Roadha Mihaaru
ސޫދާންގެ އެތައް ހާސް ބަޔަކު ވެރިރަށުން ބޭރަށް

ސޫދާންގެ އެތައް ހާސް ބަޔަކު ވެރިރަށުން ބޭރަށް

20 އެޕްރީލް 2023

މި މަހުގެ 15 ވަނަ ދުވަހު ސޫދާންގައި ފެށިފައިވާ ދާޚިލީ ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތި، އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ހަމަލާ ބަދަލުކުރުން އިތުރުވަމުން ދާތީ، ވެރިރަށް ޚަރްތޫމް ދޫކޮށް އެތައް ހާސް ބަޔަކު އިއްޔެ ނުކުންނަން ފަށައިފި އެވެ.

މި މަހުގެ 15 ވަނަ ދުވަހު ސޫދާންގައި ފެށިފައިވާ ދާޚިލީ ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތި، އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ހަމަލާ ބަދަލުކުރުން އިތުރުވަމުން ދާތީ، ވެރިރަށް ޚަރްތޫމް ދޫކޮށް އެތައް ހާސް ބަޔަކު އިއްޔެ ނުކުންނަން ފަށައިފި އެވެ.

ވެރިރަށް ދޫކޮށް އާންމު ރައްޔިތުން އެހެން ސަރަހައްދުތަކަށް ދާން މި ފެށީ، ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ދެ ފަހަރެއްގެ މަތިން އެއްބަސްވެ އެކަން ނާކާމިޔާބުވުމުންނެވެ. ސޫދާންގައި މިހާރު ކުރިއަށް ދާ ހަނގުރާމަ ފެށުނީ، ސޫދާންގެ އަސްކަރިއްޔާގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިން، ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށް ހަމަލާ ދޭން ފެށުމުންނެވެ.

އާރްއެސްއެފް ލަޝްކަރުގެ ކޮމާންޑަރު މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ) ބޭނުންވަނީ، އެ ގައުމުގައި މިހާރު ވެރިކަން ކުރަމުންދާ އިންތިގާލީ ސިޔާދަތީ މަޖިލީހުގެ ވެރިޔާ އަދި ސިފައިންގެ އިސް ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރްހާން މަގާމުން ދުރުކޮށް، ގައުމުގެ ވެރިކަން ހޯދުމެވެ. ހަމިއްތީ ވިދާޅުވާ ގޮތުގައި މައްސަލަ އަށް އޮތް ހަމައެކަނި ހައްލަކީ، އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހް އަލް ބުރުހާން އަމާން ދެއްވުމެވެ. އަމާން ނުދެއްވައިފި ނަމަ، އޭނާ ހުރި ތަނަކުން ހިފައި ހައްޔަރުކޮށް ޝަރީއަތަށް ހުށަހަޅާނެ ކަމަށް ވެސް، ހަމިއްތީ ވިދާޅުވި އެވެ.

ސޫދާން ސިފައިންނާއި އާރްއެސްއެފް ލަޝްކަރުގެ ސިފައިންނާ ދެމެދު މިހާރު ކުރިއަށް ދާ ހަނގުރާމައިގައި އެންމެ ވަރުގަދަ އަށް ހަމަލާތައް ބަދަލުކުރަމުން ދަނީ ވެރިރަށް ޚުރުތޫމްގަ އެވެ. އެ ސަހަރުގައި ހުންނަ ސިފައިންގެ މައި މަރުކަޒާއި ރިއާސީ ގަނޑުވަރާއި ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހުންނަ ސަރަހައްދަކީ މި ވަގުތު އެންމެ ވަރުގަދަ އަށް ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކެވެ.

ބައެއް ގައުމުތަކުން ބާރު އެޅުމުގެ ސަބަބުން، ހަމަލާ ބަދަލުކުރުން 24 ގަޑިއިރަށް މެދުކަނޑައިލުމަށް، ސޫދާން ސިފައިންނާއި އާރްއެސްއެފް ލަޝްކަރުން ވެސް މިދިޔަ އަންގާރަ ދުވަހު އެއްބަސްވި އެވެ. ނަމަވެސް ދެ ފަރާތުން ވެސް އެއްބަސްވެފައިވަނީ، އަނެއް ފަރާތުން ހަމަލާ ނުދޭ ނަމަ، ތިމަންނަމެން ވެސް ހަމަލާއެއް ނުދޭނެ ކަމަށެވެ.

އަންގާރަ ދުވަހުގެ އެއްބަސްވުމަށް އަމަލު ނުކުރެވި ހަނގުރާމަ ކުރިއަށް ދިއުމަށް ފަހު، އިއްޔެ ވެސް ވަނީ 24 ގަޑިއިރުގެ މުއްދަތަކަށް ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް އެއްބަސްވެފަ އެވެ. ނަމަވެސް އެ ކަމަށް ވެސް އެއްވެސް ފަރާތަކުން އިހްތިރާމެއް ނުކުރެ އެވެ.

އިއްޔެގެ އެއްބަސްވުން އިއުލާން ކުރި ފަހުން ވެސް، ޚަރްތޫމުގައި ހުންނަ ސިފައިންގެ މައި މަރުކަޒު ކައިރިން ބޮޑުބަޑީގެ އަޑުފައްގަނޑު އިވިފައިވެ އެވެ. އަދި ބައެއް ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑުވެސް އިވޭ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެ އެވެ.

ވެރިރަށުގެ މަގުތަކުގައި ވެސް ދެ ފަރާތުގެ ސިފައިންގެ މެދުގައި ވަރުގަދަ އަށް ހަނގުރާމަ ކުރަމުން ދާތީ، އާންމު ރައްޔިތުން ތިބީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ވެސް ބޭރަށް ނުނިކުމެވިފަ އެވެ. އޭގެ އިތުރުން ވެރިރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑި، އާންމު ދަތުރުފަތުރު ހުއްޓިފައިވާތީ އާއި ވިޔަފާރިތައް ބަންދުކޮށްފައިވާތީ ވެރިރަށުގައި ދިރިއުޅުމަކީ ބިރުވެރި ހުވަފެނެއްގެ ތެރޭގައި އުޅުން ކަމަށް އާންމުން ބުނެ އެވެ.

ވެރިރަށުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު މިހާރު މަސައްކަތް ކުރަމުން ދަނީ، ވަގުތީ ގޮތުން ނަމަވެސް އަވައްޓެރި އެހެން ސަހަރުތަކަށް ބަދަލުވުމަށެވެ. އާންމު ދަތުރުފަތުރު ހުއްޓިފައިވާތީ، ގިނަ ބަޔަކު ވެރިރަށުން ނުކުމެގެން ކޮނޑު މަތީގައި މުދާތައް އުފުލަމުން ދަނީ ފައިމަގުގަ އެވެ. ކައިރި ސަހަރުތަކަށް ދިއުމަށްޓަކައި ވެސް އެތައް ކިލޯމީޓަރަކަށް ހިނގަންޖެހެ އެވެ.

މި ހަނގުރާމައިގައި ވޭތުވެގެން މިދިޔަ ހަ ދުވަހުގެ ތެރޭގައި، އާންމު ރައްޔިތުންގެ ތެރެއިން މަދުވެގެން 280 މީހަކު މަރުވެފައިވާ ކަމަށް ސޫދާންގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެ އެވެ. އޭގެ އިތުރުން 2600 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު، ހަމަލާތައް އެރުމުގެ ސަބަބުން ގިނަ ހޮސްޕިޓަލުތައް މިހާރު ހުރީ އެކަށީގެންވާ ސިއްހީ ޚިދުމަތް ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށް ވެސް ސޫދާން ސަރުކާރުން ބުނެ އެވެ.