Roadha Mihaaru
ޗައިނާގެ ކާރުޚާނާއެއްގައި ރޯވެ 38 މީހުން މަރުވެއްޖެ

ޗައިނާގެ ކާރުޚާނާއެއްގައި ރޯވެ 38 މީހުން މަރުވެއްޖެ

22 ނޮވެމްބަރ 2022

ޗައިނާގެ ކާރުޚާނާއެއްގައި ރޭ އިރާކޮޅު ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 38 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ޗައިނާގެ ކާރުޚާނާއެއްގައި ރޭ އިރާކޮޅު ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 38 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ޗައިނާގެ ރަސްމީ ނޫސް އޭޖެންސީން ބުނި ގޮތުގައި އެ ކާރުޚާނާގައި އަލިފާން ރޯވި ހާދިސާގައި މިހާތަނަށް މަރުވި މީހުންނާއި ޒަޚަމްތަކަކާ އެކު ސަލާމަތް ކުރެވުނު މީހުންގެ އަދަދާއި އެ ކާރުޚާނާގައި އެ ވަގުތު ތިބި މީހުންގެ އަދަދަށް ބަލާއިރު، ދެތިން މީހަކު މަދުކަން ވަނީ ފާހަގަކުރެވިފަ އެވެ. އަލިފާން ރޯވީ ކާރުޚާނާގެ ރަސްމީ މަސައްކަތް ބަންދު ވަގުތެއްގައި ކަމަށް ވިޔަސް، އެ ވަގުތު ކާރުޚާނާގެ ތެރޭގައި ކޮންމެވެސް އަދަދަކަށް މީހުން ތިބި ކަމަށްވެ އެވެ.

ޗައިނާ ފުލުހުން ބުނި ގޮތުގައި މިހާތަނަށް ހޯދުންތަކުން ބުރަވެވެނީ ކާރުޚާނާގައި އަލިފާން ރޯވީ ސަލާމަތީ މިންގަނޑުތަކަށް ބެލުމެއް ނެތި، ކާރުޚާނާގެ އެތެރޭގައި ވެލްޑިންގެ މަސައްކަތެއް ކުރުމުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން މިހާތަނަށް ލިބެން ހުރި މައުލޫމާތަށް ބަލައި، އެކަމާ ގުޅުން ހުރި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޗައިނާގެ، އަލިފާން ނިއްވާ އިދާރާ އިން ބުނި ގޮތުގައި ކާރުޚާނާގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ހަތް ގަޑިއިރު ވަންދެން މެދުނުކެނޑި ކުރި ބުރަ މަސައްކަތުންނެވެ.

ޗައިނާއަކީ ސަލާމަތީ މިންގަނޑުތަކާ ޚިލާފުވުމުގެ ސަބަބުން، ސިނާއީ މަސައްކަތްތެރިކަމުގެ ދާއިރާގައި ގިނަ އަދަދެއްގެ ހާދިސާތައް ހިނގައި ގިނަ ބައެއްގެ ފުރާނަ ގެއްލޭ ކަމަށް ރެކޯޑް ކުރެވިފައިވާ ގައުމެކެވެ. އެ ގޮތުން ޗައިނާގެ އުތުރު ބަނދަރު ސަހަރެއްކަމަށްވާ ޓިއަންޖިންގައި ހުރި ކެމިކަލް ގުދަނެއްގައި، 2015 ވަނަ އަހަރު ހިނގި އަލިފާން ރޯވުމުގެ ހާދިސާގައި 173 މީހަކު ވަނީ މަރުވެފަ އެވެ.

އޭގެ އިތުރުން މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ޗައިނާގެ އިރުއުތުރު ސަހަރެއް ކަމަށްވާ ޝެންޔަންގްގައި ހުރި ރެސްޓޮރެންޓެއްގައި ބާރު ގަދަ އެއްޗެއް ގޮވުމުގެ ހާދިސާއެއް ހިނގައި ތިން މީހަކު މަރުވެ 30 އަށް ވުރެ ގިނަ މީހުން ޒަޚަމްވި އެވެ. އަދި މިއަހަރުގެ ޖޫން މަހު ޝަންހާއީގައި ކެމިކަލް ކާރުޚާނާއެއްގައި އަލިފާން ރޯވެ އެކަކު މަރުވި އެވެ.