Roadha Mihaaru

4،000 ފްލެޓްގެ ލިސްޓު މި މަހު އިއުލާންކޮށް، ސެޕްޓެމްބަރުގެ ކުރިން ދޫކޮށް ނިންމަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާންކޮށް، ފްލެޓްތައް ނިމެމުން އަންނަ ވަރަކުން މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެ ހުރިހާ ތަނެއް އޭގެ ހައްގުވެރިންނާ ހަވާކު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

4،000 ފްލެޓް ސެޕްޓެމްބަރުގެ ކުރިން ދޫކޮށް ނިންމަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާންކޮށް، ފްލެޓްތައް ނިމެމުން އަންނަ ވަރަކުން މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެ ހުރިހާ ތަނެއް އޭގެ ހައްގުވެރިންނާ ހަވާކު ކުރާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ،

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އިންޑިއަން އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ކުރިއަށް ގެންދާ 4،000 ފްލެޓް ނިންމުމާއި އެ ތަންތަން ލިބޭނެ ކަމަށް އިއުލާން ކޮށްފައިވާ 4،000 މީހުންގެ ލިސްޓާ ގުޅިގެން އޭސީސީންގެ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުމަކީ މި ސަރުކާރުން ހައްލު ކުރަން ޖެހިފައިވާ "ވަރަށް ހައްސާސީ މައްސަލައެއް" ކަމަށެވެ.

އެތައް ބައެއްގެ ޝަކުވާތަކަކާ ގުޅިފައިވާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އިއުލާން ކުރެވޭނެ ކަމަށް ރައީސް މުއިއްޒު މިދިޔަ ޖެނުއަރީ މަހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ގއ. އާއި ގދ. އަތޮޅުގެ ބައެއް ރަށްރަށަށް މިދިޔަ މަހުގެ ކުރީކޮޅު ކުރެއްވި ދަތުރުފުޅުގައި ރައީސް ވިދާޅުވީ، މަކަރާއި ހީލަތުން ފްލެޓް ހޯދުމަށް މަސައްކަތް ކުރި މީހުން އެ މަނިކުފާނު ވިދާޅުވާ ލިސްޓުގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ. އެހެންވެ، ލިޔެކިޔުން ބަދަލުކޮށްގެން ނުވަތަ ދޮގު މައުލޫމާތު ދީގެން ފްލެޓާއި ގޯތި ހޯދަން މަސައްކަތް ކުރި މީހުން ކެންސަލް ވާނެ ކަމަށް ރައީސް މުއިއްޒު ކުރިން ވިދާޅުވި އެވެ.

"އަޅުގަނޑު ވައުދުވީ އެއްވެސް ރައްޔިތަކަށް ދިން ގޯއްޗެއް ފްލެޓެއް އަތެއް ނުލާނަމޭ. ނުގައިދުން، ދޮގު ހަދައިގެން މަކަރު ހަދައިގެން، ފޯޖު ކޮށްގެން މީހަކު ފްލެޓެއް، ގޯއްޗެއް ހޯދާފައި އޮތިއްޔާ އެ މީހަކު އަތުން ކެންސަލް ވާނެ،" "މިހާރު" ގެ ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރުގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި ޑރ. އަބްދުﷲ މުއްތަލިބު މިދިޔަ މަހުގެ 14 ގައި ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުން ނިންމާފައި ވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ 20،000 މީހުންގެ ފޯމް އިވެލުއޭޓް ކުރުމުގެ ބަދަލުގައި ކުރީގެ ސަރުކާރުން އިއުލާން ކުރި 4،000 މީހުންގެ ފްލެޓް ލިސްޓު ވެރިފައި ކުރުމަށެވެ.

އޭނާ އެ ދުވަހު ވިދާޅުވީ ޖޫން 26، 2022 ގައި އިއުލާންކުރި ސްކީމުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 6،000 މީހުން އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 14،000 މީހުން ކުރިމަތިލާފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުން އިއުލާން ކުރި އުސޫލުގައި 15 އަހަރު މާލޭގައި ދިރިއުޅުނު ކަން ސާބިތު ކުރުމަށްޓަކައި ހަ ލިޔެކިޔުމެއް ބަލައިގަންނާނެ ކަމަށް ބުނެފައިވެ އެވެ. އެއީ؛

1. މާލޭގައި ވަޒީފާ އަދާކުރި ކަމުގެ ލިޔުން.

2. އަނބިމީހާ/ފިރިމީހާ ކައިވެނި ކުރުމަށް ފަހު ވަޒީފާ އަދާ ކުރިކަމުގެ ލިޔުން.

3. ސްކޫލް/ކޮލެޖް/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން.

4. އަނބިމީހާ/ފިރިމީހާ ކައިވެންޏަށް ފަހު ސްކޫލް/ކޮލެޖް/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން.

5. ދަރިން މާލެ ސްކޫލް/ކޮލެޖު/ޔުނިވާސިޓީގައި ކިޔަވަމުންދާ ކަމުގެ ލިޔުން.

6. ޕެންޝަނާ ބެހޭ ލިޔުންތައް.

މުއްތަލިބު ވިދާޅުވެފައި ވަނީ ލިސްޓް ވެރިފައި ކުރާއިރު، އެ އުސޫލުތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ.