Roadha Mihaaru
"އެކްސްޕީރިއަންސް މޯލްޑިވްސް"ގެ އިތުރު ކެމްޕެއިނެއް!

ބީއެމްއެލްގެ "އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ތިންވަނަ ކެމްޕެއިން ފަށައިފި

04 މެއި 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމެރިކަން އެކްސްޕްރެސްއާ ގުޅިގެން ދުނިޔޭގެ މާކެޓްގައި ރާއްޖެ އިޝްތިހާރު ކުރުމަށް "އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ތިން ވަނަ ކެމްޕެއިން މިރޭ ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމެރިކަން އެކްސްޕްރެސްއާ ގުޅިގެން ދުނިޔޭގެ މާކެޓްގައި ރާއްޖެ އިޝްތިހާރު ކުރުމަށް "އެކްސްޕީރިއަންސް މޯލްޑިވްސް" ގެ ތިން ވަނަ ކެމްޕެއިން މިރޭ ފަށައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކެމްޕެއިން ފައްޓަވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން އެންޑޯޒް ކޮށްފައިވާ އެ ކެމްޕެއިންގެ ދަށުން، އެމެރިކަން އެކްސްޕްރެސް ކާޑު ގެންގުޅޭ މެންބަރުންނަށް ހާއްސަ އޮފާތަކާއި ތަފާތު ތަޖުރިބާތައް ކުރުމުގެ ފުރުސަތުތަކާ އެކު، ރާއްޖޭގެ ޓޫރިޒަމް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އިޝްތިހާރު ކުރާނެ އެވެ.

ކެމްޕެއިނާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ހަތަރު މަހުގައި ބައި މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވާ އިރު، ރާއްޖޭގެ ގައުމީ ބޭންކްގެ ހައިސިއްޔަތުން ދައުލަތުން މި އަހަރަށް ކަނޑައަޅާފައިވާ ޓޫރިޒަމްގެ އަމާޒަށް ގެންދިއުމަށް އެހީތެރިވެ ދިނުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

މި އަހަރު 1.8 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.

މިރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލާއި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިރޭގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލާއި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ކާލް ވިދާޅުވިގޮތުގައި، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ރާއްޖޭގައި ހުރި ޓޫރިޒަމް ހިދުމަތްދޭ ތަންތަނުގެ މައުލޫމާތާއި ހާއްސަ އޮފާތަކުގެ މައުލޫމާތުތައް ލިބޭނެ އެވެ.

އެ ކެމްޕެއިންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑު މެންބަރުންނަށް ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާއި އެކިއެކި ވިޔަފާރިތަކުން 10 ޕަސެންޓާއި 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އެއްވެސް ހަރަދަކާ ނުލައި ހުރުމުގެ ފުރުސަތާއި ރެސްޓޯރެންޓަތކުންނާއި ޑިސްކައުންޓާއި މުވާސަލާތީ ހިދުމަތްދޭ ފަރާތްތަކުން ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތު ވެސް ފަހިވަނެ އެވެ.

އެމެރިކަން އެކްސްޕްރެސްގެ ޑިރެކްޓާ، ހެޑް އޮފް ގްލޯބަލް ނެޓްވޯކް ކުރުޝް ތަސްތޫރު ވިދާޅުވީ، ރާއްޖެއަކީ ޓޫރިޒަމަށް މަގްބޫލު މަންޒިލެއް ކަމަށާއި މިފަދަ ކެމްޕެއިނެއް ބީއެމްއެލާ އެކު ހިންގުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އެމެރިކަން އެކްސްޕްރެސްގެ ޑިރެކްޓާ، ހެޑް އޮފް ގްލޯބަލް ނެޓްވޯކް ކުރުޝް ތަސްތޫރު މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެމެރިކަން އެކްސްޕްރެސްގެ ޑިރެކްޓާ، ހެޑް އޮފް ގްލޯބަލް ނެޓްވޯކް ކުރުޝް ތަސްތޫރު މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެކްސްޕީރިއަންސް މޯލްޑިވްސްގެ ފުރަތަމަ ކެމްޕެއިން ފަށައިފައި ވަނީ 2017 ވަނަ އަހަރު އެވެ. އެ އަށް ފަހު 2019 ވަނަ އަހަރު އަނެއްކާ ވެސް އެ ކެމްޕެއިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކުރުޝް ވިދާޅުވީ، އެ ކެމްޕެއިންގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުން ކުރަން ފެށި ޓޫރިސްޓުން އިތުރުވެ، ޓްރާންސެކްޝަންތަކުގެ އަދަދު ތިން ގުނަ މަތިވި ކަމަށެވެ. އެހެންވެ، އެ ކެމްޕެއިންގެ ތިން ވަނަ ބުރުގައި ކަސްޓަމަރުން އެމެކްސް ކާޑު ބޭނުން ކުރާ ވަރު އިތުރަށް ގިނަ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރުޝް ވިދާޅުވިގޮތުގައި، އެ ކެމްޕެއިންގައި އިތުރު ރިސޯޓުތަކާއި ޓޫރިޒަމް ހިދުމަތްދޭ ތަންތަން ބައިވެރިވެ، ކަސްޓަމަރުންނަށް އިތުރު ޑިސްކައުންޓުތަކާއި ހާއްސަ އޮފާތައް ލިބުމަކީ އޭނާގެ އުންމީދެކެވެ.

"މި ކެމްޕެއިންގައި 40 އަށް ވުރެ ރިސޯޓާއި ގެސްޓް ހައުސް ބައިވެރިވެފައިވޭ. ކެމްޕެއިންގެ ނަތީޖާ ވެސް ވަރަށް ރަނގަޅު. ރާއްޖޭގައި ކާޑު ބޭނުން ކުރަން ފެށި ވަރު 20 ޕަސެންޓު އިތުރުވެ، ޓްރާންސެކްޝަން ހަދާ ވަރު ތިން ގުނަ އިތުރުވި. އަދި ޓޫރިސްޓުން ހޭދަކުރާ ވަރު ވަނީ އިތުރުވި،" އޭނާ ވިދާޅުވި އެވެ.