Roadha Mihaaru
2023: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!

އިންތިހާބު އަހަރުގެ ފުރޮޅުންތައް: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!

01 ޖެނުއަރީ 2024

ސިޔާސީ ވާދަވެރިކަމުގައި ލީޑަރުންގެ ތަޅާފޮޅުމެވެ. ބާރުވެރިކަން ހޯދަން ބޮޑު ދެ ފިކުރު ރޫޅައި ބައިބައިކޮށްލުމެވެ. އަމިއްލަ މަސްލަހަތަށް ވުރެން ގައުމު އިސްކުރަން ފަސްޖެހުނު ނިންމުންތަކެވެ؛ ސިޔާސީ މައިދާން ހަލަބޮލިކޮށްލި މައިގަނޑު މި ކަންކަމާ އެކު އަހަރު ނިމުނީ ސިޔާސީ ބާރުވެރިކަން ފުރޮޅި ބޮޑު ބަދަލަކުންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސިޔާސީ ވާދަވެރިކަމުގައި ލީޑަރުންގެ ތަޅާފޮޅުމެވެ. ބާރުވެރިކަން ހޯދަން ބޮޑު ދެ ފިކުރު ރޫޅައި ބައިބައިކޮށްލުމެވެ. އަމިއްލަ މަސްލަހަތަށް ވުރެން ގައުމު އިސްކުރަން ފަސްޖެހުނު ނިންމުންތަކެވެ؛ ސިޔާސީ މައިދާން ހަލަބޮލިކޮށްލި މައިގަނޑު މި ކަންކަމާ އެކު އަހަރު ނިމުނީ ސިޔާސީ ބާރުވެރިކަން ފުރޮޅި ބޮޑު ބަދަލަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތާ އެކު ވެރިކަމުގައި ދެމިއޮތް އެމްޑީޕީން އަހަރު ފެށިއިރު ކުރިއަށް ނެރުނު ވިސްނުމަކީ ފަސޭހައިން ރިޔާސީ ކާމިޔާބުކޮށް ދެވަނަ ދައުރެއް ކަށަވަރުކުރުމެވެ. ޕާޓީގެ އެތެރޭގެ ބައިބައިވުމާއި ހަމަނުޖެހުން ނާކާމިޔާބުގެ އަސްލަކަށް ވެދާނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެ އެވެ.

އިދިކޮޅު ކޯލިޝަން ޕީޕީއެމާއި/ޕީއެންސީއަށް ސިޔާސީ މިސްރާބު ސާފު ނުވެ, ބަލިކަށިވެފައި އޮތުމަކީ ވެސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އެމްޑީޕީން ހިސާބު ޖެހި ސަބަބެކެވެ.

އެކަމަކު ރައްޔިތުން ނިންމި ގޮތް ސާފުވިއިރު، އެމްޑީޕީއަށް ވެރިކަން ގެއްލި ޕާޓީގެ މިސްރާބު އޮތީ މަގުން ކައްސާލައިފަ އެވެ. ގޯސްތަކުގެ މައްޗަށް ސިޔާސީ ބާރުވެރިކަން އިސްކޮށްގެން ތިބުމުގެ ނަތީޖާއަކީ ސަރުކާރާ ދެކޮޅަށް އިދިކޮޅުން ކުރި މަސައްކަތްތަކަށް އާދަޔާޚިލާފު ކާމިޔާބީއެއް ލިބުމެވެ.

ސިޔާސީ ލީޑަރެއްގެ ތާރީޚީ މޮޅު, ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވީ ރައްޔިތުން ތަޖުރިބާކޮށްފައި ތިބި ހުރިހާ ލީޑަރުންގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އެމަނިކުފާނު ހޯއްދެވި ކާމިޔާބީގެ ފަހަތުގައި އޮތީ ގައުމު އިސްކުރައްވަން ރައްޔިތުންނަށް ދެއްވި ޔަގީންކަމެވެ.

މުހިއްމު ތާރީހްތައް: ވާދަވެރި ރިޔާސީ ޕްރައިމަރީ

ރިޔާސީ އިންތިހާބާ ހަމައަށް ސިޔާސީ މަސްރަހުގައި ހިނގާނެ ކަންކަން ލަފާކޮށްލަން ލިބުނު އެއް ކަމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެވެ.

ސިޔާސީ މަސައްކަތް އެކުގައި ކުރެއްވި ދެ ލީޑަރުން, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި މަގްބޫލް ލީޑަރަކު ހޮވުމެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ނިންމާލުމުގެ ހިނގާލުން-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ނިންމާލުމުގެ ހިނގާލުން-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު

ބޮޑެތި ތުހުމަތުތަކާ އެކު ކުރިއަށް ދިޔަ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ނަޝީދު ބަލި ގަބޫލު ނުކުރެއްވީ އެވެ. ސަބަބަކަށް ދެއްކީ އެމްޑީޕީގައި ތިބި އެމަނިކުފާނަށް ތާއީދުކުރާ 39,000 މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ގެއްލުވާލައި ޕްރައިމަރީ އޮޅުވާލުމެވެ. މި މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު ހުކުމް އައީ ޕްރައިމަރީ ބާތިލްކުރާނެ ސަބަބެއް ނެތް ކަމަށެވެ.

އެމްޑީޕީ ދެ ފަޅިކޮށް "ފިކުރެއްގެ ދިރުން" އުފަންކުރި!

ޕްރައިމަރީގެ ނަތީޖާއާ އެކު ނަޝީދު އިއުލާން ކުރެއްވީ ސިޔާސީ ވަކި ހަރަކާތެކެވެ. އިބޫއާ ދެކޮޅަށް ސިޔާސީ މަސައްކަތް ޕާޓީ ތެރެއިން ކުރުމުގެ މަގެއް ހޯއްދެވީ އެވެ.

ނަޝީދު އުފެއްދެވި ސިޔާސީ ހަރަކާތް "ފިކުރެއްގެ ދިރުމުން" އެމްޑީޕީއަށް ކުރިމަތިކުރުވީ ސިޔާސީ ގޮތުން އުނދަގޫ ހާލަތެކެވެ. އެ ހަރަކާތް ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ރަޖިސްޓްރީކޮށް އެމްޑީޕީ ނާކާމިޔާބުކޮށްލަން އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުނެވެ.

ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް ހުންނެވި ނަޝީދު, 2008ގެ ފަހުން ބޭއްވި ރިޔާސީ އިންތިހާބެއްގައި ފުރަތަމަ ފަހަރަށް ވާދަނުކުރައްވަން ނިންމެވުން ވެސް ވީ ސިޔާސީ ގޮތުން ޝައުގުވެރިވި ނިންމުމަކަށެވެ. އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދެއްކެވި ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޔާމީނަށް ދޮރު ބަންދުވުން!

އެމްޑީޕީ ބަލިކޮށްލަން ޑިމޮކްރެޓްސް ވުޖޫދުވެ ހަމަޖެހިލިއިރު އޭރު އެންމެ އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ސިޔާސީ ކުރިމަގު އޮތީ ސުވާލެއްގެ ތެރޭގަ އެވެ.

އިދިކޮޅު ކޯލިޝަން ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން އިސްވެ އާއްމު މެމްބަރުންނާ އެކު ފަސް އަހަރު މަގުމަތީގައި ހޭދަކުރީ ޔާމީން މިނިވަންކުރަން ގޮވާލަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އިންތިހާބުގައި ވާދަކުރައްވަން ގާނޫނީ ހުރަސްތަކެއް ހުއްޓަސް ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވި އެވެ.

އެ ނިންމުމަށް ބާރުދިނީ ޔާމީނަށް ވާދަނުކުރެވޭނެ ހާލަތެއް ނާންނާނެ ކަމަށް ލީޑަޝިޕުން ވިދާޅުވެ އެވެ. އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ފަހު އުއްމީދަކަށް އޮތީ ސުޕްރީމް ކޯޓެވެ. އެންމެ މަތީ މަރުހަލާގެ ކޯޓުގެ ހުކުމް ވެސް އައީ އެމަނިކުފާނާ ދެކޮޅަށެވެ. އިންތިހާބުގައި ވާދަކުރައްވަން ޝަރުތު ހަމަނުވާ ކަމަށެވެ.

އިންތިހާބު ބޮއިކޮޓްކުރުމުގެ ވިސްނުން!

އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވޭނެ ކަން ކަށަވަރުވުމުން އެމަނިކުފާނު ވިސްނެވުން ގެންގުޅުއްވީ އިންތިހާބުގައި ޕީޕީއެމާއި ޕީއެންސީން ވާދަނުކޮށް ބޮއިކޮޓްކުރުމަށެވެ.

އެކަމަކު އެމަނިކުފާނުގެ ހައްގުގައި ފަސް އަހަރު މަގު މަތީގައި އަޑު އުފުލައި ކުރި މަސައްކަތާއި ސަރުކާރު ޖަވާބުދާރީ ކުރުވަން ޕާޓީގެ މެމްބަރުން ވީ ގުރުބާނީގެ އަގަކީ އަނެއް ފަސް އަހަރު ވެސް މަގުމަތީގައި ތިބުން ކަމަކަށް ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންނަށް ގަބޫލު ނުކުރެއްވުނީ އެވެ.

ދެ ޕާޓީގެ ސެނެޓަށް ހުށަހަޅައި ތާއީދު ލިބުނީ އިންތިހާބުގައި ވާދަކުރުމަށެވެ. ގޮތް ދޫކުރައްވަން ޔާމީނަށް މަޖުބޫރުވެވަޑައިގަތުމުން ޕީޕީއެމްގެ ބަދަލުގައި ޕީއެންސީގެ ކެންޑިޑޭޓަކު ނެރެން އެދިވަޑައިގަތީ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަށަވަރުކުރެއްވީ މަޑުވައްރީ ދާއިރާގެ މެމްބަރަކަށް ހުންނެވި މިހާރުގެ މިނިސްޓަރު އާދަމް ޝަރީފްއާ ވާދަކުރައްވަ އެވެ.

އެމްޑީޕީ ބަލިކުރަން އެއް ކެންޑިޑޭޓަކު ނުނެރެވުނު!

ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީއަށް ފަހު ދެން އޮތީ އެއް ކެންޑިޑޭޓަކު ނެރެގެން އެއް ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ސިޔާސީ ލީޑަރުން ގެންގުޅުއްވި ވިސްނުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކޮށްލަން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާ ހިނގީ ޖޭޕީ އާއި ޑިމޮކްރެޓްސް އާއި އެމްއެންޕީ ލީޑަރުންގެ މެދުގަ އެވެ.

އެކަމަކު ރިޔާސީ ރޭހަށް ކެންޑިޑޭޓުން ނެރުނު މި ތިން ޕާޓީއަށް އެއްގަލަކަށް ނޭރި އެންމެ ފަހުން މަޝްވަރާތައް ނާކާމިޔާބު ވާދަކުރަން ޖެހުނީ ވަކިވަކިންނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ފެނުނީ ރާއްޖޭގައި އަދިވެސް ތާއީދު އޮތީ ދެ ފިކުރުގެ މައްޗަށް ކަމެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ އެވެ.

އިންތިހާބުތައް ކާމިޔާބު ކުރުމުގައި ބޮޑު ހިއްސާއެއް ކުރިން އޮންނަ ޖުމްހޫރީ ޕާޓީ ފެނުނީ އާދަޔާ ޚިލާފަށް ތާއީދު ގެއްލިފައި އޮތް ތަނެވެ.

ކުރު މުއްދަތަކުން އާދަޔާ ޚިލާފު ކާމިޔާބީއެއް

ކެމްޕޭން ކުރައްވާކަށް މާ ގިނަ ވަގުތެއް ލިބިވަޑައެއް ނުގަންނަވަ އެވެ. ރިޔާސީ ޓިކެޓް ކަށަވަރުވެ އިންތިހާބާ ދެމެދު އޮތް ކުރު މުއްދަތުގެ ތެރޭގައި ދެ ޕާޓީގެ ލީޑަޝިޕާއެކު ރަށްރަށަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތީ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅު ކުރުމުގެ މުހިއްމު ގިނަ ވައުދުތަކެކެވެ. ގޯސްކޮށް ހިނގި ކަންކަން ބަދަލުކުރައްވާނެ ކަމުގެ ޔަގީން ކަމެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަޕޯޓަރުންނާ އެކު.

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަޕޯޓަރުންނާ އެކު.

އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ވެސް ދެއްކީ ކުރީގެ ރައީސް އިބޫގެ މައްޗަށް ރައީސް މުއިއްޒު މާބޮޑު ތަނުން ކުރި ހޯއްދަވާފައި އޮތް ތަނެވެ. ފުރަތަމަ ބުރުގައި ރައީސް މުއިއްޒަށް 46 ޕަސެންޓް ލިބިވަޑައިގަތް އިރު ރައީސް އިބޫއަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ. ދެ ވަނަ ބުރު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވީ 54 ޕަސެންޓުންނެވެ.

ޔާމީން ޕީޕީއެމްއާ ވަކިވެ އާ ޕާޓީއެއް އުފެއްދުން

ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ޕީޕީއެމާއި ޕީއެންސީގެ އެންމެ އިސް މަގާމަށް ވަޑައިގަތުން ވީ ޔާމީނަށް ސިޔާސީ ގޮތުން ކުރިމަތިވެވަޑައިގަތް ގޮންޖެހުމަކަށެވެ. އެމަނިކުފާނަށް އޮތީ ޕީޕީއެމް ގެއްލުމުގެ ބިރެވެ. ޕާޓީގެ ލީޑަޝިޕަށް އެންގެވުމެއް ނެތި ބައެއް ނިންމެވުންތައް ނިންމަވަން ފެއްޓެވިޔަސް އެއްބާރުލުމެއް ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން ލިބިވަޑައިނުގަތީ އެވެ.

އެހެންވެ ނިންމެވީ ޕީޕީއެމުން ވަކިވެ އަމިއްލަފުޅަށް އާ ޕާޓީއެއް އުފެއްދެވުމަށެވެ. ޕާޓީއަށް 3,000 ހަމަކޮށް ދެ ހަފުތާއެއްހާ ތެރޭގައި ރަޖިސްޓްރީކުރަން މަސައްކަތް ކުރިއަސް އެކަން ވަނީ ދިގުލައިގެން ގޮސްފަ އެވެ. ޕީއެންއެފްގެ ނަމުގައި ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަސް އަހަރު ނިމުނު ޕާޓީއަށް ގާނޫނީ ހައިސިއްޔަތެއް ނުލިބެ އެވެ.

މަޖިލިސް ހުއްޓި، ނަޝީދު އިސްތިއުފާ ދެއްވުން!

ރިޔާސީ އިންތިހާބަށް ފަހު ދެން ފެށުނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނަޝީދު ދުރުކުރަން އެމްޑީޕީން ކުރި މަސައްކަތާ އެކު މަޖިލިސް ހަލަބޮލިވުމެވެ. ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި ގަރާރު ފަސް ފަހަރަށް އެޖެންޑާ ކުރި އެވެ. އެކަމަކު އެ މައްސަލަ ނުހިނގައި މަޖިލިސް ހުއްޓިފައި އޮތުމަށް ފަރުވާ ހޯދަން ޖެހުނީ ސުޕްރީމް ކޯޓުންނެވެ.

ސިޔާސީ މައްސަލަތަކަށް ކޯޓުން ފަރުވާ ހޯދުމަކީ މަޖިލީހަށް އިތުރު ގެއްލުމެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު އިސްތިއުފާ ދެއްވީ އެވެ.

ވެރިކަން ބަދަލުވުމަށް ފަހު ގާނޫނު ހަދާ ބާރުގެ ރިޔާސަތު ވެސް ބަދަލުވެ އަހަރު ނިމުނީ އެވެ. ސިޔާސީ ކަންކަން ތަރުތީބުވެ މި އަހަރަށް ނިމި އަހަރު ފަށައިގަންނަން އޮތީ އަނެއްކާވެސް ހަލަބޮލި އިންތިހާބަކުންނެވެ.