Roadha Mihaaru
ތިނަދޫ ހޮސްޕިޓަލުގައި ލެޕަރޮސްކޯޕިކް ސާޖަރީތައް ފަށައިފި

ތިނަދޫ ހޮސްޕިޓަލުގައި ލެޕަރޮސްކޯޕިކް ސާޖަރީތައް ފަށައިފި

03 މެއި 2023

ގދ. ތިނަދޫ އަބްދުއްސަަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހެދި ފުރަތަމަ ލެޕަރޮސްކޯޕިކް ސާޖަރީ (ކީހޯލް އޮޕަރޭޝަން) ކާމިޔާބުކަމާ ފުރިހަމަކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގދ. ތިނަދޫ އަބްދުއްސަަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހެދި ފުރަތަމަ ލެޕަރޮސްކޯޕިކް ސާޖަރީ (ކީހޯލް އޮޕަރޭޝަން) ކާމިޔާބުކަމާ ފުރިހަމަކޮށްފި އެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ސާލިމް އަލީ "މިހާރު" އަށް ވިދާޅުވީ އެ އޮޕަރޭޝަން ކުރީ މިއަދު ހެނދުނު ކަމަށެވެ.

މި އޮޕަރޭޝަންގައި ބައިވެރިވީ އައިޖީއެމްއެޗްގެ ހާއްސަ ޓީމެކެވެ.

ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ސީނިއާ ކޮންސަލްޓަންޓް އިން ޖެނަރަލް ސާޖަރީ، ޑރ. އަބްދުﷲ އުބައިދު ލީޑް ކުރައްވައިގެން ކުރިއަށް ގެންދެވި އެ އޮޕަރޭޝަނަށް ދޮޅު ގަޑިއިރު ހޭދަވި އެވެ.

އައިޖީއެމްއެޗުން ދިޔަ ޓީމާއި އަބްދުއްސަަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ސާޖަރީ ކުރިއަށް ގެންދަނީ.

އައިޖީއެމްއެޗުން ދިޔަ ޓީމާއި އަބްދުއްސަަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ސާޖަރީ ކުރިއަށް ގެންދަނީ.

ސާލިމް ވިދާޅުވީ ޕޭޝަންޓުގެ ހާލު ސްޓޭބަލް ކަމަށެވެ. އަދި އިތުރު ދެ ޕޭޝަންޓުން މިއަދު އޮޕަރޭޝަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލެޕަރޮސްކޯޕިކް ސާޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާ ލައްވައިގެން ކުދި އޮޕަރޭޝަން ޓޫލްސް ބޭނުންކޮށްގެން ކުރެވޭ ހަށިގަނޑަށް ލުއި އޮޕަރޭޝަންތަކެކެވެ.

ތިނަދޫ ހޮސްޕިޓަލުގައި ލެޕަރަސްކޯޕިކް ސާޖަރީ ކުރަނީ.

ތިނަދޫ ހޮސްޕިޓަލުގައި ލެޕަރަސްކޯޕިކް ސާޖަރީ ކުރަނީ.

އެ އޮޕަރޭޝަންތަކަށް ފަހު ބަލިމީހާ ހޮސްޕިޓަލްގައި މަޑުކުރަންޖެހޭ މުއްދަތު އަދި ފާރުތައް ފަސޭހަވުމަށް ނަގާ މުއްދަތު، އާންމު އޮޕަރޭޝަންތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ކުޑަވާނެ އެވެ.

މިއީ މިހާރު އަތޮޅުތެރޭގެ ހޮސްޕިޓަލްތަކުގައި ވެސް ކުރަމުން އަންނަ އޮޕަރޭޝަނެކެވެ.