Roadha Mihaaru
ދަރުމަވަންތަ ކައިރީ ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަނީ

ދަރުމަވަންތަ ކައިރީގައި ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަނީ

15 ޖެނުއަރީ 2024

ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދުގައި، އެ ހޮސްޕިޓަލްގެ އާ ޓަވަރެއް އަޅަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ހޮސްޕިޓަލް ސަރަހައްދުގައި، އެ ހޮސްޕިޓަލްގެ އާ ޓަވަރެއް އަޅަން ނިންމައިފި އެވެ.

ސިއްހީ ދާއިރާ ކުރިއެރުވުމުގެ ޕްލޭންތައް ހިއްސާކުރައްވައި، އެ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ހަލީމް، "މިހާރު" އަށް އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވީ، މީގެ 30 އަހަރު ކުރިން ބޭނުންކުރަން ފެށި އައިޖީއެމްއެޗްގެ އިމާރާތް ވަރަށް ބޮޑަށް ބާވެފައިވާ ކަމަށެވެ. ފާއިތުވި އަހަރުތަކުގައި އެތަން އެކަށީގެންވާ ގޮތަށް މަރާމާތުކޮށްފައިނުވާތީ، އެކަމަށް ވަރަށް ބޮޑު މަސައްކަތެއް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ ކަރަންޓާއި އޭސީގެ މައްސަލަތައް ޖެހޭއިރު ފެން ލީކުވުމުގެ މައްސަލަތައް ވެސް ދިމާވާ ކަމަށެވެ. އެ ހުރިހާ ކަމަކަށް އެޓެންޑުވަމުންދާ ކަމަށާއި ނަމަވެސް، އެއީ ގޮންޖެހުން ބޮޑު އަދި ގިނަ ހަރަދުތަކެއް ހިނގާ ކަންތައްތަކެއް ކަމަށް ވިދާޅުވި އެވެ.

އެންމެ ބޮޑަށް ދިމާވާ ދައްޗަކީ، ސީއީއޯ ވިދާޅުވި ގޮތުގައި، ހިދުމަތަށް ބުރޫނާރާނެ ގޮތަށް ހޮސްޕިޓަލް މަރާމާތުކުރުމެވެ. އެކަމަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ އެއް ހައްލަކީ، އައިޖީއެމްއެޗާއި ދަރުމަވަންތަ ހުރި ސަރަހައްދުގައި ހޮސްޕިޓަލްގެ އާ ޓަވަރެއް އެޅުމެވެ.

"ސަރުކާރުގެ ވިސްނުންފުޅު އެބަހުރި މި ސަރަހައްދުގައި އަދި އާ އިމާރާތެއް ގާއިމްކޮށްފައި، އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް އެތަނަށް ބަދަލުކޮށްފައި ފުލް މެއިންޓަނަންސްއަކަށް ދިއުމަށް. މި ސަރަހައްދުގައި އިތުރު ޓަވަރެއް އެކަމަކު އަދި އަޅުގަނޑަށް ދަންނަވާކަށް ނޭނގެ ކިހާ އުސްމިނެއްކަމެއް. އެކަމަކު، މި ސަރަހައްދުގައި ފުދޭވަރަކަށް ރަނގަޅު އިމާރާތެއް ގާއިމްކުރާނެ." އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވި ގޮތުގައި، އެހެން ސަރަހައްދެއްގައި އިމާރާތެއް ހަދައިގެން މިކަން ކުރަންޏާ ރިސޯސަސްތައް ޑަބަލްވެގެންދާނެ އެވެ. އެކަމަކު، އެތަން ދަރުމަވަންތައިގެ ބައެއްގެ ގޮތުގައި އައިސްފި ނަމަ ވަސީލަތްތައް ހިއްސާކުރެވި، ހިދުމަތްތައް ރަނގަޅުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ ހަލީމް. "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.-- ފޮޓޯ: މިހާރު

ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ ހަލީމް. "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.-- ފޮޓޯ: މިހާރު

އައިޖީއެމްއެޗްގައި އެންމެ ފަހުން އިމާރާތްކުރި ތަނަކީ، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ހެދި "ހިޔަލަ" ވިންގެވެ. އެ ތަން ބޭނުންކުރަން ފެށިތާ އަދި 10 ވަރަކަށް އަހަރު ވިޔަސް، އެ އިމާރާތް މަރާމާތުނުކުރާތީ ފަންގަސް ޖަހާފައިވެ އެވެ.

ސަރުކާރުގެ ވިސްނުންފުޅު އެބަހުރި މި ސަރަހައްދުގައި އަދި އާ އިމާރާތެއް ގާއިމްކޮށްފައި، އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް އެތަނަށް ބަދަލުކޮށްފައި ފުލް މެއިންޓަނަންސްއަކަށް ދިއުމަށް: ސީއީއޯ ހަލީމް

އެހެންވެ، އެ ތަނަކީ ބަލި މީހުންނަށް އެންމެ ރައްކާތެރި ތަނަކަށް ނުވިޔަސް، މި ވަގުތު އާ ތަނެއް ނުލިބި އެ ޑިޕާޓްމަންޓު ވެސް ބަަދަލެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން ހިދުމަތްދޭއިރު، ހިދުމަތް ހޯދަން އަންނަ ރައްޔިތުންނަށް އުނދަގޫތަކެއްގައި ނުވަތަ ގެއްލުންތަކެއްވާ ގޮތަށް ކަންތައްތައް ބައްޓަންކުރަން. އަޅުގަނޑުމެންގެ އަމާޒަކީ ފުލް ފްލެޖު އިމާރާތެއް މި ހިސާބުގައި ގާއިމްކުރެވި، އަޅުގަނޑުމެން މައްސަލަ ޖެހިފައި ހުރި ތަންތަނުގެ ހިދުމަތް އެ ތަންތަނަށް ބަދަލުކޮށް ހިދުމަތް ދޭން ފެށުން."

އައިޖީއެމްއެޗް އެއްކޮށް ތަޅާލައިގެން މަރާމާތުކުރުމަކީ ގިނަ ދުވަސް ނަގާނެ ދުވަހެއްކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ އެ ތަނުގައި އާ އިމާރާތެއް އަޅަން ވިޔަސް އެކަން ކުރެވޭނީ، އައިޖީއެމްއެޗުން މި ވަގުތު ދޭ ހިދުމަތްތައް އެހެން ތަނަކަށް ބަދަލުކޮށްގެން ކަމަށެވެ.

އެކަމަކު، އެ މަސައްކަތަށް ބަޖެޓު ހަމަޖެހިއްޖެނަމަ، އައިޖީއެމްއެޗްގެ ހުރިހާ ހިދުމަތެއް އާ އިމާރާތަށް ބަދަލުކުރާނެ ކަމަށާއި އެ ވަރު ހަމަނުޖެހިއްޖެއްޔާ އައިޖީއެމްއެޗްގެ އެއް ބައި ބަދަލުކޮށް، އައިޖީއެމްއެޗުން ހުސްވާ ބައިގައި ފަހުގެ އިމާރާތެއް ހަދާނީ ކަމަށް އޭނާ ވިދާޅުވި އެވެ.