Roadha Mihaaru
ނިއުކާސަލް ޗެމްޕިއަންސް ލީގު ހުވަފެން ހަގީގަތަކަށްހަދަނީ

ނިއުކާސަލް އިން ޗެމްޕިއަންސް ލީގު ހުވަފެން ހަގީގަތަކަށް ހަދަނީ

19 މެއި 2023

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-4 އިން ބްރައިޓަން ބަލިކޮށް ނިއުކާސަލް ޔުނައިޓެޑް އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 1-4 އިން ބްރައިޓަން ބަލިކޮށް ނިއުކާސަލް ޔުނައިޓެޑް އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

ލީގުގައި ބާކީ އޮތް ދެ މެޗުގައި ނިއުކާސަލް ވާދަކުރާނީ ލެސްޓާ ސިޓީ އަދި ޗެލްސީއާ އެވެ. ދެ މެޗުން އެއް މޮޅު ހޯދައިގެން ނިއުކާސަލް އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ.

ނިއުކާސަލް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނީ 2003/2004 ވަނަ ސީޒަނުގަ އެވެ. އެފަހަރު ކޮލިފައިން ބުރުން ނިއުކާސަލް ކެޓީ އެވެ.

މެޗަށް ފަހު ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ ޗެމްޕިއަންސް ލީގުގެ ވާހަކަ ދައްކާނީ ޖާގަ ކަށަވަރުވުމުން ކަމަށާއި އެކަމަކު އޭނާގެ ޓީމު އޮތީ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދުމާ ގާތުގައި ކަމަށެވެ.

"ޓީމުން ދެއްކި ކުޅުމާ މެދު އަހަރެން އުފާކުރަން. ޗެމްޕިއަންސް ލީގުގެ ވާހަކަ ދައްކާނީ އެކަން ވީމަ. ނޫސްވެރިން ބޭނުންވާނަމަ މަޖަލަށް އަހަރެން އެވާހަކަ ދައްކަފާނަން" މުހިއްމު މޮޅަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުންޏެވެ.

މެޗުގައި ނިއުކާސަލްގެ ގޯލުތައް ކާމިޔާބު ކޮށްދިނީ ކެލަމް ވިލްސަން އާއި ޑެން ބާންގެ އިތުރުން ބްރޫނޯ ގިމަރޭސް އެވެ. ނިއުކާސަލްގެ ފުރަތަމަ ގޯލަކީ ބްރައިޓަންގެ ޑެނިޒް އުންޑެވް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގައި ވިލްސަން ވަނީ ދެ ގޯލު ޖަހައި ފަހު ގޯލު ޖަހަން ގިމަރޭސް އަށް އެހީތެރިވެފަ އެވެ. ބްރައިޓަންގެ ހަމައެކަނި ގޯލު ދެ ވަނަ ހާފުގައި ޖެހީ އުންޑެވް އެވެ.

ނިއުކާސަލް މިހާރު ތިން ވަނައިގައި އޮތީ 36 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 35 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އުއްމީދު ކުރަމުން އަންނަ ލިވަޕޫލް އޮތީ 65 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.