Roadha Mihaaru
ޓީސީން ގޯލުތަކެއް ޖެހިއަސް އީގަލްސް ޕޮއިންޓެއް ހޯދައިފި

ޓީސީ އިން ގޯލު ޖެހޭކަން ދައްކާލިއަސް އީގަލްސް ޕޮއިންޓެއް ހޯދައިފި

18 މެއި 2023

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބުން އެ ޓީމަށް ގޯލު ޖެހޭކަން ދައްކާލިއަސް ކްލަބް އީގަލްސް އިން ފަހުވަގުތު 4-4 އިން މެޗު އެއްވަރު ކޮށްލައިގެން ޕޮއިންޓެއް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބުން އެ ޓީމަށް ގޯލު ޖެހޭކަން ދައްކާލިއަސް ކްލަބް އީގަލްސް އިން ފަހުވަގުތު 4-4 އިން މެޗު އެއްވަރު ކޮށްލައިގެން ޕޮއިންޓެއް ހޯދައިފި އެވެ.

އީގަލްސް އަކީ ސީޒަނަށް އެންމެ ބޮޑަށް ސްކޮޑް ވަރުގަދަ ކުރި ދެ ޓީމުގެ ތެރެއިން ޓީމެކެވެ. ލީގުގައި ފުރަތަމަ ދެ މެޗު ނިމުމުރިއިރު ހުރިހާ މެޗަކުން މޮޅުވި ތިން ޓީމުގެ ތެރޭގައި ވެސް އީގަލްސް ހިމެނެ އެވެ.

މަދު ޕްރެކްޓިސްތަކަކާ އެކު ސީޒަނާ ކުރިމަތިލި ޓީސީ ސްޕޯޓްސް ކްލަބުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ކްލަބް ވެލެންސިއާ ބަލިކޮށްފަ އެވެ. ނަމަވެސް ދެވަނަ މެޗުގައި އެ ޓީމު ބަލިވީ ލީގުގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކްލަބު އަތުންނެވެ.

ޓީސީގައި މުޅިން ވެސް ހިމެނެނީ މިދިޔަ ސީޒަންގައި އެ ޓީމުން ފެނުނު ކުޅުންތެރިންނެވެ. ގިނަ ދުވަހު އެކުގައި ކުޅެފައިވާ ކުޅުންތެރިން ކަމަށް ވުމާ އެކު ރަނގަޅު ކުޅުމެއް ދައްކަމުން އަޔަސް އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކަށް ވެފައި ވަނީ ގޯލު ޖަހަން ލިބޭ ފުރުސަތުތަކުގެ ބޭނުން ނުކުރެވޭ ކަމެވެ. އެކަމަކު އީގަލްސް އާ ދެކޮޅަށް ނުކުންނަނީ ގޯލުތަކެއް ޖަހަން ކަމަށް، މެޗުގެ ކުރިން އެ ޓީމުގެ ކޯޗު އަހުސަން ރަޝީދު (ޗޭ) ބުންޏެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ އީގަލްސް އެވެ. ހަތްވަނަ މިނިޓުގައި އެ ޓީމުން ލީޑު ނެގީ އަހުމަދު ރިޒުވާން (ރިޒޭ) ޖަހައިދިން ގޯލުންނެވެ. ރިޒޭ މި ގޯލު ޖެހީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ސައްޕު ޖަހައި ކުރިއަށް ފޮނުވާލި ބޯޅަ އިވާން ކާލޯސް ބޮލުން ޖައްސައި ތަނަވަސް ކުރި ފުރުސަތަކުންނެވެ.

އީގަލްސް އިން ފުލުފުލުގައި އެޓޭކް ކުރި ނަމަވެސް ޓީސީ އިން ވަނީ ލިބޭ ފުރުސަތުތަކުގައި އީގަލްސް އަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ޓީސީ އިން ނަތީޖާ އެއްވަރު ކުރީ 18 ވަނަ މިނިޓުގައި އިބްރާހިމް ސާދު ނިޒާރު ޖަހައިދިން ގޯލުންނެވެ. އޭނާ މި ގޯލު ޖެހީ އިބްރާހިމް އަބްދުލްވާހިދު (ވާޑު) އަރިމަތިން ނަގައިދިން ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ ބޮލުން ޖަހައެވެ.

މެޗުގެ 22 ވަނަ މިނިޓުގައި ވާޑު ނަގައިދިން ކޯނަރެއްގެ އެހީގައި އެ ޓީމަށް ލީޑު ނަގައިދިނީ ހައިސަމް ރަޝީދެވެ. އޭނާ ގޯލު ޖެހީ ވާޑުގެ ކޯނަރު ކީޕަރު ޝަފީއު އަތުގައި ޖެހިފައި ގޯލު ކުރިމައްޗަށް ވެއްޓުނު ބޯޅަ އެއްފަހަރުން ޖަހައި ގޯލަށް ފޮނުވާލައިގެންނެވެ. ނަމަވެސް 25 ވަނަ މިނިޓުގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ނަގައިދިން ކޯނަރެއް ބޮލުން ޖަހައި އީގަލްސް އަށް ނަތީޖާ އެއްވަރު ކޮށްދިނީ ކާލޯސް އެވެ.

ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ޓީސީ އިން އަލުން ލީޑު ނެގީ އީގަލްސް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މިއީ ޒަޔާން ނަސީރު ބޯޅަ ހިފައިގެން އީގަލްސްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ތެރެއަށް ވަންނަން ދަނިކޮށް އީގަލްސްގެ ލަމާން ޒުހެއިރު އޭނާއަށް ހުރަސް އަޅަން އުޅުމުގެ ތެރޭގައި ގޯލަށް ވަން ބޯޅައެކެވެ.

ޓީސީގެ ހަތަރު ވަނަ ގޯލު 57 ވަނަ މިނިޓުގައި ޖަހައިދިނީ އައިހަމް ހަމްދޫން (އައިހަމްސްކީ) އެވެ. ވާޑު ނަގައިދިން ހުރަހެއް އީގަލްސްގެ ޑިފެންޑަރު އަސްކާބެކް ސަލިއެވް ބޮލުން ކްލިއާ ކުރަން ޖައްސާލި ލުމުން އޭރިއާ ތެރެއަށް ވެއްޓެން ދިޔަ ބޯޅަ އައިހަމް ގޯލަށް ފޮނުވާލީ ފުންމައިގެން އަރައި އޯވާހެޑް ކިކަކުން ޖަހައެވެ.

އީގަލްސް އިން ނަތީޖާ އެއްވަރުކުރީ ފަހު 13 މިނިޓު ތެރޭ ދެ ގޯލު ޖަހައިގެންނެވެ. މެޗުގެ 77 ވަނަ މިނިޓުގައި އީގަލްސް އިން ފަރަގު ކުޑަ ކުރީ ފޭދޫ އިއްބެ އޭރިއާ ތެރެއަށް ވަދެ ހުރަސްކޮށްލި ބޯޅަ ގޯލުތެރެއަށް ފޮނުވާލައިގެން ރިޒޭ އެވެ. އަދި އޭގެ 10 މިނިޓު ފަހުން ނަތީޖާ އެއްވަރު ކުރީ ފޭދޫ އިއްބެ ޖަހައިދިން ގޯލުންނެވެ. އޭނާ އެއްވަރު ކުރީ ޒައިން ޒަފަރު ފޮނުވާލި ބޯޅަ ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު ގޯލު ކުރިމަތީ ހުސްކޮށް ހުރެ ގޯލަށް ފޮނުވާލައިގެންނެވެ.

ފޭދޫ އިއްބެ ވަނީ ލީގުގައި ކުޅުނު ތިން މެޗުން އީގަލްސް އަށް ގޯލެއް ޖަހައިދީފަ އެވެ. ރިޒޭ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. މިއަދުގެ މެޗުގައި ޖެހި ދެ ގޯލާ އެކު އޭނާ ޖެހި ގޯލުގެ އަދަދު ވަނީ ފަހަކަށް އަރައިފަ އެވެ.

ދިވެހި ޕްރިމިއާ ލީގު ފެށީ 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވީއްސުރެން ޓީސީ އާއި އީގަލްސް އަކީ ވާދަވެރި ދެ ޓީމެވެ. ވޭތުވެ ދިޔަ ދެ ސީޒަނުގައި ޓީސީގެ ނަތީޖާތައް އާދައިގެ ގޮތަކަށް ހުރި ނަމަވެސް އޭގެ ކުރިން ކޮންމެ ސީޒަނަކުހެން ލީގު ޗެމްޕިއަނާ އެންމެ ކައިރިން ވާދަކުރާ ދެ ޓީމަކަށް އީގަލްސް އާއި ޓީސީ ވާނެ އެވެ. ޓީސީ އިން 2018 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބު ކުރި އިރު ލީގުގެ ދެވަނައިގައި އީގަލްސް އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އޮތީ އޭގެ ފަހަތުގަ އެވެ.