Roadha Mihaaru
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން

ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން

04 އޯގަސްޓް 2022

ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލުތަކާ އެކު އެ ދާއިރާއަށް ޑިމާންޑު އުފުލިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލުތަކާ އެކު އެ ދާއިރާއަށް ޑިމާންޑު އުފުލިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ހުޅުމާލޭގައި އަންނަ މަހުގެ ހަތަރެއްގައި ހުޅުވާ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމުން ގިނަ ބަޔަކު ކުރިމަތިލި ކަމަށެވެ.

ޕްރައިމަރީ 20 ޓީޗަރުން ހޯދަން އިއުލާންކުރުމުން 56 މީހުން އަދި ޕްރީ ސްކޫލްގެ ހަ މަގާމަކަށް 39 ހުށަހެޅުމެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް އެކަނި ވެސް ނުވަ މީހުން ކުރިމަތިލާފައިވާ ކަމަށް އަހުމަދު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީއެސް އަހްމަދު އަލީ އިންޓަވިއު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީއެސް އަހްމަދު އަލީ އިންޓަވިއު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޝަރުތު ހަމަވާ މީހުން ކުރިމަތިލާފައިވަނީ،" އޭނާ ވިދާޅުވި އެވެ.

ޕީއެސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އިއުލާންކުރުމުން މީގެ ކުރިން އެންމެ ގިނައިން ވެސް ކުރިމަތިލަނީ ހަތަރު މީހުން ކަމަށެވެ. އެކަމަކު، ޓީޗަރުންނާއި ޕްރިންސިލުންގެ މުސާރައަށް ގެނައި ބަދަލާ އެކު ތަފާތު ފެންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވިދާޅުވީ ޓީޗަރުންގެ ވަޒީފާއަކީ މިހާރު މާ ޝައުގުވެރި ވަޒީފާއެއްކަމަށެވެ.

މިދިޔަ މެއި މަހު އަމަލުކުރަން ފެށި އާ އޮނިގަނޑާ އެކު ޑިޕްލޮމާ ލެވެލްގެ ޓީޗަރަކަށް 13،266ރ. ޑިގްރީ ލެވެލްގެ ޓީޗަރަކަށް 19،467ރ. އަދި މާސްޓާސް ލެވެލްގެ ޓީޗަރަކަށް 20،895ރ. ލިބޭނެ އެވެ. ޕްރިންސިޕަލުންގެ ތެރެއިން ވެސް ރޭންކް 1 ގައި ހިމެނޭ ޕްރިންސިޕަލަކަށް 30،610ރ. އަދި ރޭންކް 2 ގައި ހިމެނޭ ޕްރިންސިޕަލަކަށް 33،075ރ. ލިބޭނެ އެވެ.