިންނާ އެކު އުޅޭ ކޮޓަރި -- ފޮޓޯ: މިހާރު

ނަސީމާ އެ ހުރިހާ ކުދިންނާ އެކު އުޅޭ ކޮޓަރި -- ފޮޓޯ: މިހާރު

އުޅެ ބޮޑުވީ ފަން ގޭގައި

ގޭގެ ރީތިކޮށް، އެކި ފެންވަރުގައި ހަދަމުން ދިޔައިރު، ނަސީމާ، އޭނާގެ ދަރިންތައް ގޮވައިގެން އުޅުނީ ފަން ގޭގަ އެވެ. ކެއްކީ ފަން ބަދިގެއެއްގަ އެވެ. ފާހަނާ ހަދާފައި ހުރީ ފަނުންނެވެ. ކޮންމެ ތިން އަހަރަކުން ފަން ބަދަލުކުރެ އެވެ.

އެ ފަންގެއިން ނުކުމެވުނީ ބަދަލުވީ، ހުރި ހަމައެކަނި ފިރިހެން ދަރިފުޅު މި ރަށަށް އައިސް ހަދައިދިން ދެ ކޮޓަރީންނެވެ. ދަރިއެއްގެ ފަރާތުން މިހާތަނަށް ލިބުނު ހަމައެކަނި އެހީއަކީ ވެސް އެއީ ކަމަށް ބުންޏެވެ.

މިހާރު ހަދާފައި ހުރި ދެ ކޮޓަރިން ވެސް، އެ ހުރިހާ ކުދިން ގޮވައިގެން ނުވާތީ އެ ތަނުން އެއް ކޮޓަރީގައި ޕާޓިޝަން ޖަހައިގެން އެއް ކޮޓަރި ވަނީ އިތުރުކޮށްފަ އެވެ. ނަސީމާ ނިދަނީ ތިން ދަރިންނާ އެކުގަ އެވެ. ބާކީ ހުރި ދެ ކޮޓަރީގައި ދެ ކުދިން ނިދަ އެވެ. މިހާރު، އެގޮތަށް ހަމަޖެހިފައި ހުރީ ވެސް، އެ ގޭގައި އުޅުނު އަންހެނަކު ވަރިވުމުންނެވެ. އެހެން ނޫނީ، އެ ހުރިހާ ކުދިންނާ އެކު ނިދަނީ ވަރަށް ދަތީގަ އެވެ.

ބަދިގެ އާއި ކާގެ ހުންނަނީ، ކުރިން ފަންގެ ހަދާފައި ހުރި ތަނާ ކައިރީގަ އެވެ.

"ވަރަށް ދަތިކޮށް މި އުޅެނީ." އޭނާ ބުންޏެވެ.

ނަސީމާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީ އެވެ. ބޮޑެތި ވަމުން އަންނަ ދަރިންތަކެއް ހުރިއިރު، އެ ކުދިންނަށް ހަމަޖެހިލައިގެން އުޅެވޭނެ ގޮތެއް ނެތުމެވެ. އެ ކަމުގެ ޝަކުވާތައް ސަރުކާރުގައި ކުރުމުން، 1000ރ. ދޭނެ ކަމަށް ބުންޏެވެ. ނަމަވެސް، ނަސީމާ ބޭނުންވަނީ އެއަށްވުރެ ލުއި ގޮތެކެވެ. މިއަށްވުރެ، އުފަލުގައި، ހިތްހަމަޖެހިލައިގެން ދަރިންނާއެކު އުޅެވޭނެ ގޮތެކެވެ.