Roadha Mihaaru
ހަމްޕުގެ ހެޓްރިކަކާ އެކު މާޒިޔާއިން ޔޫވީ ބަލިކޮށްފި

ހަމްޕުގެ ހެޓްރިކަކާ އެކު މާޒިޔާއަށް ޗެމްޕިއަން ސްޓައިލުގެ ފެށުމެއް

09 މެއި 2023

ހަމްޒާ މުހައްމަދު (ހަމްޕު)ގެ ހެޓްރިކަކާ އެކު އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން 7-2 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ހަމްޒާ މުހައްމަދު (ހަމްޕު)ގެ ހެޓްރިކަކާ އެކު އެންމެ ފަހުގެ ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން 7-2 އިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްފި އެވެ.

ޔޫވީ އަކީ މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދޫކޮށްލި ދެ ޓީމުގެ ތެރެއިން ޓީމެކެވެ. އެޓީމުން ފަރިތަކުރުންތައް ވެސް ފެށީ ޕްރެޒިޑެންޓްސް ކަޕް ފެށިގެން ކުރިއަށް ދަނިކޮށެވެ.

މިދިޔަ ސީޒަންގައި ވެސް ޔޫވީ އިން ފެނުނު ބައެއް މުހިއްމު ކުޅުންތެރިން ވަނީ މި ސީޒަންގައި ޓީމުގައި މަޑު ކޮށްފަ އެވެ. އެގޮތުން ގޯލްކީޕަރު އަލީ ނާޖިހާއި، ޑިފެންޑަރު ޝިފާން ހުސެއިން، މޫސާ އަޒީމް ހަސަންގެ އިތުރުން މިޑްފީލްޑަރު ނާވީ މުހައްމަދާއި އަރީން އަބްދުﷲ އިބްރާހިމް އަދި ފޯވާޑް މުހައްމަދު ރީހާނާއި އަހުމަދު ބައްސާމް މުހައްމަދު ނައީމް ވެސް ވަނީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެފަ އެވެ. މި ސީޒަންގައި ޔޫވީގެ ކެޕްޓަނަކީ 22 އަހަރުގެ ޒުވާން ފޯވާޑް ބައްސާމް އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގު މެޗުގައި މާޒިޔާއިން ވަނީ 11 ވަނަ މިނިޓުގައި ލީޑު ނަގައިފަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ނާއިޒް ހަސަން (ދާދު) އެވެ. ނަމަވެސް އަހުމަދު ޝާކިރު (ޝާކިއްޓޭ) ގެ ހެޑް ކޯޗުކަމުގައި ކުޅޭ ޔޫވީގެ އަލީ މީސާގު އީސާގެ އެހީތެރިކަމާ އެކު ޒުވާން ފޯވާޑް ޝަނާން ރަޝާދު ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. މިއީ މާޒިޔާގެ ޑިފެންޑަރު އެޑްގާސް ޒާކިސް އަށް ރަނގަޅަށް ބޯޅަ ކްލިއާ ނުކޮށްލެވުމުން އޭގެ ފައިދާ ނަގައި މީސާގު ބޯޅަ ހޯދައިގެން ތަނަވަސްކުރި ފުރުސަތެކެވެ.

ޔޫވީގެ ކުޅުންތެރިއަކު މާޒިޔާގެ ހަންނަ އަތުން ބޯޅަ ހޯދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫވީގެ ކުޅުންތެރިއަކު މާޒިޔާގެ ހަންނަ އަތުން ބޯޅަ ހޯދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަތީޖާ އެއްވަރުވިތާ މާގިނައިރެއް ނުވެ މާޒިޔާއިން ވަނީ ލިބުނު ޕެނަލްޓިއަކުން އަލުން ލީޑު ނަގައިފަ އެވެ. ޔޫވީގެ ޑިފެންޑަރު ހުސެއިން މައިޝާން، ހަމްޒާ މުހައްމަދު (ހަމްޕު) އަށް ކުރި ފައުލަކަށް ދިން މި ޕެނަލްޓީ ޖެހީ ވެސް ހަމްޕު އެވެ. ޔޫވީ އިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރު ކުރީ މި ހާފުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. އަރީން، މާޒިޔާގެ މުހައްމަދު އިރުފާން އާއި އިބްރާހިމް އައިސަމް އަދު ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ކައިރިން ނައްޓާލާފައި "ތުރީ-ސިކްސްޓީ" އެއް އަޅާލައި ދިން ޕާހަކުން މި ގޯލު ޔޫވީ އަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ބައްސާމް އެވެ.

ބަދަލުތަކަކާ އެކު ދެވަނަ ހާފަށް ނުކުތް މާޒިޔާއިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ. އެޓީމުން މެޗުގައި ތިންވަނަ ފަހަރަށް ލީޑު ނެގީ 68 ވަނަ މިނިޓުގައި ހަސަން ނަޒީމް (ޗޯޓު) ނަގައިދިން ހުރަހެއް ޔޫވީގެ ޑިފެންޑަރެއްގެ ބޮލުގައި ޖެހިފައި އައި ވަގުތު ފާ ޕޯސްޓުގައި ހުސްކޮށް ހުރި ހަމްޕު އެވެ. ހަމްޕު ވަނީ އެއްފަހަރުން އެ ބޯޅަ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެވެ. އަދި މެޗު ފަށައިގެން ޔޫވީގެ ކުޅުންތެރިން އެޓޭކެއް އުފައްދަން މަސައްކަތް ކުރި ގަޑީގައި ފަހަތުން ބޯޅަ ހޯދައި ޗޯޓު ހުސްކޮށްލައި ކުރިއަށް ދިން ބޯޅަ، ބިދޭސީ ސްޓްރައިކަރު ސްޓެފާން މިހައިލޮވިޗް ދޫކޮށްލީ އަރިމަތިން އެރި ހަމްޕު އަށެވެ. ހަމްޕު ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ 70 ވަނަ މިނިޓުގައި ގޯލަށް ފޮނުވާލައިގެން މާޒިޔާގެ ހަތަރުވަނަ ގޯލު ޖަހައިދިނީ މިހައިލޮވިޗް އެވެ.

ހަމްޕު އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 81 ވަނަ މިނިޓުގަ އެވެ. މިއީ ޔޫވީގެ މުހައްމަދު ސަމީހު، އޭރިއާ ތެރެއިން ޗޯޓުއަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ.

މެޗުގެ 86 ވަނަ މިނިޓުގައި ހަސަން ރާއިފް އަހުމަދު (ހަންނަ) އީގަސްގެ ތިން ކުޅުންތެރިން ކައިރިން ދެމިލައިފައި އޭރިއާ ތެރެއަށް ވަދެ ދިން ޕާހަކުން މާޒިޔާގެ ހަވަނަ ގޯލު ޖަހައިދިނީ މިހައިލޮވިޗް އެވެ. ހަތްވަނަ ގޯލަކީ 90 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމެއް ގޯލަށް ފޮނުވާލައިގެން އަލީ ފާސިރު (ސެންޓޭ) ކާމިޔާބު ކުރި ގޯލެކެވެ. މިއީ މި ސީޒަންގައި މާޒިޔާއަށް ބަދަލުވެ، ސެންޓޭ ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.

މިއީ މިއަހަރުގެ ލީގުގައި މާޒިޔާ އަދި ޔޫވީ ވެސް ކުޅުނު ފުރަތަމަ މެޗެވެ. ލީގާ ކުރިމަތިލުމުގެ ކުރިން މާޒިޔާ ވަނީ ޗެރިޓީ ޝީލްޑާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

ލީގުގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.