Roadha Mihaaru
ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް!

މާދަމާއިން ފެށިގެން ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރަން ނިންމައިފި

31 ޑިސެމްބަރ 2023

އާބަންކޯގެ ދަށުން ބަލަހައްޓަމުން ދިޔަ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މާދަމާއިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު ނިންމައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އާބަންކޯގެ ދަށުން ބަލަހައްޓަމުން ދިޔަ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މާދަމާއިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ހުޅުމާލޭގެ މައިގަނޑު މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން އަންނަނީ އާބަންކޯއިންނެވެ. އެކަން ބަދަލުކޮށް އެ ހިދުމަތްތައް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

ކެބިނެޓު ބައްދަލުވުމަށްފަހު ރައީސް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އޮފީސްތަކާއި ހިފާގެންގުޅޭ ސާމާނާއި ބިމުގެ އިތުރުން މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތްތައް އެ މަސްތެރޭގައި ކުރެވޭނެ ކަމަށެވެ. އަދި، މިހާރު ވަޒީފާގައި ތިބި މުވައްޒަފުންނަށް އިތުރު އެއް އަހަރު ދުވަހު އެ މުސާރަ ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ކަމުގެ ތަފްސީލްތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ.

ހުޅުމާލެ ބިމުގެ އިހުތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން، ހުޅުމާލެ މިހާރު ހިންގުމާ ހަވާލުވެފައިވާ އާބަންކޯ އާއި މާލެ ސިޓީ ކައުންސިލާ ދެމެދެ ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ދިޔަ އެވެ.

ހުޅުމާލެ އިހުތިސާސްގެ މައްސަލާގައި ކައުންސިލުން އޭރު ބުނަމުން ދިޔައީ ހުޅުމާލެއަކީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއް ކަމަށާއި އެ ކައުންސިލަރުންނަކީ ހުޅުމާލެ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބި ބައެއް ކަމަށެވެ. އެހެންކަމުން އެތަން ބަލަހައްޓާ ތަނަކަށް ވާން ޖެހޭނީ ކައުންސިލް ކަމަށެވެ.

ނަމަވެސް އާބަންކޯއިން ބުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ރައުސުލްމާލެއް ކަމަށާއި 100 ޕަސަންޓު ސަރުކާރު ހިއްސާވާ އެކުންފުނި އުފެއްދީ ވެސް ހުޅުމާލެ ލިބޭ ގޮތަށް ކަމަށެވެ.

އެ މައްސަލަ ބޮޑުވެ 2021ވަނަ އަހަރު ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލްކުރި އެވެ. އެއީ ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން އުޅުމުން، ހުއްދަ ނެތި ބާއްވާ ޖަލްސާއެއް ކަމަށް ވާތީ އެކަން އާބްންކޯއިން ފުލުހުން މެދުވެރިކޮށް ހުއްޓުވުމުންނެވެ.

އާބަންކޯއިން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ބިމެއްގެ ގޮތަށެވެ.