Roadha Mihaaru
ޕްލާސްޓިކް ފަޔާ އެކު ޝަވަން އަށް ހިނިތުންވުން

އެންމެ ފަޔަކާ އެކު ފުޓްބޯޅަ ކުޅުނު ޝަވަން ޕްލާސްޓިކް ފައެއް ޖަހައިފި

13 މެއި 2023

އެންމެ ފަޔަކާ އެކު ފުޓްބޯޅަ ކުޅޭތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، އެތައް ބައެއްގެ ސަމާލުކަމާއި ލޯބި ލިބުނު އުމުރުން ހަތް އަހަރުގެ ކުއްޖާ އާޓިފިޝަލް ފައެއް ޖަހައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެންމެ ފަޔަކާ އެކު ފުޓްބޯޅަ ކުޅޭތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ އެކު، އެތައް ބައެއްގެ ސަމާލުކަމާއި ލޯބި ލިބުނު އުމުރުން ހަތް އަހަރުގެ ކުއްޖާ އާޓިފިޝަލް ފައެއް ޖަހައިފި އެވެ.

ހދ. މަކުނުދު އަށް އުފަން އަހުމަދު ޝަވަން މުހައްމަދު އުފަންވި އިރު ވެސް ހުރީ އެންމެ ފައެކެވެ. ޝަވަންގެ ކަނާތު ފައި އިންނަނީ ކަކުލުހުޅާ ހިސާބަށެވެ. އެ ކުއްޖާ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ މަކުނުދޫ ސްކޫލްގެ އިންޓަހައުސް މުބާރާތެއްގައި ފުޓްބޯޅަކުޅޭ މަންޒަރު ފެނިފަ އެވެ.

ޝަވަންގެ ޕްލާސްޓިކް ފައެއް ޖަހާފައިވާ ފޮޓޯއެއް މިއަދު ސޯޝަލް މީޑިއާގައި އާންމުކުރުމާ އެކު މިހާރު ވެސް ގިނަ ބަޔަކު އަންނަނީ އެ ކުއްޖާ އަށް ތައުރީފު ކުރަމުންނެވެ.

ޝަވަންގެ މަންމަ އާއިޝަތު ވިޝާހު "މިހާރު" އަށް މިއަދު ބުނީ ދަރިފުޅުގެ ޕްލާސްޓިކް ފައި ޖެހީ މަހެއްހާ ދުވަސް ކުރިން އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލަކުން ކަމަށެވެ.

"ވަރަށް އުފާވެފައި ދަރިފުޅު ހުރީ. ބުނީ ކޮއްކޮ އަށް ވެސް މިހާރު އެހެން ކުދިންނެކޭ އެއްގޮތަށް ހިނގޭނެ ނޫންހޭ،" ވަރަށް އުފާވެފައި ހުރެ ޝަވަންގެ މަންމަ ވިޝާހު ބުންޏެވެ.

މި ވަގުތު ޝަވަން ޕްލާސްޓިކް ފައި ޖަހައިގެން އާންމުކޮށް ނުހިނގަ އެވެ. ޑޮކްޓަރުގެ ލަފާގެ މަތިން މިހާރު ޕްލާސްޓިކް ފައި ބޭނުންކުރަނީ ކޮންމެ ދުވަހެއްގެ އެއް ގަޑިއިރަށެވެ.

"އަންނަ މަހުގެ 12 އިގައި ޗެކަޕަކަށް އިންޑިއާ އަށް އެބަ ފުރަން. އޭގެ ފަހުން އެނގޭނީ. އެއް މަސް ފަހުން ޑޮކްޓަރަށް ދައްކަން އަންގާފައި އޮތީ. އަނެއްހެން ދަރިފުޅު އޯކޭ މިހާރު،" މަންމަ ބުންޏެވެ.

އާޓިފިޝަލް ފައެއް ޖެހުމަށް ޝަވަން ކުރިން ވެސް އިންޑިއާ އަށް ދިޔަ އެވެ. ހޮސްޕިޓަލުން ބުނީ ފައިގައި އެއް ސެންޓި މީޓަރު ބޭރަށް އިންނަ ކަށި ކޮޅު ނެގުމަށް ފަހު ފައެއް ޖަހައިދޭނެ ކަމަށެވެ. ނަމަވެސް ދަރިފުޅަށް އިތުރު ތަކްލީފެއް ދޭން ބޭނުން ނުވާތީ އޮޕަރޭޝަން ނުކޮށް އެ ފަހަރު އިންޑިއާ އިން އައީ ކަމަށް ޝަވަންގެ މަންމަ ވިޝާހު މީގެ ކުރިން "މިހާރު" އަށް ކިޔައިދީފައި ވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޝަވަން ފުޓްބޯޅަ ކުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް އާއްމު ވުމާއެކު، ޝަވަންއަށް ޕްރޮސްތެޓިކް ފައެއް ޖަހަން އެންސްޕާއިން އެހީވާން ވެސް ނިންމި އެވެ.

ޝަވަންގެ ޕްލާސްޓިކް ފައި މި ޖެހީ އޭގެ ފަހުން އެތައް ބައެއްގެ އެހީތެރިކަމާއި ސަރުކާރުގެ އެއްބާރުލުމާ އެކު ކަމަށް މަންމަ ބުންޏެވެ.

"ވަރަށް ގިނަ ބަޔަކު އެހީވި. ސަރުކާރުން ވެސް އެހީވެގެން މިކަން މިވީ،" މަންމަ ބުންޏެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފާހަގަކުރި ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ޝަވަން އަށް ރަނިން ބްލޭޑެއް (މަސްނޫއީ ފައެއް) ހަދިޔާ ކުރައްވައިފަ އެވެ. އަދި ޝަވަން އަކީ ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަށް ހެދުމުގެ އުންމީދުގައި އިންޑިއާ އަށް ފަރިތަކުރުމަށް ފޮނުވަން ނިންމާފައިވާކަން ހާމަ ކުރެއްވި އެވެ.