Roadha Mihaaru
އޮޅުވާލައިގެން ފްލެޓު ވިއްކާ މައްސަލަ ބޭރު ކޮށްލައިފި!

ފްލެޓު ލިބުނު ކަމަށް ބުނެ މަކަރުން ފައިސާ ހޯދާ މައްސަލައަށް މަޖިލީހުގައި ބަހުސް ނުކުރި!

22 މެއި 2023

ފްލެޓު ވިއްކުމުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ މީހުންގެ އަތުން ނަގައި ހިޔާނަތްވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރު ކޮށްލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފްލެޓު ވިއްކުމުގެ ނަމުގައި ގިނަ އަދަދެއްގެ ފައިސާ މީހުންގެ އަތުން ނަގައި ހިޔާނަތްވާ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރު ކޮށްލައިފި އެވެ.

ތިމަރަފުށީ ދާއިރާގެ އެމްއެންޕީ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ މަކަރާއި ހީލަތުން އެއް ފްލެޓެއް ގިނަ ބަޔަކަށް ވިއްކާ މައްސަލަ އާއި ގިނަ އަދަދެއްގެ ފައިސާ ނެގުމަށް ފަހު ފްލެޓު ނުނިމި ލަސްވުމަކީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ބޯހިޔާވެހިކަމުގެ މަޝްރޫއުތައް އެވޯޑްކުރުމުގައި ސަރުކާރުން އެކަށީގެންވާ ވަރަށް ނުބަލާ ކަމަށާއި މިކަމުގެ ސަބަބުން މަޝްރޫއުތައް ނުނިމި ކުލި ދެއްކުމުގެ ބުރަ ދެގުނަވެ ރައްޔިތުން ބިކަވެފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ނަމަވެސް ކަމާބެހޭ އިދާރާތަކުންނާއި ފްލެޓުގެ ބެލެނިވެރި ފަރާތްތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"...އުމުރު ދުވަހު މަސައްކަތް ކޮށްގެން ރައްކާކުރާ ފައިސާކޮޅާއި ލޯނު ނަގައިގެން ދަރަނިވެގެން ހޯދާ ފައިސާކޮޅު މަކަރާއި ހީލަތުން ނިގުޅައިގަންނަމުން ދާއިރު، ރައްޔިތުންގެ ހައްގު ރައްކާތެރިކޮށްދޭން އެއްވެސް މުއައްސަސާއަކުން ނޫޅޭ،" ކުއްލި މައްސަލާގައި ބުނެފައިވެ އެވެ.

އެ މައްސަލަ ސަަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރުމަށް ވޯޓަކަށް ހުޅުވާލުމުން ޖަލްސާގައި އެ ވަގުތު ބައިވެރިވެ ވަޑައިގެންނެވި 47 މެންބަރުންގެ ތެރެއިން 26 މެންބަރުން ވޯޓު ދެއްވީ އެކަމާ ދެކޮޅަށެވެ. އަދި އެ މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ.

ފާސްވުމަށް 23 މެންބަރުންގެ ވޯޓު ބޭނުންވާތީ އެ މައްސަލަ ފާސް ނުވާ ކަމަށް ރިޔާސަތުން ނިންމެވި އެވެ.

މެންބަރުންތަކެއް އެމްޑީޕީން ވަކިވިޔަސް މަޖިލީހުގައި މެޖޯރިޓީ އަދިވެސް އޮތީ އެމްޑީޕީއަށެވެ. އިދިކޮޅު ފަރާތްތަކުން ހުށަހަޅާ މިފަދަ ހުރިހާ މައްސަލަތަކާ ދެކޮޅަށް ވޯޓު ދިނުމަށް އެ ޕާޓީން ތްރީ ލައިން ވިޕް ނެރެ އެވެ.