Roadha Mihaaru
ހުޅުމާލެއިން އިތުރު ފިތުރޯނު ގަސްތައް ނަގަނީ

މަގުތަކަށް ގެއްލުން ލިބޭތީ ހުޅުމާލެއިން އިތުރު ފިތުރޯނު ގަސްތައް ނަގަނީ

22 މެއި 2023

ހުޅުމާލޭގެ މަގުތަކަށް ގެއްލުން ލިބޭތީ އެ މައްސަލަ ހައްލުކުރުމަށް އިތުރު ފިތުރޯނު ގަސްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގެ މަގުތަކަށް ގެއްލުން ލިބޭތީ އެ މައްސަލަ ހައްލުކުރުމަށް އިތުރު ފިތުރޯނު ގަސްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

އާބަންކޯގެ ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެއަކީ ތިމާވެއްޓާ ރައްޓެހި އަދި ފެހި ތަނަކަށް ހެދުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި އިންދާފައި ހުރި ބައެއް ގަސްތައް ބަދަލުކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހައްދާފައި ހުރި ބޮޑެތި ފިތުރޯނު ގަސްތައް ނަގަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ގަސްތައް ކެނޑިކަމުގައި ވީނަމަވެސް، މި ގަސްތަކުގެ ބަދަލުގައި ހަމަ އެތަނުގައި މި ކުންފުނީގެ ފަރާތުން އަންނަނީ ގަސް އިންދަމުންނެވެ. އެގޮތުން ބައެއް ސަރަހައްދުތަކުން ފިތުރޯނު ގަސްތައް ކަނޑާފައި ވާނީ ވެސް ކޮންމެ ދެ ފިތުރޯނު ގަހެއްގެ މެދުގައި ހަމަ އެގޮތަށް ހެދޭނެ އެގްޒޯޓިކް ޕްލާންޓެއް ހެއްދުމަށް ފަހުގަ އެވެ،" އެ ބަޔާނުގައި ބުންޏެވެ.

އާބަންކޯ އިން ބުނި ގޮތުގައި، ފިތުރޯނު ގަސްތައް ކަނޑާއިރު، އޭގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ނުލިބޭނެ އަދި ހުޅުމާލޭގެ ފެހިކަމާއި ހިތްފަސޭހަކަން ނުގެއްލޭނެ ގޮތަކަށް އެކަން ކުރުމަށް އިސްކަންދޭނެ އެވެ.

މިއީ ހުޅުމާލޭގެ އެންމެ ހިޔާ ބޮޑު އަދި ހިތްގައިމު ފެހި ސަރަހައްދުގައި ހުރި ފިތުރޯނު ގަސްތައް. މި ސަރަހައްދުން ބައެއް ގަސްތައް ނަގަން އެޗްޑީސީން ވަނީ ނިންމާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއީ ހުޅުމާލޭގެ އެންމެ ހިޔާ ބޮޑު އަދި ހިތްގައިމު ފެހި ސަރަހައްދުގައި ހުރި ފިތުރޯނު ގަސްތައް. މި ސަރަހައްދުން ބައެއް ގަސްތައް ނަގަން އެޗްޑީސީން ވަނީ ނިންމާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ މަސައްކަތުގެ ދަށުން ހުޅުމާލެ ނިރޮޅުމަގުގައި ހުރި ހުރިހާ ގަސްތައް ނަގައި، އޭގެ ބަދަލުގައި އެހެން ގަސްތައް އިންދާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ހުޅުމާލެ ފިތުރޯނު މަގުގެ އެއްބައިގައި ވެސް އެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި މަސައްކަތް ޕްލޭން ކުރެވިފައިވާ ގޮތުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި މުޅި ހުޅުމާލެއިން ފިތުރޯނު ގަސްތައް ކަނޑައި އެހެން ގަސްތައް އިންދާ ބޮޑުކުރެވޭނެ އެވެ،" އެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން ވެސް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ފިތުރޯނު ގަސްތައް ނެގި އެވެ. އެ ގަސްތައް ނެގުމުން އާންމުންގެ ފާޑުކިޔުން ސަރުކާރަށް އޭރު ވަރަށް ބޮޑަށް އަމާޒުވި އެވެ.

ހުޅުމާލެ ހިއްކިއިރު އެތަނުގައި ފިތުރޯނު ގަސް އިންދީ ބިން ވަރުގަދަކުރުމުގެ ގޮތުންނެވެ. ފިތުރޯނު ގަހަކީ މޫލައި އަވަހަށް ހެދި ގަންނަ ގަހަކަށް ވާތީ ފަސްގަނޑު ވަރުގަދަވުމާއި ހިޔާވުން ފަދަ ވަރަށް ގިނަ ފައިދާތައް އެ ގަހުން ލިބެ އެވެ.

އާބަންކޯ އިން ބުނި ގޮތުގައި، ފިތުރޯނު ގަސްތައް އިންދިއިރު ވެސް ހުޅުމާލޭގެ ގްރީނިން ޕްލޭން ރޭވިފައި އޮތީ މިހާރު މި އަމަލުކުރަމުން އަންނަ ގޮތަށް ބަދަލުތައް ގެންނާށެވެ. ހުޅުމާލެ ފެހިކުރުމުގެ ފުރަތަމަ ފިޔަވަހީގައި ފިތުރޯނުގަސްތައް ޖަހައި ވަކި ވަރަކަށް އެ ބޮޑުވެ، ރަށް ތަރައްގީވެ، އާބާދުވުމުން އެ ގަސްތައް ބަދަލުކުރުމަށް ޕްލޭނުގައިވެ އެވެ. އަދި މިހާރު އެ ގަސްތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިއީ ހުޅުމާލެ ފެހިކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެ އެވެ.