Roadha Mihaaru
އޮޅުންބޮޅުން: ފަތުރުވެރިންގެ ރައްކާތެރިކަން

އޮޅުންބޮޅުން: ފަތުރުވެރިންގެ ރައްކާތެރިކަން

24 ޖެނުއަރީ 2017

މުނިފޫހިފިލުވުމުގެ ބޭނުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމާ މެދު މިހާރު ސުއާލު އުފެދެން ފަށައިފިއެވެ. ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ ކުރިމަތިވާ ކަނޑުގެ ހިތާމަވެރި ހާދިސާތަކުގައި ފުރާނަ ގެއްލޭ މީހުން ގިނަކަމުންނެވެ. ބައެއް ފަހަރު އިސްކޮޅުކާ ހިސާބުގައި މޫދަށް އެރިގެން އުޅެނިކޮށް ވެސް ބައެއް ފަތުރުވެރިން މަރުވާ ކަމަށް ވެއެވެ. އަނެއް ބައި ފަހަރު ގެނބިގެންނެވެ. އަނެއް ބައި ފަހަރު އޮޔާ ދަމައިގެންނެވެ. އަނެއް ބައި ފަހަރު ފީނަންއުޅުމުގެ ތެރޭގައެވެ. މީގެ ތެރެއިން ގިނަ މަރަކީ ސުއާލު އުފެދޭ ކަހަލަ މަރެވެ. އަޅުގަނޑު މިދަންނަވަނީ، ޙާދިސާއެއްގައި ގެއްލޭ މީހާއަށް، ކުރިން، ރައްކާތެރިވުމުގެ މަޢުލޫމާތު އެނގިފައި އޮތް ނަމަ އެފަދަ ޙާދިސާއެއް ނުހިނގާފާނެކަމަށް ބެލެވިދާނެ ފަދަ މަރުގެ ވާހަކައެވެ.

މުނިފޫހިފިލުވުމުގެ ބޭނުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމާ މެދު މިހާރު ސުއާލު އުފެދެން ފަށައިފިއެވެ. ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ ކުރިމަތިވާ ކަނޑުގެ ހިތާމަވެރި ހާދިސާތަކުގައި ފުރާނަ ގެއްލޭ މީހުން ގިނަކަމުންނެވެ. ބައެއް ފަހަރު އިސްކޮޅުކާ ހިސާބުގައި މޫދަށް އެރިގެން އުޅެނިކޮށް ވެސް ބައެއް ފަތުރުވެރިން މަރުވާ ކަމަށް ވެއެވެ. އަނެއް ބައި ފަހަރު ގެނބިގެންނެވެ. އަނެއް ބައި ފަހަރު އޮޔާ ދަމައިގެންނެވެ. އަނެއް ބައި ފަހަރު ފީނަންއުޅުމުގެ ތެރޭގައެވެ. މީގެ ތެރެއިން ގިނަ މަރަކީ ސުއާލު އުފެދޭ ކަހަލަ މަރެވެ. އަޅުގަނޑު މިދަންނަވަނީ، ޙާދިސާއެއްގައި ގެއްލޭ މީހާއަށް، ކުރިން، ރައްކާތެރިވުމުގެ މަޢުލޫމާތު އެނގިފައި އޮތް ނަމަ އެފަދަ ޙާދިސާއެއް ނުހިނގާފާނެކަމަށް ބެލެވިދާނެ ފަދަ މަރުގެ ވާހަކައެވެ.

ތެދުފުޅެކެވެ. ރާއްޖެއަކީ އަހަރަކު މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން އަންނަ ގައުމެކެވެ. ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ބަލަން އަންނަ މީހުން އަހަރެއްގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ ނުވަތަ އެތައް މިލިއަން ފީނުމެއް ރާއްޖޭގެ ކަނޑުގެ އަޑީގައި ފީނާއިރު ޙާދިސާއެއް ހިނގާފާނެކަމަށް ޤަބޫލުކުރެވެއެވެ. އެހެންނަމަވެސް މިފަދަ ޙާދިސާއެއް ހިނގަން ދިމާވީ ކިހިނެއްތޯ ބަލައި ތަޙްޤީޤްކުރެވެން ވާނެއެވެ. އަދި ރާއްޖޭގައި ހިނގާ މިފަދަ ޙާދިސާތަކާއި ރާއްޖެ ފަދަ ފަތުރުވެރިން ފީނަން ދާ އެހެން މަންޒިލްތަކުގައި ހިނގާ ހާދިސާތަކާ އަޅާބެލެންވާނެއެވެ. މިފަދަ ކަންތައްތަކުގައި އަޅުގަނޑުމެން ތިބި ހިސާބު އެނގޭނީ އޭރުންނެވެ. މިސާލަކަށް ދަންނަވާ ނަމަ ރާއްޖޭގައި ހިނގާ ހާދިސާތަކަކީ ރާއްޖޭގައި ފީނާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު، ރާއްޖެއާ އެއްވަރަކަށް ނުވަތަ ރާއްޖެ އަށް ވުރެ ގިނައިން ފީނާ މީހުން ދާ ގައުމުތަކުގައި ހިނގާ ހާދިސާތަކަށް ވުރެ ރާއްޖޭގައި ހިނގާ ޙާދިސާތައް ގިނަކަމަށްވާ ނަމަ އެކަމާ މެދު އަޅުގަނޑުމެން ކަންބޮޑުވާން ޖެހެއެވެ. އެހެން ގައުމުތަކުގައި ހިނގާ މިފަދަ ހާދިސާތަކަށް ވުރެ މަދު ނަމަ އަޅުގަނޑުމެން އެފަދަ ހާދިސާއެއް ހިނގި ގޮތް ހޯދާ ރާއްޖެއަކީ ކަނޑު އަޑީގައި ނުރައްކާތެރި ހާދިސާއެއް ނުހިނގާނެ މަންޒިލަކަށް ހެދުމަށް މަސައްކަތްކުރެވޭތޯ ބަލަންވާނެއެވެ. އަޅުގަނޑުމެންގެ ރާއްޖެއަކީ ފަތުރުވެރިކަމުގެ ވިޔަފާރީގައި ރައްކާތެރި މަންޒިލެއް ކަން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޔަޤީންކޮށްދޭން ބޭނުން ނަމަ އެވެ.

ފަތުރުވެރިކަމުގެ ވިޔަފާރީގައި އުޅޭ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މި ސަރަހައްދުގެ ބައެއް ގައުމުތަކުން އަންނަ ފަތުރުވެރިންނަށް އިރުޝާދުދީފައި އޮންނަ ގޮތަށް ކަންތައް ނުކުރުމަކީ ހިތާމަވެރި ހާދިސާތަކާ ކުރިމަތިވާން ދިމާވާ މައިގަނޑު ސަބަބެވެ. މިސާލަކަށް ދަންނަވާ ނަމަ ވަކި ސަރަހައްދަކަށް މޫދަށް ނޭރެން އަންގާފައި ވަނިކޮށް މޫދަށް އެރިހެދުން ކަހަލަ ކަންކަމެވެ. މިއީ ހިނގާފާނެ ކަމެއް ކަމުގައި ވިޔަސް ކަންޓުރޯލު ނުކުރެވޭނެ ކަމެއް ނޫނެވެ. ބައެއް ފަތުރުވެރިންގެ މާދިރީ ބަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން ޢާއްމުކޮށް ވާހަކަ ދައްކާއުޅޭ ބަހަކަށް ނުވެފައި، އެފަދަ ފަތުރުވެރިންނަށް އެހެން އެއްވެސް ބަހަކުން ވާހަކަ ދައްކަން ނޭނގުމުގެ ސަބަބުން ވެސް މި ބާވަތުގެ މައްސަލަތަކެއް ނުކުމެދާނެއެވެ. ބައެއް ފަހަރު ނުރައްކާތެރިކަމުގެ ނިޝާން ޖަހާފައި ހުންނަ ބޯޑާ ދިމާލުން ވެސް ފަތުރުވެރިން މޫދަށް އެރޭތަން ފެންނަ ކަމަށް ވެއެވެ. މިފަދަ ކަންތައް ކުރުވިޔަނުދިނުމަށް އެތަން ބަލަހައްޓާނެ މީހަކު ނުބެހެއްޓެނީ ފަތުރުވެރިންގެ "ޕުރައިވަސީ" އަށް ކަމަށް ވެސް ވެއެވެ. އެހެންނަމަވެސް އެ "ޕުރައިވަސީ" ގެ ސަބަބުން އެމީހުންނަށް ނުރައްކާތެރި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެކަމަށްވާ ނަމަ، މިހާރުވެސް ބައެއް ރިޒޯޓްތަކުގައި ކަންތައް ކުރަމުން އަންނަ ގޮތަށް މޫދަށް އެރޭ ސަރަހައްދު ބެލެހެއްޓުމަށްޓަކައި މޫދަށް އެރޭ ވަގުތުގައި އެ ސަރަހައްދު ބަލަހައްޓާ އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި އެހިތެރިކަމެއް ދެވޭނެ ގޮތަށް މީހަކު ބަހައްޓަން ވެއްޖެއެވެ. ފަތުރުވެރިންގެ ރައްކަލަކަށްޓަކަ އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށްޓަކައެވެ.

ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް މަތިންދާ ބޯޓުން ފައިބަނީ: ޓޫރިސްޓުންގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅުން ވަރަށް މުހިންމު

ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް މަތިންދާ ބޯޓުން ފައިބަނީ: ޓޫރިސްޓުންގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅުން ވަރަށް މުހިންމު

ފަތުރުވެރިންނަށް ދިމާވާ ހާދިސާތަކާ މެދު އަޅުގަނޑުމެން ދިވެހި، ރަސްމީ ނަޒަރަކުން ނުވިސްނާ ބައިނަލްއަޤްވާމީ ނަޒަރަކުން ވިސްނުން މުހިއްމެވެ. މިހެން މިދެންނެވީ ރަސްމީ ދިވެހި ނަޒަރަކުން ވިސްނާކަމަށްވާ ނަމަ ކަންކަމާ ކުރިމަތިލާ މީހުންނަށް ކަންކަމާ ދިމާވާނެ ކަމަށް ބަލައި، އަދި މަރުވުމަކީ ވެސް ތަބިއީ ކަމެކޭ ބުނެ އެހިސާބުން އެ ބާބު ނިންމާލެވިދާނެއެވެ. ބައިނަލްއަޤްވާމީ ނަޒަރަކުން ވިސްނާ ކަމަށްވާ ނަމަ އެކަން ހިނގި ގޮތް ބަލައި ތަޙްޤީޤްކޮށް، އެއީ ބައެއްގެ އިހުމާލުން ހިނގި ކަމަކަށްވާ ނަމަ އިހްމާލުވި ބަޔަކު އިހްމާލުވި މިންވަރަކުން ފިޔަވަޅު އެޅެއެވެ. އަދި މުސްތަޤްބަލުގައި އެފަދަ ހާދިސާތައް ކުރިމަތިވިޔަ ނުދިނުމަށް ދުރާލާ ފިޔަވަޅު އެޅެއެވެ. އަދި އެކަމަކާ ގުޅޭ ޤާނޫނެއް ނުވަތަ ޤަވައިދެއް ހެދިފައިވާ ނަމަ، އެ ޤާނޫނެއް ނުވަތަ ޤަވައިދެއް ކުރިޔަށް ވުރެ ހަރުދަނާކުރެވޭތޯ ބެލުމަށް މަސައްކަތްތަކެއް ކުރެވެއެވެ. ނޭނގުމެއްގެ ތެރޭގައި ދުލެއް ދެވިފައިވާ ނަމަ އެދުލެއް ވާންކުރެވޭތޯ ވެސް ބެލެވެއެވެ.

ރާއްޖޭގައި ދިމާވާ ހިތާމަވެރި ހާދިސާތަކާ މެދު ފިޔަވަޅު އެޅޭ ގޮތުން ތަޙްޤީޤީ މަރުހަލާތައް ވަރަށް ބަލިކަށިކަމަށް ދައްކައެވެ. ތަޙްޤީޤްކުރާ ބައިތައް ކަމަށް އަޅުގަނޑު މިބަލަނީ ރަސްމީ ގޮތުން ތަޙްޤީޤްކުރާ ފަރާތާއި ނުރަސްމީކޮށް އަމިއްލަ އަށް ތަޙްޤީޤީ ރިޕޯޓު ތައްޔާރުކުރާ ފަރާތްތައް ޝާމިލްކޮށްގެންނެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ ފުލުހުންނާއި ނޫސްވެރިންނެވެ. ފުލުހުންގެ ތަޙްޤީޤަށް ފަހު ފަހަކަށް އައިސް އިތުރު މަޢުލޫމާތެއް ނުދެއްވައެވެ. "ހިންމަފުށީގައި ފަތުރުވެރިއަކު މަރުވެފައި މޫދުގައި އޮއްވައި ފެނިއްޖެއެވެ. މަރާ މެދު ތަޙްޤީޤް ކުރިއަށްދަނީއެވެ." އެތަނަށް ދާ ނޫސްވެރިޔާ އިތުރުކޮށްލަނީ ފުލުހުންނާ ޙަވާލާދޭ ބައެވެ. މި ދެ ފަރާތުން ވެސް ޒިންމާދާރުކަމާ އެކު ކުރިން ދެންނެވި މަސައްކަތް ކުރިކަމަށް ދަންނަވަން އުނދަގޫވާނެއެވެ.

ދާދި ފަހުން މާލޭގައި ހިނގި ދެމަފިރިއަކު އެއްފަހަރާ މަރުވުމުގެ ހާދިސާ އަށް ބައްލަވާށެވެ. ދިވެހިރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން ކޮންމެ ޤައުމެއްގައި ވެސް އެއީ ވަރަށް ސީރިއަސް މައްސަލައަކަށް ވާނެއެވެ. އެ މަރަކީ އާދަޔާ ޚިލާފް މަރަކަށް ވުމާ އެކު އެމަރުގައި އެއްވެސް ޖިނާއީ ކަމެއްވޭތޯ ބަލަން ޖެހޭތީވެއެވެ. ޢާއިލާގެ މީހުން ރުހުނަސް ނުވަތަ ނުރުހުނަސް އެވެ. މި ބާވަތުގެ ކަންތަކާއި ދީނާ ގުޅުވާލާ ބައެއް މީހުން ކޮންމެ ގޮތަކަށް ވާހަކަދެއްކިއަސް ޙަޤީޤަތް އޮޅުންފިލުވުމުގެ މަގުގައި ކުރިއަށްދާނެއެވެ. މިހާރު ލަފާކުރެވޭ ގޮތުގައި އެމަރުވި ދެމަފިރިންނާ އެކު އެ މަރުގެ ޙަޤީޤަތް ވެސް ފަސްދާނުލެވުނީއެވެ.

ރާއްޖޭގައި ވެސް ޓޫރިސްޓް ފުލުހުން ތިބޭ ކަމަށް ވެއެވެ. ޢާއްމު ގޮތެއްގައި ގިނަ ގައުމުތަކުގައި ޓޫރިސްޓު ފުލުހުންގެ މަސައްކަތަކަށް ވެފައި އޮންނަނީ ފަތުރުވެރިންނަށް މަކަރުހަދާ، ފަތުރުވެރިންނަށް އުނދަގޫކުރާ ފަރާތްތަކުން އެމީހުން ރައްކާތެރި ކޮށްދިނުމެވެ. ރާއްޖޭގެ މާހައުލު މި އޮތް ގޮތުން އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އެ މަސައްކަތް މިހާރަށް ވުރެ ފުޅާވާން ޖެހެއެވެ. ފަތުރުވެރިންނަށް ލިބެން ޖެހޭ ރައްކާތެރިކަން ލިބިދޭތޯ، އެކަމަށް ތަމްރީނު ލިބިފައި ތިބި މުސްތަޤިއްލު ފަރާތަކުން ބަލަން ވެއްޖެއެވެ. އެމީހުން މޫދަށް އެރިއުޅުމަށާއި، ފީނަން ދިއުމުގައްޔާއި، ކަނޑުދަތުރުފަތުރު ކުރުމުގައި އެކަށީގެން ރައްކާތެރިކަމުގެ ސަލާމަތީ ފިޔަވަޅު އެޅިފައިވޭތޯ ބެލުމަށެވެ. އަޅުގަނޑުގެ ނަޒަރުގައި މިކަމަށް އެންމެ އެކަށީގެންވަނީ ފުލުހުންގެ (ޔުނިފޯމްނުލާ) ޔުނިޓެކެވެ. ތެދުފުޅެކެވެ. ޚަރަދުގެ މައްސަލަ ނުކުންނާނެއެވެ. ހިސާބު ޢިލްމުގެ ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި ފަތުރުވެރިކަމަށް ތަަންތަން ވިއްކައިގެން ލިބުނު އާމްދަނީން ވެސް ރާއްޖޭގެ އާބާދީގެ ކޮންމެ ބޮލަކަށް އެއް މިލިއަން ޑޮލަރު ޖެހޭވަރުވެއެވެ. އެ ހިސާބު ރަނގަޅުކަމަށްވާ ނަމަ ނުވަތަ އެއީ ތެދު ވާހަކައަކަށްވާ ނަމަ ފަތުރުވެރިންގެ ސަލާމަތަށް ޚަރަދުކުރުމަކީ އިޤްތިޞާދީ ބުރައަކަށް ވެގެންނުވާނެއެވެ. އަވަހަށް ފިޔަވަޅު ނޭޅިއްޖެ ނަމަ ރަން ބިސް އަޅާނެ ކުކުޅެއް ނުހުންނާނެއެވެ. ކުކުޅު މަރުވެދާނެއެވެ.