Roadha Mihaaru
ކޭޕާކާ ގުޅޭ އިތުރު 2މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

ކޭޕާކުގެ އޮޅުވާލުން: އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

10 މެއި 2023

ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށް ބުނެ ކޭޕާކުން އެޕާޓްމަންޓްތައް ވިއްކުމުގައި އެތައް ބަޔަކަށް ލަނޑުދިން މައްސަލާގައި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޯހިޔާވަހިކަން ފޯރުކޮށްދޭން ކަމަށް ބުނެ ކޭޕާކުން އެޕާޓްމަންޓްތައް ވިއްކުމުގައި އެތައް ބަޔަކަށް ލަނޑުދިން މައްސަލާގައި އިތުރު ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އެ ކުންފުނިން ހުޅުމާލޭގައި އިމާރާތްކުރަން ނިންމީ ދެ ކޮޓަރި އާއި ތިން ކޮޓަރި ހިމެނޭ ގޮތުން ޖުމްލަ 110 އެޕާޓްމަންޓެވެ. މި ތަންތަނުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާގަ އެވެ.

މި އަދަދަށް ވުރެން އިތުރަށް އެތައް ބައެއްގެ އަތުން ފައިސާ އަތުލައި އޮޅުވާލި މައްސަލާގައި ފުލުހުން ފުރަތަމަ ހިފެހެއްޓީ، ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ)ގެ ޕާސްޕޯޓެވެ. އޭނާގެ އިތުރުން ތަހުގީގަށް ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ކަށަވަރުކޮށްދެއްވި އެވެ.

އެކަކު އަނެކެއްގެ ބޮލުގައި ތުހުމަތު އަޅުވާފައިވާ މި ސްކޭމްގައި ފަހުން ހިފެހެއްޓީ ޖައިޝާން ސައީދު އާއި ހަންބޯ ކުންފުނީގެ ބިދޭސީއެއްގެ ޕާސްޕޯޓެވެ.

ޕްރޮޖެކްޓް ހިންގުމުގައި މައިނޯރިޓީ ހިއްސާ އޮންނަ ކުންފުނި ކޯދި އިންވެސްޓްމެންޓްގެ ހިއްސާދާރެއް ކަމަށްވާ ޖައިޝާންއަކީ މަމްދޫހްއާ އެކު އެޕާޓްމަންޓްތައް ވިއްކުމުގައި އަމަލީ ގޮތުން އުޅުނު އެކަކެވެ.

އެތައް ބަޔަކަށް ލަނޑުދީ ފްލެޓް ވިއްކުމުގައި އޮޅުވާލި ކަމަށް މަންޑޭއަށް ތުހުމަތުކުރީ ހަންބޯ ޓެކް ކުންފުނީގެ މައި ހިއްސާދާރު ޖިން ޝިހޫ އެވެ.

ހަންބޯ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޭޕާކްގެ އެޕާޓްމަންޓުތައް އެ ކުންފުންޏަށް ނޭނގި، ގިނަ އަދަދެއްގެ ބަޔަކަށް މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ވިއްކީ މަންޑޭ ކަމަށެވެ.

އެޕާޓްމެންޓްތައް ވިއްކީ ހަންބޯގެ މެނޭޖިން ޑައިރެކްޓާ ޖިން ޝިހޫގެ ސޮއި ފޯޖްކޮށްގެން ކަމަށް ހަންބޯގެ ބަޔާނުގައި ބުނެ އެވެ. އަދި ޖައިޝަން ސައީދު އަށް، ހަންބޯއިން ދީފައިވާ ކަމަށް ބުނާ ގަރާރަކުން ލިބޭ ހައިސިއްޔަތު ކަމަށް ބުނެ އެޕާޓްމެންޓް ވިއްކުމަށް ހެދި އެއްބަސްވުންތަކުގައި އޭނާ ސޮއިކޮށްފައިވާ ކަމަށް ހަންބޯގެ ބަޔާނުގައި ވެ އެވެ.

މަންޑޭ ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް މި މައްސަލާގައި ތުހުމަތުކުރީ އޮޅުވާލައިގެން ވިއްކާފައިވާ ފްލެޓްތަކުން ލިބުނު ފައިސާ ހިފައިގެން ކުންފުނީގެ މައި ހިއްސާދާރު ޖިން ފިލަން އުޅުނު މައްސަލާގައި އެކަމާ ދެކޮޅު ހެދުމުންނެވެ. މިގޮތަށް މަންޑޭ ބަޔާން ނެރުނީ އޭނާއަށް ޖިން ތުހުމަތުކޮށް ފެންމަތިވި މައްސަލަތައް ޕޮލިހުން ވެސް މައްސަލަ ބަލަން ފެށި ފަހުންނެވެ.

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އޮޅުވާލައިގެން މީހުންނަށް ލަނޑުދިން މުއާމަލާތްތަކުގައި، އެ ކުންފުނިން އިމާރާތްކުރަން ނިންމި އަދަދުގެ އިތުރަށް 60 އަށް ވުރެން ގިނަ ފްލެޓް ވިއްކާފައިވާ ކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެއް އެޕާޓްމަންޓް، ދެތިން މީހުންނަށް ވިއްކާފައިވެ އެވެ.

މި މައްސަލަ ތަހުގީގުކޮށްދޭން އާބަންކޯ އިން ފުލުހުންނަށް ހުށަހަޅާފައިވާތީ، އެ މުއައްސަސާ އިން ވަނީ ލަނޑު ލިބުނު މީހުން މައުލޫމާތު ތަހުގީގަށް ހިއްސާކޮށްދޭން އެދިފަ އެވެ.