Roadha Mihaaru
އަސްރާ އަށް ވެސް ރޮނގު ހުރަހެއް ނުކުރެވުނު!

އަސްރާ އަށް ވެސް ރޮނގު ހުރަހެއް ނުކުރެވުނު: އެހެން މީހުންގެ ހާލަކީ ކޮބާ؟

24 ޖޫން 2021

ހަމަ އެންމެ މިސާލެކެވެ؛ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމަށް އޭނާގެ ކުރީގެ ފިރިކަލުން، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން ލިބުނު ގެވެށި އަނިޔާ ރިޕޯޓުކުރެއްވުމަށް ފަހު ފުރަތަމަ ވިދާޅުވީ އެ ވަރުގެ ކަމެއް ދިމާވާނެ ކަމަށް ދުވަހަކު ވެސް ހީނުކުރައްވާ ކަމަށެވެ. އެކަމަކު، އޭގެ ދުވަސްކޮޅެއް ފަހުން އަސްރާގެ ރާގު ބަދަލުވެ، އޭނާ ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އޭނާ އަމިއްލަ އަށް ރިޕޯޓް ކުރެއްވި ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ފުލުހުންގެ ފަރާތުން އެދިވަޑައިގަތެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަމަ އެންމެ މިސާލެކެވެ؛ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮ އަސްރާ ނަސީމަށް އޭނާގެ ކުރީގެ ފިރިކަލުން، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން ލިބުނު ގެވެށި އަނިޔާ ރިޕޯޓުކުރެއްވުމަށް ފަހު ފުރަތަމަ ވިދާޅުވީ އެ ވަރުގެ ކަމެއް ދިމާވާނެ ކަމަށް ދުވަހަކު ވެސް ހީނުކުރައްވާ ކަމަށެވެ. އެކަމަކު، އޭގެ ދުވަސްކޮޅެއް ފަހުން އަސްރާގެ ރާގު ބަދަލުވެ، އޭނާ ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އޭނާ އަމިއްލަ އަށް ރިޕޯޓް ކުރެއްވި ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް ފުލުހުންގެ ފަރާތުން އެދިވަޑައިގަތެވެ.

ނަމަވެސް، ގެވެށި އަނިޔާގެ މައްސަލަތަކަކީ ކުޑަ މައްސަލައެއް ނޫނެވެ؛ އެއީ ޖިނާއީ މައްސަލައެކެވެ. މައްސަލަ ހުށަހެޅި ފަރާތުން، އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވިޔަސް އެ މައްސަލަ ދައުލަތުން ކުރިއަށް ގެންދާނެ އެވެ. އެހެންވެ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އީސަގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ.

ހުރިހާ ކަމެއް ފުރިހަމަވެ، ނުފޫޒު ގަދަ އާއިލާއަކުން ވަޑައިގެންފައި ހުރި އަސްރާ އަށް ދިމާވި ގޮތަކީ މި އެވެ. މައްސަލައިގައި ކުރިއަށް ދާން ހުރަސް ކުރަންވީ ރޮނގު ހުރަހެއް ނުކުރެވުނެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުން އެއީ އަސްރާ އަށް ކުރިމަތިވެފައި އޮތް މަޖުބޫރީ ހާލަތެކެވެ. އޭގެ ސަބަބުން، އޭނާގެ ދަރިފުޅުގެ ބައްޕަގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުމުގެ ބިރު އެބައޮތެވެ. ޖަލު ހުކުމެއްގެ ބޯވިލާގަނޑު ބޯމައްޗށް ވެއްޓޭނެ އެވެ. އެއާ އެކު، ދަރިފުޅުގެ ކުރިމަގާ ދޭތެރޭ ސުވާލުތައް އެބައޮތެވެ.

ސުވާލަކީ، އަސްރާ ފަދަ ބޭފުޅަކަށް އެވަރުގެ މަޖުބޫރެއް ކުރިމަތިވާ އިރު، ދެން ތިބި މީހުންގެ ހާލަކީ ކޮބައިބާ އެވެ؟

ވަކި ހިސާބަކުން މައްސަލަ އަނބުރާ ނެގުމަކީ ހައްލެއް ނޫން

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވި ގޮތުގައި ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތަކުގައި ދައުވާނުކޮށް އަނބުރާ ފޮނުވާލުމަށް، އާއިލާ ނުވަތަ އަނިޔާ ލިބޭ މީހުން އެދުމަކީ އާއްމު ކަމެކެވެ. އެހެންވެ، އީސަގެ ޝަރީއަތް ކުރިއަށް ނުގެންދަން އެދި އަސްރާގެ ވަކީލް އަބްދުﷲ ހަސީން ސިޓީއެއް ފޮނުއްވުމުން އެއީ ހައިރާން ވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ޝަރީއަތް ކެންސަލްކުރުމަށް އެދި އެފަދަ ސިޓީއެއް އަންނާނެކަން އަދި ބަޔާން ދިނުމަށް ފަހު އެކަމާ ދެކޮޅަށް ވާހަކަދައްކާނެ ކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެއީ، އޭގެ މައްސަލަތަކުގައި މީގެކުރިން ވެސް ވެފައި ހުރި ކަންކަމެވެ.

ޕީޖީ ހުސެއިން ޝަމީމް: އަސްރާގެ މައްސަލަ ނަގަން އެދުމަކީ ހައިރާން ވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ: މިހާރު

ޕީޖީ ހުސެއިން ޝަމީމް: އަސްރާގެ މައްސަލަ ނަގަން އެދުމަކީ ހައިރާން ވާވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ: މިހާރު

"ވަރަށް އާއްމު ކަމެއް، ވަރަށް އާއްމު ކަމެއް. ހަމައެކަނި މިއެއް [އަސްރާގެ ކޭސްއެއް] ނޫން. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ވެސް އާއިލާގެ ފަރާތުން އަންނާނެ ސިޓީ މިހާރު ދެން ކުރިއަށް ގެންދާކަށް ބޭނުމެއް ނޫނޭ ކިޔާފައި. އެކަން މިހާރު ރަނގަޅުވެއްޖެއޭ، އިތުރަކަށް އުނދަގުލެއް ނުވެއޭ،" ޝަމީމް ވިދާޅުވި އެވެ.

އެގޮތަށް މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ މީހުންނަށް ޕީޖީ އޮފީހުގެ ފަރާތުން މުއާމަލާތްކުރަނީ ވިކްޓިމް ސަޕޯޓު ޔުނިޓުގައި މަސައްކަތްކުރައްވާ އެކަމުގެ ތަޖުރިބާކާރު ސައިކޮލޮޖިސްޓުންނެވެ.

ޝަމީމް ވިދާޅުވިގޮތުގައި ކްރިމިނަލް ޖަސްޓިސް ސިސްޓަމަކަށް އިޖުތިމާއީ ހުރިހާ މައްސަލައެއް ހައްލުކޮށެއް ނުދެވޭނެ އެވެ. އެއީ ވަރަށް ގިނަ މީހުންނަށް އޮޅިފައި އޮންނަ ކަމެއްކަން ފާހަގަކުރައްވައި، ޝަމީމް ވިދާޅުވީ ކްރިމިނަލް ޖަސްޓިސް ސިސްޓަމަކީ މީހުންގެ އުޅުން ރަނގަޅު ކުރާ އެއް ހަތިޔާރު ކަމަށެވެ.

ކްރިމިނަލް ޖަސްޓިސް ސިސްޓަމަކަށް އިޖުތިމާއީ ހުރިހާ މައްސަލައެއް ހައްލުކޮށެއް ނުދެވޭނެ. ކްރިމިނަލް ޖަސްޓިސް ސިސްޓަމަކީ މީހުންގެ އުޅުން ރަނގަޅު ކުރާ އެއް ހަތިޔާރު -- ޝަމީމް

މީހެއްގެ މައްޗަށް ދައުވާކުރަން ނިންމުމަކީ އޭގެ ޒާތުގައި އެ މީހާގެ ދިރިއުޅުން އެއްކޮށް ހަލާކުކޮށްލުން ކަހަލަ ކަމެއް ކަމަށް ވިދާޅުވެ އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ އީސަގެ މިސާލެވެ. ޝަމީމް ވިދާޅުވީ އީސަގެ މައްޗަށް ދައުވާކުރުމާ އެކު އޭނާއަކީ އަންހެނުންނަށް އަނިޔާކުރާ މީހެއް ކަމަށް އާއްމުން ބަލައިގެންފައިވާ ކަމަށެވެ. ކޯޓުން ކޮންމެ ހުކުމެއް ކުރިޔަސް އެކަން ދެން ބަދަލު ނުވާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އެހެންވީމަ، ކޯޓުން ހުކުމެއް ކުރުމަށް ވުރެ މާ ނުރައްކާތެރި ކަމެކޭ ޕްރޮސެކިއުޝަނުން މީހެއްގެ މައްޗަށް ދައުވާކުރަން ނިންމުމަކީ. އެހެންވީމަ، އަޅުގަނޑުމެން އެބަޖެހޭ ވަރަށް ސަމާލުކަންދޭން،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވެސް ވިދާޅުވީ މައްސަލަ އަނބުރާ ނަގައިދޭން އެދުނަސް ޕީޖީ އޮފީހުން އެގޮތަށް ގިނަ ފަހަރަށް އަމަލުނުކުރާނެ ކަމަށެވެ.

"ނުކުރާނެ، އާއްމުކޮށް ނުކުރާނެ [މައްސަލަ ނެގުން ކަހަލަ ކަމެއް]. ދެން ވަރަށް އާދަޔާ ހިލާފު ހާލަތެއްގައި ވެއްޖިއްޔާ ކޮށްފާނެ. މިސާލަކަށް މުޅި މައްސަލައިގެ ހުރިހާ ފެކްޓްސް އަށް ބަލާއިރު މުޅިން ތަފާތު ގޮތަކަށް އެކަން ހިނގާފައި އޮތީ. މިސާލަކަށް ފަހުން އެނގުނީ ކުރިން ނޭނގޭ ކަންތައްތަކެއް،" ޝަމީމް ވިދާޅުވި އެވެ.

ގެވެށި އަނިޔާގެ މައްސަލަ އަނބުރާ ނެގުމާ ގުޅޭގޮތުން ހޯދަންވީ އިޖުތިމާއީ ހައްލެއް ކަމަށާއި ކްރިމިނަލް ޖަސްޓިސް ސިސްޓަމުން ބޮޑެތި މައްސަލަތަކަށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެ ރޫޓް ކޯޒްއަކީ ކްރިމިނަލް ޖަސްޓިސް ހައްލު ގެނެވޭނެ ކަމެއް ނޫނޭ. ރޫޓް ކޯޒްއަކީ އިޖުތިމާއީ މައްސަލަތަކޭ. މިސާލަކަށް އެންގާ މެނޭޖްމަންޓް. ސޯޝަލް އެހެން ކަންތައްތަކާ ހެދިއޭ މި ހިސާބަށް ދަނީ. އެ ކަންތައްތަކަށް ހައްލު ހޯދަން ހިނގާށޭ މަސައްކަތްކުރަން ޕްރިވެންޝަނަށް. އެކަމަކު ޕީޖީ އޮފީހަކީ ޕްރިވެންޝަންގެ ބައެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނަށް ނުވަ އަހަރު: ނަތީޖާ އާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށިތާ ނުވަ އަހަރުވިއަސް އެ މައްސަލަ އޮތް ހާލަތާ މެދު ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ހިތްހަމަޖެހިވަޑައިނުގަންނަވަ އެވެ.

އޭނާ ވިދާޅުވީ ގާނޫނެއް އޮތަސް ގެވެށި އަނިޔާ ހުއްޓުވުމަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އެކަމަކު އަނީސާ ޖެންޑާ މިނިސްޓަރުކަމުގައި ހުންނެވި އިރަށްވުރެ މިހާރުގެ ހާލަތަށް ކޮންމެ ވެސް ވަރެއްގެ ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމިއްލަ ފައިމައްޗަށް ތެދުވެ އުޅެވޭ މީހުން މައްސަލަ އަނބުރާ ނަގަން އެދުމުން މުޖުތަމައަށް ނުބައި މެސެޖެއް ދެވޭ -- އަނީސާ

އަނިޔާ ކުރާ ފިރިހެން މީހާ ސަލާމަތްކުރަނީ، އަނީސާ ވިދާޅުވި ގޮތުގައި އެ ފިރިހެން މީހާއާ ވަކިވެއްޖެ ނަމަ އެ އަންހެން މީހާގެ ދިރިއުޅުމުގައި ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާތީ ނުވަތަ ދަރިން ތިބުމުން އެ ކުދިން ގޮވައިގެން އެކަނި އުޅެވޭނެ ގޮތެއް ނެތުމުންނެވެ. އެކަމަކު މި ފަހުން ހިނގައިދިޔަ ހާދިސާއާ ގުޅޭގޮތުން ވެސް އަނީސާގެ ހިތްހަމަނުޖެހުންތައް އެބަހުއްޓެވެ.

އޭނާ ވިދާޅުވީ އަމިއްލަ ފައިމައްޗަށް ތެދުވެ އުޅެވޭ މީހުން މައްސަލަ އަނބުރާ ނަގަން އެދުމުން މުޖުތަމައުއަށް ނުބައި މެސެޖެއް ދެވޭ ކަމަށެވެ.

އަނީސާ: އަސްރާގެ ފަރާތުން ދެވުނީ ނުބައި މެސެޖެއް ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ: މިހާރު

އަނީސާ: އަސްރާގެ ފަރާތުން ދެވުނީ ނުބައި މެސެޖެއް ކަމަށް ވިދާޅުވި -- ފައިލް ފޮޓޯ: މިހާރު

"މި ކަހަލަ ކަންތައް ހިނގާނައޭ. ހިނގިއަސް އެކަމާ އަޅާނުލާށޭ. އެއީ މާ ބޮޑު ކަމަކަށް ނުހަދާށޭ. އެކަން ކުރާ މީހާ ރައްކާތެރިކުރުމަށް އެ މީހާ ސަލާމަތްކުރަން ހިތްވަރުލިބޭ ގޮތަކަށް މި ވަނީ. އެހެންވީމަ، އަޅުގަނޑު ކަންބޮޑުވޭ މި ފަހަރު މި ހިނގި ހާދިސާގައި،" އަންހެނުން ބާރުވެރިކުރުމަށް "ހޮޕް ފޯ ވިމެން" ގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދަވައި މަސައްކަތްކުރައްވަމުން އަންނަ އަނީސާ ވިދާޅުވި އެވެ.

އެކަމުން ގެވެށި އަނިޔާގެ މައްސަލަތަކުގައި ކުރިއަށް އެޅޭ ފިޔަވަޅެއް ފަހަތަށް ދާ ގޮތް ވަނީ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށް އަނީސާ ވިދާޅުވި އެވެ. އެއީ ގެވެށި އަނިޔާ ހުއްޓުވުމުގެ މަސައްކަތަށް ވެސް އެޅުނު ހުރަހެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ދިމާވެފައި އެބަހުރި ބައެއް ކޭސަސްގައި، ފިރިމީހާގެ ވާހަކަ ދެއްކުމަކީ ދީނީގޮތުން ހުއްދަ ކަމެއް ނޫނޭ. އެއީ ވަރަށް ބޮޑު ކުށެކޭ. އެ ކަހަލަ ބިރު ވެސް އެބަހުރި ދައްކާފައި. އަދި ބައެއް ރައްޓެހި ދީނީ އިލްމުވެރިން ކަމަށް ގަބޫލުކުރާ މީހުން ލައްވާ ވެސް އެބަހުރި އެކަހަލަ ވާހަކަދައްކުވާފައި. އެހެންވީމަ ވާ ގޮތަކީ، އެ ގަންނަ ބިރަކާ ހެދި ވެސް އެ ޖެހިލުންވަނީ، ކުރިއަށް ނުގެންދަނީ،" އަނީސާ ވިދާޅުވި އެވެ.

ބޭނުންވަނީ ޕޮލިސީތައް ބަދަލުވުން

ގާނޫނީ ވަކީލް އަދި ފެމިލީ ލީގަލް ކްލިނިކްގެ ފައުންޑަރު ޝަފީއާ ރިޒާ ވިދާޅުވާ ގޮތުގައި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރުމަށް ފަހު އެ މައްސަލަ ނެގުމާ ހިސާބަށް ދަނީ ތަފާތު ކަންތައްތައް ދިމާވެގެންނެވެ. އޭގެ ތެރޭގައި އަންހެން މީހާގެ މާލީ ހާލަތު ނުވަތަ ދަރިން ތިބުމުން ދިރިއުޅެވޭނެ އެހެން ގޮތެއް ނެތުމާއި އާއިލާގެ ލަދުވެތިކަމާއި ގަދަރުވެރިކަން ހިފެހެއްޓުން ހިމެނެ އެވެ. އޭގެ އާހިރު ނަތީޖާއަކީ އެ އަނިޔާ ތަކުރާރުކޮށް ތަހައްމަލުކުރަން ޖެހުމެވެ.

"ވަރަށް މަދު ބަޔަކަށްތާ ހިތްވަރުކޮށްފައި ރިޕޯޓުކޮށްފައި ވެސް ކުރިއަށް މި ދެވެނީ. މީހަކަށް ބަރޯސާނުވެ އުޅެވޭ ލެވެލް އަށް އައިސްފައި ތިބި މީހުން އެހެން މި ވަނީ. ވަރަށް ބައިވަރު އިޖުތިމާއީ އަދި މާލީ ފެކްޓާސް އުޅޭ މި ކަހަލަ މައްސަލަ އަނބުރާ ގެނައުމުގައި. އެހެން ވާނެކަން ވެސް އެއީ ވަރަށް ނެޗުރަލް ކަމެއް،" ޝަފީއާ ވިދާޅުވި އެވެ.

ޖިންސީ ގޯނާކުރުމާ ދެކޮޅަށް މީގެ ކުރިން މާލޭގައި ބޭއްވި އެއްވުމެއްގައި ބަޔަކު އަޑުއުފުލަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ޖިންސީ ގޯނާކުރުމާ ދެކޮޅަށް މީގެ ކުރިން މާލޭގައި ބޭއްވި އެއްވުމެއްގައި ބަޔަކު އަޑުއުފުލަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އޭނާ ވިދާޅުވީ ރާއްޖޭގެ ޕޮލިސީތައް ބައްޓަންކޮށްފައިވާ ގޮތުން އަންހެނުންގެ މާލީ ގާބިލްކަމަށް ނުވަތަ އިގުތިސޯދީ ގޮތުން ފުދުންތެރިކުރުވުމަށް މަސައްކަތް ނުކުރެވޭ ކަމަށެވެ. އަނިޔާވެރި ގުޅުން ކުރިއަށް ގެންދަނީ އެ ކަންތައްތަކާ ހެދި ކަމަށް ޝަފީއާ ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ ހައްލުނުކޮށް، ގެވެށި އަނިޔާގެ ކަމެއް ދިމާވުމުން އެކަމާ ދެކޮޅަށް އަންހެނުން ތެދުވާން ގޮވާލިއަސް، އެކަމަށް ފަހި މާހައުލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުރަށް ވިސްނާލާއިރު ބޮޑު މަންޒަރުން ދައްކަނީ އެ ނިކަމެތި ހާލު ކަމަށާއި އަންހެނުންގެ ދިރިއުޅުމުގެ ފެންވަރު ބަދަލުކުރަން ރަނގަޅު ޕޮލިސީ ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަންހެނުންނަށް އެއްވެސް ސެކިއުރިޓީއެއް ނެތޭ ކައިވެނި ރޫޅިގެން ދާއިރު. އެ މީހުންނަކީ ކެއާ ގިވާސް. ރިއަލް ޓައިމް ހަރަދަށާއި ބޯހިޔާވަހި ކަމަށާއި އެ ހުރިހާ ކަމަކަށް ބަލާފައި ފިރިހެން މީހާގެ މައްޗަށް ބަރޯސާވެގެން އުޅެން މަޖުބޫރުވެފައި މި ވަނީ. އަންހެނުން ވެސް ގެދޮރުވެރި ކުރުވާ އަންހެނުންނަށް ވެސް މާލީގޮތުން ބާރުވެރިކުރުވާ ޕޮލިސީތައް ހުރި ނަމަ އަންހެނުންނަށް ފަސޭހަވާނެ އެ މީހުންގެ އަމިއްލަ މިނިވަންކަމުގައި، ނުފޫޒެއް ނެތި މައްސަލަތައް ނިންމަން،" އޭނާ ވިދާޅުވި އެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ގެވެށި އަނިޔާގެ ގޮތުގައި މިދިޔަ ޖެނުއަރީން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް 119 މައްސަލައެއް ހުށަހަޅާފައި ވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައިވާ މާލެއިން 48 މައްސަލަ ރަޖިސްޓްރީކޮށްފައި ވެ އެވެ. ދެ ވަނަ އަށް އެންމެ ގިނައީ އައްޑޫ އެވެ. އެއީ 11 މައްސަލަ އެވެ.

އެކަމަކު މިއީ ހަމައެކަނި އަދަދުތަކެކެވެ. މީގެ ތެރެއިން އެތައް ކޭސްއެއް އެހެން ގޮތްގޮތަށް އަނބުރާލައިފާނެ އެވެ. އެކި މަރުހަލާތަކުގައި، އަސްރާއެކޭ އެއްގޮތަށް އެކި ގޮތަށް ބަދަލު ވެގެން ވެސް ހިނގައިދާނެ އެވެ. މައްސަލަ އަކީ، އެއްކަލަ ރޮނގު ހުރަސް ކުރަން ޖެހިލުންވުމެވެ. އެކަމަކު، ގެވެށި އަނިޔާ އަކީ ރާއްޖޭގައި ފާޅުގައި އޮތް ކަމެކެވެ. އޭގެ އެއް މިސާލަކީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، މީގެ ހަ އަހަރު ކުރިން ދުނިޔެ ދޫކުރި ޒިޔާދާ ނައީމެވެ. އޭނާގެ ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ދިޔައިރު ދުނިޔެއަކު ނެތެވެ.

ގެވެށި އަނިޔާ އަކީ ޖޯކެއް ނޫނެވެ. ޖޯކަކަށް ހަދާ ވަރުގެ ކަމެއް ވެސް ނޫނެވެ.