Roadha Mihaaru
ދެކުނު ކޮރެއާ އާއި އެމެރިކާ ނިއުކްލިއާ އެއްބަސްވުމެއް

ދެކުނު ކޮރެއާ އާއި އެމެރިކާ ނިއުކްލިއާ އެއްބަސްވުމެއް ހަދައިފި

27 އެޕްރީލް 2023

ނިއުކްލިއާ ހަތިޔާރުގެ ދާއިރާ އިން އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއް، އެމެރިކާ އާއި ދެކުނު ކޮރެއާ އިން އިއްޔެ ގާއިމުކޮށްފި އެވެ.

ނިއުކްލިއާ ހަތިޔާރުގެ ދާއިރާ އިން އެއްބާރުލުމާއި އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއް، އެމެރިކާ އާއި ދެކުނު ކޮރެއާ އިން އިއްޔެ ގާއިމުކޮށްފި އެވެ.

މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ، އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއާ ހަތިޔާރުގެ މަޝްރޫއާ ދެކޮޅަށް، އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން މަސައްކަތް ކުރުމެވެ. ދެ ގައުމުން އެއްބަސްވި ކަންތަކުގެ ތެރޭގައި، އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާ ސަބްމެރިންތަކެއް، ދާއިމީ ގޮތެއްގައި ދެކުނު ކޮރެއާގައި މަރުކަޒު ކޮށްފައި ބެހެއްޓުން ހިމެނެ އެވެ.

އޭގެ އިތުރުން، އުތުރު ކޮރެއާއާ ދެކޮޅަށް އެމެރިކާ އިން ނިއުކްލިއާ ހަތިޔާރުގެ ބޭނުން ހިފާ ހާލަތެއްގައި، އެ ފަދަ ހަމަލާއެއް ދިނުމުގައި ދެކުނު ކޮރެއާ ވެސް އެ ކަމުގައި ބައިވެރި ކުރުން ހިމެނެ އެވެ. އެމެރިކާގެ މި އެހީތެރިކަމުގެ ބަދަލުގައި ދެކުނު ކޮރެއާ އިން ކުރުމަށް އެއްބަސްވެފައިވާ ކަމަކީ، އެ ގައުމުގައި އަމިއްލަ ނިއުކްލިއާ މަޝްރޫއެއް ނުހިންގުމެވެ.

އެޕްރިލް 26، 2023؛ އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ރޯސް ގާޑްން ގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް، ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލްއާ އެކުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން (ކ) ވަޑައިގަންނަވަނީ. --އޭއެފްޕީ

އެޕްރިލް 26، 2023؛ އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސްގެ ރޯސް ގާޑްން ގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް، ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލްއާ އެކުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން (ކ) ވަޑައިގަންނަވަނީ. --އޭއެފްޕީ

ދެ ގައުމުން ގާއިމުކުރި މި އެއްބަސްވުމުގެ ތަފްސީލުތައް އާންމުކުރީ، މިހާރު އެމެރިކާ އަށް ވަޑައިގެން އުޅުއްވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔެއޯލްއާ އެކުގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވޮޝިންޓަންގައި ބޭއްވި ރަސްމީ ބައްދަލުކުރެއްވުމަށް ފަހު އެވެ. ވޮޝިންޓަން ގަރާރުގެ ނަން ދީފައިވާ މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ، ރައީސް ބައިޑެން ވިދާޅުވި ގޮތުގައި، އުތުރު ކޮރެއާގެ ނިއުކްލިއާ ހަމަލާއަކުން ދިފާއުވުމުގައި އެމެރިކާ އާއި ބައިވެރިންގެ މެދުގައި އެއްބާރުލުން އިތުރު ކުރުމެވެ.

ދެކުނު ކޮރެއާގެ ރައީސް އެމެރިކާ އަށް މިހާރު ކުރައްވާ ދަތުރުގައި، ރައީސް ބައިޑެންއާ އެކުގައި މަޝްވަރާ ކުރައްވާނެ މައިގަނޑު މައުލޫއުތަކަކީ، ޔޫކްރޭން ހަނގުރާމަ އާއި މޫސުމަށް އަންނަ ބަދަލުތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ ޖަރީމާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާއި ނިއުކްލިއާ ހަތިޔާރުގެ ނުރައްކާތަކެވެ.

ދެ ގައުމުން ގާއިމުކުރި އެއްބަސްވުމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔޫން ސުކް-ޔެއޯލް އިއްޔެ ވިދާޅުވި ގޮތުގައި އެ އެއްބަސްވުމަކީ، ދުޝްމަނުން ދީފާނެ އަސްކަރީ އަދި ނިއުކްލިއާ ހަމަލާއަކުން އެމެރިކާގެ ބައިވެރިން ހިމާޔަތް ކުރުމަށް އެމެރިކާ އިން ވެފައިވާ އެއްބަސްވުން އިތުރަށް ވަރުގަދަކޮށްދިން އެއްބަސްވުމެކެވެ.

ނިއުކްލިއާ ހަތިޔާރުގެ ދާއިރާ އިން އެއްބާރުލުމާ ބެހޭ ގޮތުން، އެމެރިކާ އާއި ދެކުނު ކޮރެއާ އިން އެއްބަސްވުމެއް މި ގާއިމުކުރީ، ވާދަވެރި އުތުރު ކޮރެއާ އިން މިއަހަރުގެ ތެރޭގައި ރެކޯޑް އަދަދަކަށް އެކި ފެންވަރުގެ މިސައިލްތައް އަޖުމަ ބަލާފައި ވަނިކޮށެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ނިއުކްލިއާ ހަތިޔާރުގެ ސަބްމެރިންތައް ދެކުނު ކޮރެއާގައި ގާއިމުކުރުމުން، އުތުރު ކޮރެއާގެ އަސްކަރީ ހަރަކާތްތަކަށް ފާރަލައި ބެލުމުގެ ފުރުސަތު އެމެރިކާ އަށް މިހާރަށް ވުރެ ތަނަވަސް ވެގެންދާނެ އެވެ. މިއީ، 1980ގެ ކުރީކޮޅުގެ އަހަރުތަކަށް ފަހު، އެމެރިކާގެ ނިއުކްލިއާ ބެލިސްޓިކް ސަބްމެރިން ދެކުނު ކޮރެއާ އަށް ފޮނުވާ ފުރަތަމަ ފަހަރެވެ.