Roadha Mihaaru
ކާށިދޫ ކަނޑުވި ދެ މީހުން ސަލާމަތްކަން ހޯދީ ޕެލެޓަކުން

ކަނޑުވި ދެ މީހުން ތިބީ އެއް ދުވަސް ވަންދެން ޕެލެޓެއް މަތީގައި

12 މެއި 2023

މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ދޯންޏެއް އަޑިއަށް ގޮސް ކަނޑުވި ދެ މީހުން އެއް ދުވަސް ވަންދެން ތިބީ ކާށިދޫ ކަނޑުގައި ޕެލެޓެއް މަތީގައި ކަމަށް ސަލާމަތްކުރި ލޯންޗުގެ ވެރިފަރާތުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި ދޯންޏެއް އަޑިއަށް ގޮސް ކަނޑުވި ދެ މީހުން އެއް ދުވަސް ވަންދެން ތިބީ ކާށިދޫ ކަނޑުގައި ޕެލެޓެއް މަތީގައި ކަމަށް ސަލާމަތްކުރި ލޯންޗުގެ ވެރިފަރާތުން ބުނެފި އެވެ.

ދިވެއްސަކާއި ބިދޭސީއަކު ދަތުރުކުރި "ޖަމްބޯ" ދޯނި މާލެއިން އިއްޔެ ހެނދުނު 10:30 ގައި ފުރިއިރު ވެސް މޫސުން ގޯސްކަމުގެ އިންޒާރުދީ، މެޓު އޮފީހުން ވަނީ އެލާޓް ނެރެފަ އެވެ. ހިލަވެލި ބަރުކޮށްގެން ފުރި ދޯނިން ދެ މީހުން ދަތުރުކުރެވުނީ ކ. އަތޮޅު ނިމޭ ހިސާބަށެވެ.

ދޯނި އަޑިއަށް ގޮސް ދެ މީހުން ކަނޑުވީ އެވެ. އެ ދެ މީހުން ސަލާމަތްކަން ހޯދީ، ދޯނީގައި އޮތް ޕެލެޓެއްގައި ރީނދޫ ހަން އައްސައިގެންނެވެ. ދެ މީހުން ފެނުނުއިރު އެކަކު އިނީ އޭގެ މަތީގައި އިށީނދެގެންނެވެ. އަނެކަކު އޮތީ އެލިގެން ކަމަށް އެ މީހުން ސަލާމަތްކުރި ލޯންޗުގެ ވެރިފަރާތުން ބުންޏެވެ.

ދެ މީހުންގެ ހަބަރެއް ނުވެގެން ހޯދަން މަސައްކަތް ކުރުމަށް ފަހު ގެއްލުނުކަން އެމްއެންޑީއެފުން އިއުލާންކުރީ ރޭ 23:43 ހާއިރު އެވެ. ދެ މީހުން މިއަދު ހެނދުނު ފެނުނީ ހޯދަން ނުކުމެ އުޅުނު ލޯންޗަކަށެވެ.

ކަނޑުވި ދެ މީހުން ސަލާމަތް ކުރި، ޓްރެވަލީ ފިޝް ފައިޓާސް މެނޭޖިން ޑިރެކްޓަރު އަދި އެ ޗޯންޗުގެ ވެރިފަރާތް އަލީ ރާޝިދު "މިހާރު" އަށް ބުނީ ދެ މީހުން ހޯދަން އެ ލޯންޗުން ނުކުތީ ހެނދުނު ހަތެއްޖަހާކަށް ހާއިރު ކަމަށެވެ.

"ރައްޓެއްސެއް ގުޅާފަ ބުނީ އެހީވެދޭން. އެހެންވެ ރަށުން (ދަރަވަންދޫ)ން ދެ ލޯންޗު ނުކުތީ ދެ މީހުން ހޯދަން. އެންމެ ފުރަތަމަ ވަރަށް ދުރުން ފެންނަނީ ރީނދޫ ހަމެއް. ދެން ކައިރިއަށް ދިޔައީމަ އެނގުނީ އެއީ އެ ދެ މީހުންކަން،" އޭނާ ބުންޏެވެ.

ރާޝިދު ބުނި ގޮތުގައި ކާށިދޫ ބޭރުން ދެ މީހުން ފެނުނީ ހޯދާތާ ތިން ގަޑިއިރު ފަހުންނެވެ.

"އޭރު އެއީ 10:30 ހާއިރު. ޕެލެޓެއްގައި އޮތީ ދެތިން ހަން އައްސާފައި. އެ މީހުން ދޯނިގައި ގެންގުޅުނު ލައިފްޖެކެޓުތައް ހުރީ ޕެލެޓުގައި އައްސާފަ. އެކަކު އިނީ ޕެލެޓެއްގެ މަތީގައި. އަނެއް މީހާ އޮތީ ޕެލެޓުގައި އެލިގެން."

ރާޝިދު ބުނީ އެ ހާދިސާ ހިނގީ ކިހިނެއްތޯ ނާހާ ކަމަށާއި އޭނާގެ ލޯންޗު ނުކުތީ މީހުން ސަލާމަތް ކުރަން ކަމުން އެ މީހުންނަށް އިތުރު ހާސްކަމެއް ކުރިމަތި ކުރުވަން ބޭނުން ނުވީ ކަމަށެވެ.

ނަމަވެސް އެ މީހުން ކަނޑުވެފައި ތިބޭތާ 24 ގަޑިއިރަށްވުރެ ގިނައިރު ވާނެ ކަމަށް އެ ދެ މީހުން ބުނި ކަމަށް ރާޝިދު ބުންޏެވެ.

"ބޮޑަށް ލަފާކުރެވެނީ ފާޅެއް ޖެހީ ކަމަށް. ކޮންމެވެސް ވަރަކަށް ހުރި ތަންތަން މަށައިގެންގޮސް އަނިޔާ ލިބިފައި. މާބޮޑު އަނިޔާއެއް ނުލިބޭ ނަސީބަކުން،" އޭނާ ބުންޏެވެ.

ދޯނި އެންމެ ފަހުން ލޮކޭޓް ކުރެވިފައިވާ ސަރަހައްދު.

ދޯނި އެންމެ ފަހުން ލޮކޭޓް ކުރެވިފައިވާ ސަރަހައްދު.

އެ ދެ މީހުން ސަލާމަތްކޮށްގެން ފުރަތަމަ ގެންދިޔައީ ކާށިދުއަށެވެ. ފަހުން ލޯންޗުގައި އެ މީހުން ވަނީ މާލެ ގެނެސްފަ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި "ޖަންބޯ" ދޯނިން ދަތުރުކުރި ދެ މީހުން ހޯދުމުގެ މަސައްކަތުގައި ރެއިން ފެށިގެން ކޯސްޓްގާޑްގެ، ނޫރައްދީން ލޯންްޗް ހަރަކާތްތެރިވި އެވެ. މިއަދު ހެނދުނު އެމްއެންޑީއެފްގެ ޑޯނިއާ އެއާކްރާފްޓް ވެސް އެ ދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.