Roadha Mihaaru
ގޭސްފުޅިއެއް ގޮވައި ފިހުނު މީހަކު އައިސީޔޫގައި

މަޑުއްވަރީގައި ގޭސްފުޅިއެއް ގޮވައި ފިހުނު މީހަކު އައިސީޔޫގައި

17 މެއި 2023

ރ. މަޑުއްވަރީގައި ގޭސްފުޅިއެއް ގޮވައި، ފިހުނު މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރ. މަޑުއްވަރީގައި ގޭސްފުޅިއެއް ގޮވައި، ފިހުނު މީހަކަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ރޭ ހިނގި އެ ހާދިސާގައި އަނިޔާވީ އެ ރަށު ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ އިންޑިއާ ނަރުހަކަށެވެ.

މަޑުއްވަރީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އޭނާ ގެންދިޔައީ އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެވެ.

އެ ހޮސްޕިޓަލުގެ ސީނިއާ ޕަބްލިކް ރިލޭޝަން އޮފިސަރު، ހަސަން ފަޒީލް "މިހާރު" އަށް ވިދާޅުވީ ފިހުނު މީހާ ރޭ ދަންވަރު 1:30 ހާއިރު ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ޑޮކްޓަރުންނާ ހަވާލާދީ ފަޒީލް ވިދާޅުވީ 36 އަހަރުގެ އެ މީހާ ހަށިގަނޑުގެ 45 ޕަސެންޓް ފިހިފައިވާ ކަމަށެވެ.

"ހާލު ސީރިއަސް ކަމަށް ޑޮކްޓަރުން ވިދާޅުވަނީ. އައިސީޔޫގައި މިހާރު އޮތީ. އަދި މާލެ ގެންދިއުމަށް ވުރެ ބޮޑަށް މިކޮޅުން ކުރެވެން ހުރި ކަންކަން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.

އެ ހާދިސާ ހިނގީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ގޭސް ލީކުވެގެން ހިނގާ އަލިފާނުގެ ހާދިސާތަކުގައި އެތައް ބަޔަކަށް ވަނީ ބޮޑެތި އަނިޔާތައް ވެފަ އެވެ. މިދިޔަ އަހަރު ރ. އިނގުރައިދޫގައި ހިނގި މިފަދަ ހާދިސާއެއްގައި މީހަކު މަރުވެފައި ވެސް ވެ އެވެ.