Roadha Mihaaru
ސޫދާން ހަނގުރާމަ ހުއްޓުމުގެ ވިސްނުމެއް ނެތް

ސޫދާން ހަނގުރާމަ ހުއްޓުމުގެ ވިސްނުމެއް ނެތް

14 ޖޫން 2023

ޖިއްދާ (ޖޫން 14) - ސޫދާންގެ އަސްކަރިއްޔާގައި ހިމެނޭ ދެ ލަޝްކަރެއްގެ ދެމެދުގައި މިދިޔަ އެޕްރީލް މަހުގެ މެދު ތެރެއިން ފެށިގެން ކުރަމުން އަންނަ ހަނގުރާމަ ހުއްޓައިލުމުގެ ވިސްނުމެއް އެ ދެ ލަޝްކަރުގައި ވެސް ނެތް ކަމަށް އެމެރިކާގެ ޚާރިޖިއްޔާ އިން އިއްޔެ ބުނެފި އެވެ.

ޖިއްދާ (ޖޫން 14) - ސޫދާންގެ އަސްކަރިއްޔާގައި ހިމެނޭ ދެ ލަޝްކަރެއްގެ ދެމެދުގައި މިދިޔަ އެޕްރީލް މަހުގެ މެދު ތެރެއިން ފެށިގެން ކުރަމުން އަންނަ ހަނގުރާމަ ހުއްޓައިލުމުގެ ވިސްނުމެއް އެ ދެ ލަޝްކަރުގައި ވެސް ނެތް ކަމަށް އެމެރިކާގެ ޚާރިޖިއްޔާ އިން އިއްޔެ ބުނެފި އެވެ.

އެމެރިކާ އިން މި މޭރުމުން ކަންބޮޑުވުން ފާޅުކުރީ، އެމެރިކާ އާއި ސައޫދީ އަރަބިއްޔާ މެދުވެރިވެގެން، ދެ ލަޝްކަރުގެ ދެމެދުގައި ގާއިމުކުރި، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއެކު އަލުން، ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. ސައޫދީ އަރަބިއްޔާގެ ޖިއްދާގައި، ސޫދާންގެ ދެ ލަޝްކަރުގެ ދެމެދުގައި ބޭއްވި ސުލްހައިގެ ވާހަކަތަކުން ވެސް އެދެވޭ ނަތީޖާއެއް ނުނެރެވުނު ކަމަށް އެމެރިކާ އިން ބުނެ އެވެ.

ސޫދާންގައި މިހާރު ފެށިފައިވާ ދާޚިލީ ހަނގުރާމަ ކުރަމުން ދަނީ އެ ގައުމުގެ ސިފައިންނާއި، ސިފައިންގެ ތެރޭގައި އޮންނަ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ކިޔާ ލަޝްކަރުގެ ސިފައިންނާ ދެމެދުގަ އެވެ. މި ހަނގުރާމަ ހުއްޓުވޭތޯ، ސައޫދީ އަރަބިއްޔާ އާއި އެމެރިކާ މެދުވެރިވެގެން ދެ ލަޝްކަރުގެ ދެމެދުގައި ފެށި ސުލްހައިގެ ވާހަކަތަކުގައި ދެ ލަޝްކަރުން ވެސް އެންމެ ފުރަތަމަ އެއްބަސްވީ، ހަމަލާ ބަދަލުކުރުން ހަފުތާއަކަށް މެދުކަނޑައިލުމަށެވެ.

އެއަށް ފަހު، ހަމަލާ ބަދަލުކުރުން މެދުކަނޑާލައިގެން ތިބޭ ދުވަސްވަރު، ދެ ލަޝްކަރުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމުގެ ވާހަކަތައް ދެއްކުމަށް ވެސް ދެ ފަރާތުން އެއްބަސްވި އެވެ. ނަމަވެސް އެއްބަސްވުމަށް އަމަލު ނުކޮށް، ދެ ފަރާތުގެ މެދުގައި އަނެއްކާ ވެސް ހަނގުރާމަ ފަށައި، އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި، އެއްބަސްވުމަށް އިހްތިރާމް ނުކުރުމުގެ އިލްޒާމް އަޅުވަން ފެށި އެވެ.

އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ހަމަލާ ބަދަލުކުރުން ހަފުތާއަކަށް މެދުކެނޑިގެން ދިޔަ އެވެ. އަދި އެ ހަފުތާ ނިމުމުން އިތުރު ހަފުތާއަކަށް ދެ ލަޝްކަރުން ވެސް އެއްބަސްވި އެވެ. ނަމަވެސް ހަމަލާތަކަށް ހުއްޓުމެއް ނާދެ އެވެ.

އެންމެ ފަހުން މި މަހުގެ ފުރަތަމަ ދުވަހު ސޫދާން ސިފައިން ވަނީ، އާރްއެސްއެފް ލަޝްކަރުން އެއްބަސްވުމަށް އަމަލުނުކުރާ ކަމަށް ބުނެ، ޖިއްދާގައި ބާއްވަމުން އައި ސުލްހައިގެ މަޝްވަރާތަކުން ވަކިވިކަން އިއުލާންކޮށްފަ އެވެ.

އެމެރިކާ އިން ބުނި ގޮތުގައި ޖިއްދާގައި ކުރި މަޝްވަރާތަކުގައި ވެސް، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓައިލުމުގެ ވިސްނުމެއް، ދެ ލަޝްކަރުން ކުރެ އެއްވެސް ލަޝްކަރެއްގައި ހުރި ކަމަކަށް ނުބެލެވެ އެވެ. އެހެން ނަމަވެސް، ސޫދާންގެ އާންމު ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ހާލަތުން މިންޖުކޮށްދިނުމަށްޓަކައި، ދެ ލަޝްކަރާ އެކު އިތުރު މަޝްވަރާތައް ބާއްވައިގެން ވިޔަސް، ހަމަލާ ބަދަލުކުރުން ހުއްޓުވޭތޯ މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް އެމެރިކާ އިން ބުނެ އެވެ.