Roadha Mihaaru
ސޫދާނުން 800000 ރެފިއުޖީން ނުކުންނާނެ: އދ

ސޫދާނުން 800000 ރެފިއުޖީން ނުކުންނާނެ: އދ

02 މެއި 2023

ސޫދާންގައި މިހާރު ފެށިފައިވާ ދާޚިލީ ހަނގުރާމައިގެ ސަބަބުން، އެ ގައުމުގެ 800000 އެއްހާ މީހުން ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިނގައިދާނެ ކަމަށް ލަފާކުރެވޭ ކަމަށް، އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާ އިން އިއްޔެ ބުނެފި އެވެ.

ސޫދާންގައި މިހާރު ފެށިފައިވާ ދާޚިލީ ހަނގުރާމައިގެ ސަބަބުން، އެ ގައުމުގެ 800000 އެއްހާ މީހުން ގައުމު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ހިނގައިދާނެ ކަމަށް ލަފާކުރެވޭ ކަމަށް، އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާ އިން އިއްޔެ ބުނެފި އެވެ.

އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާގެ އެސިސްޓެންޓް ހައި ކޮމިޝަނާ ފޯ ރެފިއުޖީސް ރައޫފް މާޒޫ ވިދާޅުވި ގޮތުގައި ސޫދާންގެ ވަށައިގެން އޮތް ހަތް ގައުމަށް، ސޫދާނުގެ 815000 ރެފިއުޖީން ހިޖްރަ ކުރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި މި ހަނގުރާމައަށް މި ހޭދަވި 18 ދުވަހުގެ ތެރޭގައި، ސޫދާންގެ އާންމުންގެ ތެރެއިން ގާތްގަނޑަކަށް 73000 މީހުން ރެފިއުޖީންގެ ގޮތުގައި މިހާރު ވަނީ އެ ގައުމުން ބޭރަށް ގޮސްފަ އެވެ.

ރެފިއުޖީންގެ ގޮތުގައި ސޫދާނުން ނުކުމެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ މީހުންގެ އަދަދު، ކުރިއަށް އޮތް މަސްތަކުގައި އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސޫދާންގެ އިސް ދެ ޖެނެރަލުންނަށް ވަފާތެރި ސިފައިންގެ މެދުގައި ހިނގަމުންދާ ހަނގުރާމަ، އަވަސް މުއްދަތެއްގައި ނުހުއްޓިއްޖެ ނަމަ، އިތުރު އެތައް ހާސް ބަޔަކު ރެފިއުޖީންގެ ގޮތުގައި ސޫދާން ދޫކޮށް ދިއުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.

އދ.ގެ ރެފިއުޖީންނާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި، ހަނގުރާމަ ފެށުނު ފަހުން މިވީ ކުރު މުއްދަތުގެ ތެރޭގައި، ވެރިރަށް ޚަރުތޫމްގައި ހިނގަމުންދާ ކުރިމަތިލުންތަކަށް އެއްވެސް މެދުކެނޑުމެއް ނާންނާތީ، އެ ސަހަރުގައި ދިރިއުޅޭ އާންމުންގެ ޒަރޫރީ ބޭނުންތަކަށް ވަނީ ހުރަސް އެޅިފަ އެވެ. އެހެންކަމުން ގިނަ އަދަދެއްގެ ބަޔަކު މިހާރު ވެސް ތިބީ ކާބޯތަކެއްޗަށް ޖެހިފައި ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ހަނގުރާމައިގެ ސަބަބުން ޚަރްތޫމްގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި ބޯފެނުގެ ޚިދުމަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ. އަދި މަގުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ބޭރަށް ނުކުމެ އުޅެވޭނެ ގޮތެއް ނެތުމުން، ފިހާރަތަކާއި ސައިހޮޓާތައް ވެސް ބަންދުކޮށްފައި ހުރުމާ ގުޅިގެން، ކާބޯތަކެތީގެ ޚިދުމަތް ވެސް ވަނީ ހުއްޓިފަ އެވެ.

އދ.ގެ ކާނާއާ ބެހޭ އިދާރާ އިން އިއްޔެ ބުނި ގޮތުގައި، ސޫދާންގެ ހަނގުރާމަ ނުހުއްޓި އިތުރަށް ކުރިއަށް ދާ ނަމަ، ރެފިއުޖީންގެ މައްސަލައިގެ އިތުރުން، ދެން އެންމެ އަވަހަށް ކުރިމަތިވާނީ އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހުމުގެ މައްސަލަ އެވެ. މި މަހުގެ 15 ވަނަ ދުވަހު ސޫދާންގައި ހަނގުރާމަ ފެށުނު އިރު ވެސް، އެ ގައުމުގެ ތިން ބައިކުޅަ އެއް ބައި މީހުން ތިބީ، ކާބޯތަކެއްޗަށް ޖެހިފައި ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އަދި ހަނގުރާމަ ފެށުމާ އެކު އެ އަދަދު މިހާރު ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށާއި، ހަނގުރާމަ ފެށުނު ފަހުން ކާބޯތަކެތީގެ އަގު ވެސް ރޮކެޓް ސްޕީޑްގައި މައްޗަށް އުފުލެމުން ދާ ކަމަށް އެ އިދާރާ އިން ބުނެ އެވެ. ސޫދާންގައި ކާބޯތަކެތީގެ އަގުތައް އުފުލެމުން ދާއިރު، ޖެހިގެން އޮތް ޗާޑް އާއި ދެކުނު ސޫދާންގައި ވެސް މިހާރު ދަނީ ކާބޯތަކެތީގެ އަގުތައް އުފުލެމުންނެވެ.

ސޫދާންގައި ހިނގަމުން ދާ ހަނގުރާމަ ފެށުނީ، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ)ގެ ކޮމާންޑަރުކަމުގެ ދަށުގައި އޮންނަ، ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިން، އެޕްރީލް 15، 2023 ގައި ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށް ހަމަލާ ދޭން ފެށުމުންނެވެ. އެ ލަޝްކަރުގެ ބޭނުމަކީ، ސިފައިންގެ މައި މަރުކަޒާއި، ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ ޓީވީ ސްޓޭޝަނާއި، ވެރިރަށުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިފައި، ގައުމު އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމެވެ.

މި ހަނގުރާމަ އަށް 18 ދުވަސް ވެގެން ދިޔައިރު، މިހާތަނަށް އާންމުންގެ ތެރެއިން މަރުވި މީހުންގެ އަދަދު ވަނީ 600 އަށް ވުރެ މަތިވެފަ އެވެ. ޒަޚަމްވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާއިރު، ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވޭ ހަމަލާތަކުގައި ހޮސްޕިޓަލުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ސިއްހީ ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ނެތެވެ.