Roadha Mihaaru
އުސޫލެއް ނެތި ވެހި އެވޯޑު ދިނުމުން ޖަލްސާ "ބޮއިކޮޓް" ކޮށްފި

އުސޫލެއް ނެތި ވެހި އެވޯޑު ދިނުމުން އެޑިއުކޭޝަން އެސްއެމްޓީ މުވައްޒަފުން ޖަލްސާ "ބޮއިކޮޓް" ކޮށްފި

21 މެއި 2023

އަހަރުން އަހަރަށް އޯ ލެވެލްގެ ނަތީޖާ ރަނގަޅުކުރި ޓީޗަރުންނަށް މި މަހުގެ ކުރީ ކޮޅު "ވެހި" އެވޯޑު ދީފައިވަނީ ފާސްކުރި އުސޫލެއް ނެތިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަހަރުން އަހަރަށް އޯ ލެވެލްގެ ނަތީޖާ ރަނގަޅުކުރި ޓީޗަރުންނަށް މި މަހުގެ ކުރީ ކޮޅު "ވެހި" އެވޯޑު ދީފައިވަނީ ފާސްކުރި އުސޫލެއް ނެތިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިއްޒުއްދީން ސްކޫލުގައި މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި 26 ސްކޫލަކުން 37 ޓީޗަރަކަށް އެވޯޑު ދިނެވެ. އެކަމަކު، އެ ޕްރޮގްރާމްގައި 153 ސްކޫލަކުން ބައިވެރިވެފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ އެވޯޑް ދިނީ ތިން ކެޓަގަރީއަކުން ކަމަށެވެ. އެ ދާއިދާތަކަކީ؛

- އެލީޓް އެވޯޑް.

- އެޗީވްމަންޓް އެވޯޑް.

- އެކްސެލެންސް އެވޯޑް.

ސްކޫލު ވެހި ޕްރޮގްރާމްގެ ދަށުން "ވެހި އޯ ލެވެލް ސަކްސެސް ޕްރޮގްރާމް 2023" ގައި ޓީޗަރުންނަށް އެލީޓް އެވޯޑް ދެނީ މެދުނުކެނޑި 15 އަހަރު އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 ޕަސެންޓަށް ވުރެ މަތީގައި ހިފެހެއްޓުމުންނެވެ. އެޗީވްމަންޓް އެވޯޑު ދެނީ މެދުނުކެނޑި 10 އަހަރު އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 ޕަސެންޓުގައި ހިފެހެއްޓުމުންނެވެ. މެދުނުކެނޑި ފަސް އަހަރު އޯ ލެވެލް އިމްތިހާނުގެ ނަތީޖާ 60 ޕަސެންޓުގައި ހިފެހެއްޓުމުން ދެނީ އެކްސެލެންސް އެވޯޑެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މި ފަދަ ޕްރޮގްރާމެއް ގެންދިޔަ އެވެ. ނަމަވެސް ނަން ބަދަލުކޮށް، ނަތީޖާ ރަނގަޅުކުރާ ޓީޗަރުންނަށް މިއީ އެ އެވޯޑް ދިން ފުރަތަމަ ފަހަރެވެ.

ނަމަވެސް، އެނގިފައިވާ ގޮތުގައި، ވެހި އެވޯޑް މި ފަހަރު ދިނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލެއް ނެތި އެވެ. މި ފަދަ ކޮންމެ ކަމަކަށް އެޑިއުކޭޝަން މިނިސްޓްރީން އުސޫލު ހަދައި، އެ މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓް ޓީމް (އެސްއެމްޓީ) އިން ފާސްކުރެ އެވެ. އެކަމަކު، ވެހި އެވޯޑާ ގުޅޭގޮތުން އެސްއެމްޓީން އެއްވެސް ކަމެއް ނުނިންމާ ކަމަށް ވެ އެވެ.

އެ ހިތްހަމަނުޖެހުންތަކުގެ ސަބަބުން ވެހި އެވޯޑު ޖަލްސާ މިނިސްޓްރީގެ އިސް ބޭފުޅުން "ބޮއިކޮޓް" ކުރެއްވި އެވެ. މިނިސްޓަރު ޑރ. އައިޝަތު އަލީ ހިމެނިވަޑައިގަންނަވާ ގޮތަށް އެ ޖަލްސާއަށް ވަޑައިގަތީ އެސްއެމްޓީގެ ހަތަރު ބޭފުޅުންނެވެ. މިނިސްޓްރީން ބާއްވާ ހަރަކާތްތަކަށް އެ ތަނުގެ ސިޔާސީ ބޭފުޅުން އާއްމުކޮށް ވަޑައިގެންނެވި ނަމަވެސް، އެ ރަސްމިއްޔާތުގައި މިނިސްޓަރާއެކު ބައިވެރިވެވަޑައިގަތީ ސިޔާސީ އެންމެ ބޭފުޅެކެވެ.

މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވެހި އެވޯޑް ދިނީ ކްރައިޓީރިއާ އަކަށް ބަލައިގެން ކަމަށެވެ.

އެ ކްރައިޓީރިއާގައި ވާ ގޮތުން ވެހި އޯލެވެލް ސަކްސެސް ޕްރޮގްރާމަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދޭނީ އެ ސްކޫލަކުންނެވެ. ފޮނުވަންޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އެ ޓީޗަރަކު ކިޔަވައިދޭ ދަރިވަރުންގެ އޯލެވެލް ނަތީޖާ އަދި ކަމާ ގުޅުންހުރި މީހުންގެ ފީޑްބެކް ހިމެނެ އެވެ.

މައުލޫމާތުތައް ފޮނުވުމުން މިނިސްޓްރީގެ ކޮމިޓީއަކުން އެ ކަން ކަށަވަރުކޮށް، އެ ޓީޗަރަކަށް އެވޯޑް ހައްގުތޯ ބަލާނެ ކަމަށް ކްރައިޓީރިޔާގައި ވެ އެވެ. ޑޭޓާ ވެލިޑޭޓް ކުރުމަށް ފަހު، ވެހި އޯލެވެލް ސަކްސެސް ޕްރޮގްރާމްގެ ދަށުން އިނާމު ދޭނެ ޓީޗަރުންގެ ލިސްޓް އެ ކޮމިޓީން ފައިނަލް ކުރާނެ އެވެ.

ޑޭޓާ އެއްކުރުމާއި ވެލިޑޭޝަން މަރުހަލާގެ ސަބަބުން ކިޔަވައިދިނުމާއި ތައުލީމީ ކާމިޔާބީގެ މަތީ ދަރަޖައެއް ދެމެހެއްޓުމުގައި ހަގީގަތުގައި ވެސް މޮޅުކަން ދައްކުވައިދީފައިވާ ޓީޗަރުންނަށް އިނާމު ދީ، ޕްރޮގްރާމުގެ ނަޒާހަތްތެރިކަމާއި އިތުބާރު ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ކްރައިޓީރިޔާގައި ބުންޏެވެ.

ނަމަވެސް، މި ކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި، ވެހި އެވޯޑު ދިނުމުގައި ސްކޫލުތަކުން ފޮނުވި ލިޔުންތައް މިނިސްޓްރީން ކަށަވަރު ކޮށްފައެއް ނުވެ އެވެ.

"ސްކޫލުތަކުން ފޮނުވި ލިސްޓަށް މިނިސްޓްރީން އެވޯޑް ދިނީ. އެވޯޑްތައް ދިނުމުގައި ރަނގަޅަށް ނުބަލާ. ގްރޭޑްގައި ތިބީ ކިތައް ކުދިންތޯ އަދި އެ މާއްދާގައި ބައިވެރިވީ ކިތައް ކުދިންތޯ ވެސް ނުބަލާ،" ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

"ސްކޫލު ވެހި ޕްރޮގްރާމަށް ނުގޮސް މި ވީހާ ދުވަސް އިހުލާސްތެރިކޮށް މަސައްކަތްކޮށް ނަތީޖާ ނެރެދިން ސްކޫލުތައް ކޮބާ؟ އެ މީހުންގެ އަގުވަޒަން ނުކުރޭ. އެ މީހުންނަށް އެވޯޑް ލިބެން އޮތީ ނަތީޖާ ދަށްކޮށް، ސުމަކުން ފަށައިގެން. މިކަން އެއްގޮތަކަށް ވެސް ދެކޮޅެއް ނުޖެހޭ."