Roadha Mihaaru

އިމުގެ މައްސަލަ ސިޔާސީ ނުކޮށް، އިސްތިއުނާފް ކުރޭ: އެމްއާރްއެމް

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ކަނޑުގެ އިމުގެ މައްސަލަ ސިޔާސީ ނުކޮށް، އެ މައްސަލަ އިސްތިއުނާފު ކުރަން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން މިއަދު ގޮވާލައިފި އެވެ.

"އިމުގެ މައްސަލަ ސިޔާސީ ނުކޮށް، އިސްތިއުނާފް ކުރޭ"
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

17 މެއި 2023

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ކަނޑުގެ އިމުގެ މައްސަލަ ސިޔާސީ ނުކޮށް، އެ މައްސަލަ އިސްތިއުނާފު ކުރަން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން މިއަދު ގޮވާލައިފި އެވެ.

ކަނޑުގެ އިމުގެ މައްސަލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީ (އިޓްލޮސް) އިން މިދިޔަ މަހު ނިންމާފައި ވަނީ މައްސަލަ އުފެދުނު ސަރަހައްދު ދެ ގައުމުގެ މެދުގައި ބަހާލާށެވެ. އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ޕާޓީތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ނަމަވެސް ސަރުކާރާއި ބައެއް އެހެން ގާނޫނީ ބޭފުޅުން ވިދާޅުވެފައިވާ ގޮތުން ވިސްނުމުގައި އެއީ މި ވަގުތަށް ނިންމޭނެ އެންމެ ރަނގަޅު ނިންމުމެވެ.

އެކަމާ ގުޅިގެން އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަކީ ޒަމާނުއްސުރެ ދިވެހިންނަށް ލިބެމުންދިޔަ އިގްތިސާދީ އެތައް ފައިދާތަކަކަށް އުނިކަން ލިބިގެން ދާނެ ނިންމުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެހެންވެ، އިޓްލޮސްގެ ނިންމުން އިސްތިއުނާފްކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް މައްސަލަ ހުށަހެޅުމަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެހެން ނަމަވެސް އެ މައްސަލާގައި ވަކި ބަޔަކު ސިޔާސީ މަގުސަދު ހާސިލް ކުރުމަށް މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި މިއީ ސިޔާސީ މައްސަލައަކަށް ނުވާ ނަމަވެސް ސިޔާސީ މައްސަލައަކަށް ހެދުމަށް ބަޔަކު މަސައްކަތް ކުރަމުން އަަން ކަމަށް އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ.

"ރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ހާއްސަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ލިބިދީފައިވެ އެވެ. އަދި މީގެކުރިން ދިވެހި ދައުލަތުން މި ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްވެސް ފަރާތަކާ އެއްބަސްވެ ސޮއިކޮށްފައެއް ނެތެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން މޮރިޝަސްއަށް ޗާގޯސް އައިލެންޑްސް ދިނުމާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނުމަށްފަހު އެ ސިޔާސަތު ބަދަލުކޮށް، ދިވެހި ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގެ ހަގީގަތް ރައްޔިތުންނަށް ހާމަ ނުކުރުމަކީ ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭނެ ކަމެކެވެ.

ރާއްޖޭގެ ސިޔާދަތީ ހައްގަކަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ނިންމުމަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަަމަށާއި ސަރުކާރުން އެފަދަ އެއްވެސް ނިންމުމެއް ނިންމާފައިވާނަމަ އެ ނިންމުމެއް ބަދަލު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.