Roadha Mihaaru
ފެންވަރު ރަނގަޅު އީއެމްއެސްގެ ހިދުމަތް ޕޯސްޓް އޮފީހުން

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އީއެމްއެސްގެ ހިދުމަތް ދޭ އެއް ކުންފުންޏަށް މޯލްޑިވްސް ޕޯސްޓް

14 މެއި 2023

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެކްސްޕްރެސް މެއިލް ސާވިސް (އީއެމްއެސް) ގެ ހިދުމަތް ދޭ ޕޯސްޓަލް އޮޕަރޭޓަރުންނަށް ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އިން ދެމުން އަންނަ ގޯލްޑް އެވޯޑް މޯލްޑިވްސް ޕޯސްޓަށް ލިބިއްޖެ އެވެ.

ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެކްސްޕްރެސް މެއިލް ސާވިސް (އީއެމްއެސް) ގެ ހިދުމަތް ދޭ ޕޯސްޓަލް އޮޕަރޭޓަރުންނަށް ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އިން ދެމުން އަންނަ ގޯލްޑް އެވޯޑް މޯލްޑިވްސް ޕޯސްޓަށް ލިބިއްޖެ އެވެ.

މި އެވޯޑް މޯލްޑިވްސް ޕޯސްޓަށް ހަވާލުކުރީ ސްވިޓްޒަލޭންޑްގެ ބާން ގައި ބޭއްވި އީއެމްއެސް ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގަ އެވެ. މޯލްޑިވްސް ޕޯސްޓްގެ ފަރާތުން މި އެވޯޑާ ހަވާލުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.

އެންމެ ފެންވަރު ރަގަޅު އީއެމްއެސް ހިދުމަތްދޭ ފަރާތަށް ދޭ އެ އެވޯޑަކީ އީއެމްއެސް ހިދުމަތްދޭ 174 ގައުމުގައި ހިދުމަތްދޭ ފެންވަރަށް ބަލާ ރޭންކު ކޮށްގެން ދޭ އެވޯޑެކެވެ.

އީއެމްއެސްގެ ހިދުމަތް 2022 ވަނަ އަހަރު ދިން ފަރާތްތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޯސްޓަށް "ގޯލްޑް އެވޯޑް" ލިބިފައި ވާއިރު، 2019 އަދި 2021 ވަނަ އަހަރު އެކުންފުނިން ވަނީ "ބްރޯންޒް އެވޯޑް" ވެސް ހޯދައިފަ އެވެ.

އީއެމްއެސްގެ 2022ގެ ޕާފޯމަންސަށް މޯލްޑިވްސް ޕޯސްޓަށް ލިބިފައިވާ އެވޯޑު ހިމެނޭ ޕޯސްޓެއް

އީއެމްއެސްގެ 2022ގެ ޕާފޯމަންސަށް މޯލްޑިވްސް ޕޯސްޓަށް ލިބިފައިވާ އެވޯޑު ހިމެނޭ ޕޯސްޓެއް

ރާއްޖޭގެ އިތުރުން ގޯލްޑް އެވޯޑް ލިބިފައިވާ ގައުމުތަކުގެ ތެރޭގައި އަޒަރުބައިޖާން، މިޔަންމާ، އޯމަން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް ހިމެނެވެ. އަދި ގަތަރަށް ސިލްވާ އެވޯޑް ލިބިފައި ވާއިރު ބްރޯންޒް އެވޯޑަށް އެއްވެސް ގައުމެއް ހޮވިފައެއްނުވެ އެވެ.

މި ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައި އީއެމްއެސް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މެންބަރު ގައުމުތަކުން ދިނުމަށް ބޭނުންވާ ސްޓްރެޓެޖިކް ނިންމުންތައް ހުށަހަޅައި ފާސްކުރި އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕޯސްޓު މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް މިއަހަރުގެ ޖޫން މަހު ޖަޕާންގައި ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން - ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން ގުލޯބަލް ކޮންފަރެންސް އަދި ސެޕްޓެމްބަރު މަހު އިންޑޮނީޝިއާގައި ރީޖަނަލް އީއެމްއެސް ސިމްޕޯސިއަމްއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އީއެމްއެސް ޕާފޯމަންސް ގޯލްޑް އެވޯޑް ލިބުނު މޯލްޑިވްސް ޕޯސްޓްގެ ހެޑް އޮފް ޑެލިގޭޝަން، އެމެރޭޓްސް ޕޯސްޓް އަދި އޯމާން ޕޯސްޓްގެ ޑެލިގޭޝަން އެވޯޑާ އެކު. -- ފޮޓޯ: މޯލްޑިވްސް ޕޯސްޓް

އީއެމްއެސް ޕާފޯމަންސް ގޯލްޑް އެވޯޑް ލިބުނު މޯލްޑިވްސް ޕޯސްޓްގެ ހެޑް އޮފް ޑެލިގޭޝަން، އެމެރޭޓްސް ޕޯސްޓް އަދި އޯމާން ޕޯސްޓްގެ ޑެލިގޭޝަން އެވޯޑާ އެކު. -- ފޮޓޯ: މޯލްޑިވްސް ޕޯސްޓް

ދުނިޔޭގެ ފެންވަރުގައި ބާއްވާ އެ ފަދަ ބައްދަލުވުންތަކުގައި މޯލްޑިވްސް ޕޯސްޓްއިން ބައިވެރިވެ ޕޯސްޓްގެ ހިދުމަތްތައް ދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވި އެވެ.

އާދަމް މުހައްމަދު އިތުރަށް ވިދާޅުވީ މޯލްޑިވްސް ޕޯސްޓްގެ އަމާޒަކީ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށާއި މި އަހަރު ވެސް އީއެމްއެސް ޕާފޯމަންސް އަދި ކަސްޓަމާ ކެއާ އެވޯޑް ހާސިލްކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އީއެމްއެސް ވިއުގަ މެދުވެރިކޮށް ކޮންމެ ހަފްތާއަކު ވެސް އަށް މިލިއަނަކަށް ވުރެ ގިނަ އައިޓަމްތައް އެއް ގައުމުން އަނެއް ގައުމަށް ފޮނުވަމުން ދާއިރު، މުހިއްމު ލިޔެކިއުންތަކާއި ބޭހާއި، ސްޕެއާޕާޓް އަދި އާންމު ދިރުއުޅުމުގައި ބޭނުންކުރާ ތަކެތި އީއެމްއެސް މެދުވެރިކޮށް ރާއްޖެއަށް ވެސް އަންނަނީ އެތެރެ ކުރަމުންނެވެ.

މޯލްޑިވްސް ޕޯސްޓުން ދެމުން އަންނަ އީއެމްއެސް ހިދުމަތަކީ ރާއްޖެއިން ބޭރަށް ފޮނުވާ ތަކެތި ފޮނުވުމަށް އެންމެ އިތުބާރު ކުރެވޭ އަދި އެންމެ އަވަސް ހިދުމަތެވެ.

މި ހިދުމަތަކީ ހަރަދު ކުޑަ ހިދުމަތަކަށް ވާއިރު އެންމެ ގިނައިން ޕޯސްޓް ކުރާ މަންޒިލުތަކުގެ ތެރޭގައި ސިންގަޕޫރު، ޔޫއޭއީ، މެލޭޝިއާ، އޮސްޓްރޭލިއާ އަދި ސްރީ ލަންކާ ހިމެނެ އެވެ.

ނޯޓް: މިއީ މޯލްޑިވްސް ޕޯސްޓުގެ ޕްރޮމޯޝަނަލް އާޓިކަލްއެކެވެ.