Roadha Mihaaru
ހަމަލާތައް މެދުކަނޑައިލިޔަސް އުންމީދެއް ނެތް

ހަމަލާތައް މެދުކަނޑައިލިޔަސް އުންމީދެއް ނެތް

23 މެއި 2023

ސޫދާން ސިފައިންގެ ދެ ލަޝްކަރުގެ ދެމެދުގައި މިދިޔަ މަހުގެ މެދުތެރޭ ފެށި ދާޚިލީ ހަނގުރާމަ މުޅިން ހުއްޓައިލުމަށް އެއްބަސްނުވި ނަމަވެސް، ހަމަލާތައް ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމަށް ރޭ އަމަލުކުރަން ފަށައިފި އެވެ.

ސޫދާން ސިފައިންގެ ދެ ލަޝްކަރުގެ ދެމެދުގައި މިދިޔަ މަހުގެ މެދުތެރޭ ފެށި ދާޚިލީ ހަނގުރާމަ މުޅިން ހުއްޓައިލުމަށް އެއްބަސްނުވި ނަމަވެސް، ހަމަލާތައް ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމަށް ރޭ އަމަލުކުރަން ފަށައިފި އެވެ.

ސޫދާންގައި ހަނގުރާމަ ކުރަމުން ދަނީ އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. މި ހަނގުރާމަ ހުއްޓުވޭތޯ ދެ ލަޝްކަރުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ފަށައިގެން މިހާރު ކުރިއަށް ގެންދަނީ، ސައޫދީ އަރަބިއްޔާ އާއި އެމެރިކާ ސަރުކާރު އިސްނަގައިގެން، ސައޫދީގެ ޖިއްދާގަ އެވެ.

ހަމަލާ ބަދަލުކުރުން، ކުރު މުއްދަތަކަށް މެދުކަނޑައިލުމަށް އެކުލަވައިލި އެއްބަސްވުމުގައި ސޫދާން ސިފައިންނާއި އާރްއެސްއެފް ލަޝްކަރުގެ ސިފައިން ސޮއިކުރީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ޖިއްދާގަ އެވެ. ހަތް ދުވަހުގެ މުއްދަތަށް ދެމިއޮންނަ މި އެއްބަސްވުމަށް އަމަލު ކުރަން ފެށީ، ސޫދާން ގަޑިން ރޭ 9:45ގަ އެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ވަގުތު ކުޑަތަންވި އިރު ވެސް، ވެރިރަށް ޚަރްތޫމުގައި ރޭ ހަމަލާތައް ބަދަލުކުރި އެވެ. އެކަމުގެ ސަބަބުން، އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ފަހުވެސް އާންމުންގެ ގިނަ ބަޔަކު، ރޭވެސް ތިބީ ބޭރަށް ނުކުންނަން ނުކެރި ގެތަކުގަ އެވެ.

ދެ ލަޝްކަރުން އެއްބަސްވެފައިވާ ގޮތަށް، ހަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން ތަންފީޒުކުރެވޭ ގޮތް ބެލުމަށް ވަނީ ވަކި އިންތިޒާމެއް ހަމަޖައްސައިފަ އެވެ. އެ ގޮތުން ދެ ލަޝްކަރުން ކަނޑައަޅާފައިވާ ބަޔަކާއި، ސައޫދީ ސަރުކާރުންނާއި އެމެރިކާ ސަރުކާރުން ކަނޑައަޅާފައިވާ ބަޔަކު، ދެ ލަޝްކަރުގެ ހަރަކާތްތަކަށް ފާރަލައި ބަލަމުން ދާނެ އެވެ.

ހަމަލާ ބަދަލުކުރުން ވަގުތީ ގޮތުން މެދުކަނޑައިލުމަށް މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ދެ ލަޝްކަރުން އެއްބަސްވެ އިއުލާންކުރި އެވެ. ނަމަވެސް އެ ތިން ފަހަރު ވެސް އެކަން އިއުލާންކުރީ، ދެ ލަޝްކަރުގެ ދެމެދުގައި އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށްވާތީ، އެއްބަސްވުމާ އެއްގޮތަށް އަމަލެއް ނުކުރެވެ އެވެ.

ރޭ ތަންފީޒުކުރަން ފެށި އެއްބަސްވުމަކީ، ދެ ލަޝްކަރުގެ މަންދޫބުންގެ މެދުގައި މަޝްވަރާކޮށް ދެ ފަރާތުގެ ރުހުމާއެކު އެކުލަވައިލި އެއްބަސްވުމެކެވެ. އާންމުން ބުނާ ގޮތުގައި އެއްވެސް ސަބަބަކާ ނުލައި ދެ ފަރާތުގެ މެދުގައި ހަނގުރާމަ ފަށާފައިވާތީ އާއި، މީގެ ކުރިން ވެސް ދެ ލަޝްކަރުން އަމަލުކުރި ގޮތަށް ބަލާއިރު، މިފަހަރުގެ އެއްބަސްވުމުން ވެސް މާ ބޮޑު ނަތީޖާއެއް ނުކުންނާނެ ކަމުގެ އުންމީދެއް ނެތެވެ.

އެޕްރީލް 15، 2023 ގައި ސޫދާންގައި ހަނގުރާމަ ފެށުނީ، އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. ހަނގުރާމަ ފެށުނީ، އާރްއެސްއެފް ލަޝްކަރުގެ ސިފައިން ވެރިރަށް ޚުރުޠޫމަށް އަރައި، އަސްކަރިއްޔާގެ މައި މަރުކަޒަށާއި ރިޔާސީ ގަނޑުވަރު އަދި ސަރުކާރުގެ ޓީވީ ސްޓޭޝަނަށާއި، ވެރިރަށުގައި އޮންނަ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ހަމަލާ ދީ އެ ތަންތަން ހިފަން އުޅުމުންނެވެ.

ސިފައިންގެ ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެސް ވެރިޔާ، ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން އެވެ. ސިފައިންނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާ އާރްއެސްއެފް ލަޝްކަރުގެ ވެރިޔަކީ، އެ ގައުމުގައި މިހާރު އޮތް އަސްކަރީ ސަރުކާރުގެ ވެރިޔާގެ ނައިބުގެ މަގާމުގައި ހުރި، ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ) އެވެ. ކުރީގެ ރައީސް އުމަރުލް ބަޝީރުގެ ވެރިކަން ވައްޓައިލުމަށް ކުރި މަސައްކަތުގައި މި ދެ ޖެނެރަލުންނަކީ ވެސް އެއް ފިޔަވަޅުމަތީ ހިންގެވި ދެ ބޭފުޅުންނެވެ.