Roadha Mihaaru
ޑައިވިން ސައިޓްތަކުގެ ހިމާޔަތުގައި

ޑައިވިން ސައިޓްތަކުގެ ހިމާޔަތުގައި

25 ޖޫން 2021

ރާއްޖެ އަށް 1972 ވަނަ އަހަރު ޓޫރިޒަމް ތައާރަފުވުމާ ގުޅިގެން އަންނަ ޓޫރިސްޓުން އެންމެ ބޮޑަށް ޝައުގުވެރިވި ތަނަކަށް ވީ "ޑައިވިން ސައިޓް"ތަކެވެ. އެއީ އެ ތަންތަނަށް ފީނާ މީހުންނަށް ފެންނަ ރީތި ނަލަނަލަ މަންޒަރުތަކުންނެވެ. މި ތަންތަން ހޯދުމުގައި އެ ޑައިވަރުންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރި އަދި ކުރަމުން ގެންދާ ޑައިވިން އިންސްޓްރަކްޓަރުންގެ މަސައްކަތް ވަރަށް ބޮޑެވެ. އަދި މި ތަންތަން ހިމާޔަތް ކުރުމުގައި ރިސޯޓުތަކާއި އެ އިންސްޓްރަކްޓަރުންގެ ދައުރު ބޮޑުވި އެވެ.

ރާއްޖެ އަށް ޓޫރިޒަމް ތަޢާރަފުވި ދުވަސްވަރު ރާއްޖޭގައި އޮތީ މިއަދު މި ފެންނަ ޓޫރިޒަމްގެ މާހައުލެއް ނޫނެވެ. އެހެނީ އެ ދުވަސްވަރު ދަތުރުކޮށް އުޅުނީ ސްޕީޑް ލޯންޗު، ކަނޑަށް ޖައްސާ މަތިންދާ ބޯޓުގައެއް ނޫނެވެ. އެއާ ޚިލާފަށް 1972 އާއި 1980 އާ ދެމެދު ޓޫރިސްޓުން އުފުލުމަށާއި ދަތުރުކުރުމަށް ބޭނުން ކުރެވުނީ އެއްމެ ސިލިންޑަރު އެޅި ޔަންމާ އިންޖީނު އެޅި ދޯނިފަހަރެވެ. އަދި މި ދޯނިތަކުގައި ޓޫރިސްޓުން ބޭނުންވާ ނުވަތަ ދާން ބޭނުންވާ ތަންތަނަށް ގެންދިއުމުގައި ދޯނިތަކުގެ ކައްޕިން ދަތުރުކުރެ އެވެ. މީގެ ތެރޭގައި ކަނޑަށް ފީނުމުގައި ނުވަތަ ޑައިވް ކުރުމަށްޓަކައި މި ދޯނިފަހަރުތަކުގައި ޓޫރިސްޓުން ކަނޑާއި ފަރުފަރާއި ހާހަލަށް ގެންދެވެ އެވެ.

މި ދުވަސްވަރު ޑައިވަރުން ގެންގުޅުނީ ވެސް މި ޒަމާނުގައި މި ފެންނަ އާލަތްތަކެއް ނޫނެވެ. ޑައިވަރުން ފީނުމަށް ބޭނުންކުރީ އޮކްސިޖަން ފުޅިއަކާއި އާދައިގެ އެއްމެ ރެގިއުލޭޓަރެކެވެ. މި ތަކެތި ބޭނުން ހިފައި ފީނާ މީހުން އެ ބައިމީހުންނަށް ހިތްހަމަ ޖެހުން ލިބިގަތުމަށްޓަކައި ރާއްޖޭގެ އެކިއެކި ދިމަދިމާ އަށް ފީނައި ހެދި އެވެ. މި ފީނިފީނުމުގައި ޓޫރިސްޓުން ވަނީ ރާއްޖޭގައި ޑައިވްކުރުމަށް ރަނގަޅު އަދި ރީތި، ނާޒުކު ތިމާވެށި އެކުލެވޭ ތަންތަން ނުވަތަ ޑައިވިން ސައިޓްތައް ދެނެގަނެފަ އެވެ. ނުވަތަ ހޯދައި އެ ތަންތަން އިޝްތިހާރު ކުރުމުގެ މަސައްކަތް ކޮށްފަ އެވެ.

ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވިތާ ކުރީކޮޅު ޓޫރިސްޓުން ތިބުމަށް ފަނުން  ހަދާފައިވާ ތަންތަން

ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވިތާ ކުރީކޮޅު ޓޫރިސްޓުން ތިބުމަށް ފަނުން ހަދާފައިވާ ތަންތަން

މި ފަދަ ސައިޓްތަކުގެ ރީތި ކަމާއި ހުންނަ މުރަކަ އާއި މަސްމަހާއިމެއްސާއި މުރަކަ ފަދަ ތަކެތި ހޯދައި އެ ކަންކަމާ ގުޅޭ މައުލޫމާތު ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. އެއީ ނުހަނު އުނދަގޫ އަދި ބުރަ މަސައްކަތެއް ނަމަވެސް މިފަދަ ތަންތަން ހޯދައި އެ ތަންތަނުގެ މައުލޫމާތު އެއްކޮށް، މިފަދަ ޑައިވިން ސައިޓްތައް ގިނަ ދުވަހަށް ދެމި ހުންނާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށްޓަކައި ޑައިވިން އިސްޓްރަކްޓަރުންނާއި ރިސޯޓުތަކުގެ ވެރިންނާއި މިފަދަ ކަންކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން ބުރަ މަސައްކަތްތަކެއް ކޮށްފައި ވެ އެވެ.

ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވިތާ ކުރީކޮޅު ޓޫރިސްޓުން ފާހާނާ އަށް ދިއުމުގެ ހާލަތު ހުރި ގޮތް.

ރާއްޖެ އަށް ޓޫރިޒަމް ތައާރަފުވިތާ ކުރީކޮޅު ޓޫރިސްޓުން ފާހާނާ އަށް ދިއުމުގެ ހާލަތު ހުރި ގޮތް.

މިފަދަ ބުރަ އަދި އުނދަގޫ މަސައްކަތްތަކެއް ކުރުމަށް ފަހު، އެ ކަންކަމާ ގުޅޭ މައުލޫމާތުތައް ރާއްޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމާ ހިއްސާކޮށް، އެފަދަ ނާޒުކު ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުން ގެންދެވުނެވެ. މި ފަދަ ބުރަ މަސައްކަތަކީ އަދި ނާޒުކު މަސައްކަތަކީ ހަމައެކަނި ޓޫރިޒަމް މިނިސްޓްރީން ކުރެވޭނެ ކަމެއް ނޫން ކަމަށް ވާތީ އާއި ރާއްޖޭގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ ޒިންމާ ހަވާލުކުރެވިފައި އޮންނަނީ އެންވަޔަރުމެންޓް މިނިސްޓްރީއާ ކަމުގައި ވާތީ، ރިސޯޓުތަކާއި ޑައިވަރުންގެ ވާހަކަތައް އެންވަޔަރުމެންޓް މިނިސްޓްރީއާ އެކު ކުރެވުނު މަސައްކަތުން ރާއްޖޭގެ ކަނޑުތަކުގައި ވާ ޑައިވިން ޕޮއިންޓްތަކުގެ ތެރެއިން ހޯދިފައިވާ ޑައިވިން ޕޮއިންޓްތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރެވުނެވެ.

ހަގީގަތަކީ އަޅުގަނޑުމެންގެ ޑައިވިން ސައިޓުތަކަށް ބައިނަލްއަގްވާމީ ގޮތުން މިހާ ބޮޑު ސަމާލުކަމެއް އައިސްފައި ވަނީ ޑައިވަރުންނާއި ރިސޯޓުތަކުގެ ވެރިންނާއި ޑައިވިން ސްކޫލްތަ ހިންގާ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަމެވެ. ޑައިވިން ސައިޓުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް އެ ފަރާތްތަކުނެ ކެނޑިނޭޅި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. މިއީ މިފަދަ ސެމިނާތައް ބާއްވާއިރު، ކަމާ ބެހޭ ފަރާތްތަކުގެ ވިސްނުމުގައި ބަހައްޓަން ވެއްޖެ ކަމެކެވެ.

މިކަމުގެ ޝުކުރާއި ސަނާ ލިބެން ޖެހެނީ ޑައިވިން އިންސްޓްރަކްޓަރުންނާއި ރިސޯޓުތަކުގެ ވެރިންނަށެވެ.

ޑައިވިން ސައިޓްތައް ހިމާޔަތްކުރުން ނުވަތަ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ފެށިފައި ވަނީ 1977 ގަ އެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ ގާނޫނެއް އުފެދުނީ 1993 ގައެވެ. "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު" (ޤާނޫނު ނަންބަރު 93/4) ގެ ނަމުގައި އެކުލަވައިލެވުނު މި ގާނޫނުގެ ދަށުން ތިމާވެށި ހިމާޔަތްކުރުގެ މަސައްކަތް ތިމާވެއްޓާ ބެހޭ ވުޒާރާ އަކާ ޒިންމާ ކުރެވިފައި ވެ އެވެ.

ދާދި ފަހުން ރާއްޖޭގައި ބޭއްވި ތިމާވެއްޓާ ބެހޭ ސެމިނާރެއްގައި ވެސް ޑައިވިން ސައިޓްތައް ހިމާޔަތް ކުރުމަށްޓަކައި ޓޫރިޒަމް ފެށި ދުވަސްވަރު ކޮށްފައިވާ މަސައްކަތްތަކާއި ޑައިވިން އިންސްޓްރަކްޓަރުންގެ މަސައްކަތް އެހާ ބޮޑަށް ފާހަގަ ކޮށްފައި ނުވުމަކީ ދެރަ ކަމެކެވެ.

ހަގީގަތަކީ އަޅުގަނޑުމެންގެ ޑައިވިން ސައިޓުތަކަށް ބައިނަލްއަގްވާމީ ގޮތުން މިހާ ބޮޑު ސަމާލުކަމެއް އައިސްފައި ވަނީ ޑައިވަރުންނާއި ރިސޯޓުތަކުގެ ވެރިންނާއި ޑައިވިން ސްކޫލްތަ ހިންގާ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަމެވެ. ޑައިވިން ސައިޓުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް އެ ފަރާތްތަކުނެ ކެނޑިނޭޅި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. މިއީ މިފަދަ ސެމިނާތައް ބާއްވާއިރު، ކަމާ ބެހޭ ފަރާތްތަކުގެ ވިސްނުމުގައި ބަހައްޓަން ވެއްޖެ ކަމެކެވެ.

އެޑިޓަރުގެ ނޯޓު: އަބްދުﷲ މުހައްމަދު އިބްރާހިމް (ހިންނަވަރު) އަކީ ރާއްޖޭގައި ޓޫރިޒަމް ފެށުނީއްސުރެ އެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. މިހާރު ވެސް އެއީ ރިސޯޓުތައް ހިންގުމުގެ މަސައްކަތުގައި ދެމިހުންނެވި އަދި އެ ދުވަސްވަރާއި މިހާރުގެ ތަޖުރިބާ ވެސް ކުރައްވާ ބޭފުޅެކެވެ.