Roadha Mihaaru
ސިޓީން ދައްކާލީ ޑިބްރޭނާ އެނބުރި އަތުވެއްޖެކަން

ސިޓީން ދައްކާލީ ޑިބްރޭނާ އެނބުރި އަތުވެއްޖެކަން

14 ޖެނުއަރީ 2024

ނިއުކާސަލް (ޖެނުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި 3-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ކެވިން ޑިބްރޭނާ އެނބުރި އަތުވެއްޖެކަން އިދިކޮޅު ޓީމުތަކަށް ދައްކާލައިފި އެވެ.

ނިއުކާސަލް (ޖެނުއަރީ 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހަތުން އަރައި 3-2 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ކެވިން ޑިބްރޭނާ އެނބުރި އަތުވެއްޖެކަން އިދިކޮޅު ޓީމުތަކަށް ދައްކާލައިފި އެވެ.

ރޭގެ މެޗު ފަށައިގެން ފަސް މިނިޓު ވެސް ފުރިހަމަ ނުވެ އުޅެނީސް ސިޓީގެ ކީޕަރު އެޑަސަން މޯރެސް އަށް އަނިޔާ ވެގެން ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. އޮފްސައިޑުގައި ހުރެ ނިއުކާސަލްގެ އެލެކްސެންޑާ އީސާކް ކުރިއަށް އަރައި އުފެއްދި އެޓޭކް ހުއްޓުވަން އުޅުމުގެ ތެރޭގައި އެޑަސަން އަށް އަނިޔާވީ ސިޓީގެ ކެޕްޓަން ކައިލް ވޯކާގެ ކަކުލުން އޭނާ ގައިގައި ޖެހިފަ އެވެ.

އީސާކް އޮފްސައިޑްގައި ހުރި ނަމަވެސް ލައިންސްމަން ދިދަ ނުނަގައި، ރެފްރީ ކަށިގަނޑު ނުފުމޭތީ ކުޅުން ކުރިއަށް ގެންދިޔައީ އެވެ.

މިއީ ސިޓީ އަށް މި ސީޒަންގައި މިގޮތަށް ދިމާވެގެން ކުޅުންތެރިއަކަށް އަނިޔާވި ދެވަނަ ފަހަރެވެ. މިދިޔަ މަހު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މިފަދަ ގޮތަކަށް ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސް އަށް ވަނީ އަނިޔާ ވެފަ އެވެ. މިކަމާ ގުޅިގެން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ އޮފްސައިޑް ހާލަތްތަކުގައި ރެފްރީން އަމަލުކުރަން އޮންނަ އުސޫލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

ބަދަލު ކީޕަރު ސްޓެފާން އޯޓެގާ އަރުވައިގެން ކުޅެމުން މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ސިޓީންނެވެ. މެޗުގެ 26 ވަނަ މިނިޓުގައި މި ގޯލު ސިޓީ އަށް ޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ. ނަމަވެސް ނިއުކާސަލް އިން ވަނީ ގާތްގާތުގައި ދެ ގޯލު ޖަހައި ހާފު ނިމުމުގެ ކުރިން ލީޑު ހޯދައިފަ އެވެ.

އީސާކް ނިއުކާސަލް އަށް އެއްވަރު ކޮށްދިނީ 35 ވަނަ މިނިޓުގަ އެވެ. އަދި އޭގެ ދެ މިނިޓު ފަހުން ލީޑު ނަގައިދިން ގޯލު ޖެހީ އެންތޮނީ ގޯޑޮން އެވެ.

ޑިބްރޭނާ މެޗުގައި ކުޅެން އެރީ 69 ވަނަ މިނިޓުގަ އެވެ. މާ ގިނައިރެއް ނުވެ އޭނާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ސިޓީ މޮޅު ކޮށްދިން ގޯލު ޖެހީ ފަހު 10 މިނިޓަށް ކުޅެން އެރި ޒުވާން މިޑްފފީލްޑަރު އޮސްކާ ބޮބް އެވެ. ކީޕަރު ކައިރިން ނައްޓާފައި އޭނާ ގޯލު ޖެހީ ޑިބްރޭނާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މި ސީޒަންގެ ލީގުގައި ސިޓީ ކުޅުނު ފުރަތަމަ މެޗުގައި ހޭމްސްޓްރިންގް އަނިޔާއެއް ވެގެން ޑިބްރޭނާ ވަނީ ދިގު މުއްދަތެއް ވަންދެން ކުޅުމާ ދުރުގައި ހުރެފަ އެވެ. އަނިޔާއިން ރަނގަޅުވެގެން އޭނާ ވަނީ މި މެޗުގެ ކުރިން ލީގުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ބެންޗަށް އަރައިފަ އެވެ. އަދި އޭގެ ފަހުން މިދިޔަ ހަފްތާ އެފްއޭ ކަޕްގައި ހަޑާސްފީލްޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ގޯލެއް އެސިސްޓް ކޮށްފަ އެވެ.

ނިއުކާސަލްއާ ދެކޮޅަށް މިރޭ ކުޅުނު މެޗަކީ ލީގުގެ ފުރަތަމަ މެޗަށް ފަހު ޑިބްރޭނާ ލީގުގައި ކުޅެން އެރި ފުރަތަމަ މެޗެވެ.

ޕާމާ، ފުލަމް ކޮޅަށް ޗެލްސީން ޖެހި ހަމައެކަނި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ގެޓީ

ޕާމާ، ފުލަމް ކޮޅަށް ޗެލްސީން ޖެހި ހަމައެކަނި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ގެޓީ

ލީގުގައި ރޭ ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ފުލަމް ބަލިކޮށްފަ އެވެ. ޗެލްސީގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރަހީމް ސްޓާލިން އަށް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ކޯލް ޕާމާ އެވެ.

މި ނަތީޖާއާ އެކު ޗެލްސީ އޮތީ 21 މެޗުން 31 ޕޮއިންޓް ހޯދައިގެން ލީގުގެ އަށްވަނައިގަ އެވެ. ހަތްވަނައިގައި އޮތް ބްރައިޓަން އާއި ނުވަވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ވަނީ އެއް މެޗު މަދުން ކުޅެގެން 31 ޕޮއިންޓް ހޯދައިފަ އެވެ.

ލީގުގެ 10 ވަނައިގައި އޮތީ 31 މެޗުން 29 ޕޮއިންޓް ލިބިފައިވާ ނިއުކާސަލް އެވެ. މެންޗެސްޓާ ސިޓީ އޮތީ 20 މެޗުން ހޯދި 43 ޕޮއިންޓާ އެކު ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ ސިޓީއަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދާފައިވާ ލިވަޕޫލް އެވެ.

ލީގުގައި މިރޭ ރާއްޖެ ގަޑިން 7 ޖަހާއިރު އެވަޓަން އާއި ލީގު ތިންވަނައިގައި އޮތް އެސްޓަން ވިލާ ބައްދަލުކުރާނެ އެވެ. އެއަށް ފަހު ރޭގަނޑު 9:30 ގައި ބައްދަލުކުރާނީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ އެވެ.